ވިލާގެ ރިސޯޓުތަކުން ގާނޫނާ ހިލާފު އެއްވެސް ކަމެއް ކޮށްފައެއް ނުވާނެ: ގުރޫޕް ޖެނެރަލް މެނޭޖަރު

ވިލާ ހޮޓެލްސް އިން ހިންގާ ހުރިހާ ރިސޯޓްތަކަށް ފުުލުހުންނާ އެކު އަރައި ކަސްޓަމްސް އިން މިރޭ ފާސްކުރަން ފަށާފައި ވިޔަސް، ގާނޫނާ ހިލާފު އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށް އެ ކުންފުނިން މިރޭ ބުނެފި އެވެ.


ގްރޫޕް ޖެނެރަލް މެނޭޖަރު ގައިސަރު ނަސީމް "މިހާރު" އަށް ވިދާޅުވީ ކޯޓު އަމުރެއް ހިފައިގެން އެ ކުންފުނީގެ ހުރިހާ ރިސޯޓުތަކަށް އެރުމުން ލިބުނީ ކުއްލި ސިހުމެއް ކަމަށެވެ. އެ ކުންފުނިން ހިންގާ ފަސް ރިސޯޓަށް މިރޭ ކޯޓު އަމުރާއެކު އެރީ ކަސްޓަމްސްގެ ހަތަރު މީހަކާއި ދެ ފުލުހުންނާއި މީރާގެ މީހަކު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިއީ މި ކުންފުނީގެ ޗެއާމަން ގާސިމް އިބްރާހިމަށް ސިޔާސީ ގޮތުން ގެއްލުންދޭން ސަރުކާރުން އަޑީގައި އޮވެގެން ހިންގާ ވަރަށް ދަށު ދަރަޖައިގެ އަމަލެއް. މި ކުންފުނިން ގާނޫނާ ހިލާފު އެއްވެސް ކަމެއް ނޯންނާނެ،" ގައިސަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޯޓު އަމުރާ އެއްގޮތަށް އެ ރިސޯޓުތަކުގެ ސްޓޯރޭޖްގައި ރަލާއި އޫރުމަސް ހުރިވަރު ބަލަން ފުރުސަތު ދީފައިވާނެ ކަމަށެވެ. އަދި އެތަނުގައި ރަލާއި އޫރުމަސް ވިއްކަނީ ހުއްދަ އޮވެގެން ކަމަށް ވެސް ގައިސަރު ވިދާޅުވި އެވެ.

"މިތަނަށް ފުލުހުންނާއި ކަސްޓަމްސްއިން އެރުމުން ގެސްޓުން ވެސް ތިބީ ވަރަށް ކަންބޮޑުވެފައި. އަޅުގަނޑުމެންގެ މުވައްޒަފުންނަށް ވަނީ ނަފުސާނީ ވަރަށް ބޮޑު ބިރުވެރިކަމެއް ކުރިމަތިވެފައި،" އޭނާ ވިދާޅުވި އެވެ.

ސަން އައިލެންޑް ރިސޯޓް ފާސްކުރުމަށް ކަސްޓަމްސް އަށް ކްރިމިނަލް ކޯޓުން ދީފައިވާ އަމުރުގައި ބުނެފައިވާ ގޮތުގައި އެތަން ފާސްކުރަނީ ބޮންޑެޑް ވެއާހައުސް އިން ރޯޔަލް އައިލެންޑް ރިސޯޓަށް ގެންދިޔަ ބަނގުރާ އެ ރިސޯޓާ ގުޅުން ހުރި އެހެން ތަންތަނަށް ގެންދިޔަ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގަ އެވެ.