ފޯރި އާއި ޖޯޝާއެކު ސަން އައިލެންޑުގެ މުޒާހަރާ ކުރިއަށް

ވިލާ ކުންފުނީގެ ހުރިހާ ރިސޯޓުތަކަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާ ދެކޮޅަށް ސަން އައިލެންޑު ރިސޯޓުގައި ކުރާ ސިލްސިލާ މުޒާހަރާ މިއަދު އިތުރަށް ވަރުގަދަވެ، ފުޅާވާން ފަށައިފި އެވެ.


ރާއްޖޭގެ އެންމެ ބޮޑު ރިސޯޓު، ސަން އައިލެންޑުގެ ސްޓާފް އޭރިއާގައި މިއަދު ކުރި މުޒާހަރާގައި ބައިވެރިވި މީހުން ތިބީ ވަރަށް ފޯރި އާއި ޖޯޝުގަ އެވެ. މުޒާހަރާގެ ބައިވެރިން ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު، ވިލާގެ ރިސޯޓުތަކުގެ ހިމާޔަތުގައި އެތަންތަނުގެ މުވައްޒަފުން ޕެޓިޝަނެއް ތައްޔާރުކުރަން ފަށާފައިވާ ކަމަށް ވެ އެވެ.

ސަން އައިލެންޑުގައި މަސައްކަތް ކުރާ 300 އަށް ވުރެ ގިނަ މީީހުން ބައިވެރިވި މިއަދުގެ މުޒާހަރާގައި މައިގަނޑު ގޮތެއްގައި ގޮވަމުން ދިޔައީ ރައީސް އަބްދުﷲ ޔާމީނާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިސްތިއުފާ އަށާއި ވިލާ ގްރޫޕްގެ ޗެއާމަން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ސަރުކާރުން ކުރަމުން އަންނަ "ޖެއްސުން" ހުއްޓާލުމަށެވެ.

މިއަދުގެ މުޒާހަރާ ކުރިއަށް ގެންދިޔައިރު، އެ މުޒާހަރާގެ ބައިވެރިން ތިބީ ގާސިމަށް ކުރާ އަނިޔާ ހުއްޓާލުމަށް ގޮވާލާ ތަފާތު ޝުއޫރު ލިޔެފައިވާ ބޯޑުތައް ހިފަހައްޓައިގެންނެވެ. އެގޮތުން ގިނަ މީހުން ހިފަހައްޓައިގެން ތިބި ބޯޑުތަކުގައި ލިޔެފައިވާ ލިޔުންތަކުގެ ތެރޭގައި، "އަނިޔާވެރި ނުވެ އަޅުގަނޑުމެންގެ އާއިލާތަކަށް ހަމްދަރުދީވެ ލައްވާ"، "ސިޔާސީ ބޭނުމަށް ޓޫރިޒަމް ހަލާކުކޮށްލަން މަސައްކަތް ނުކުރޭ"، "ސަރުކާރުގެ ނޭއްގާނީ އަމަލުތަކުން ހަނާވާނީ ރައްޔިތުން"، "ގެސްޓުންނާއި މުވައްޒަފުން ތިބީ ބިރުވެރި ކަމެއްގައި"، "ގައުމުގެ ޓޫރިޒަމް ފުނޑާލުމަކީ ރައްޔިތުން ބަނޑަށް ޖެއްސުން" ހިމެނެ އެވެ.

މުވައްޒަފުން ބުނި ގޮތުގައި ވިލާގެ ރިސޯޓުތައް ހުއްޓާލަން ޖެހިއްޖެނަމަ، ގެއްލިގެން ދަނީ 5،000 ރައްޔިތުންގެ ވަޒީފާ އެވެ. ރައީސް ޔާމީނަށް މި އަހަރުގެ ރިޔާސީ އިންތިޚާބުގައި، ވިލާ ކުންފުނީގެ މުވައްޒަފުންގެ އާއިލާތައް ހިމެނޭ ގޮތަށް 50،000 މީހުންގެ ވޯޓު ވެސް ނުލިބޭނެ ކަމަށް މުޒާހަރާގެ ބައިވެރިން ބުންޏެވެ.

މުޒާހަރާގައި ބައިވެރިވާ މީހަކު ތާޅަފިއްޔެއް ހިފައިގެން މިއަދު އަޑު އުފުލަނީ. ---ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ވިލާގެ އެއްވެސް ރިސޯޓަކަށް ގާނޫނާއި ގަވައިދާ ޚިލާފަށް ބަނގުރަލާއި އޫރުމަސް އެތެރެކޮށްފައި ނުވާ ކަމަށާއި އެ ރިސޯޓުތަކަށް އެ ތަކެތި އެތެރެ ނުކުރެވޭ ގޮތް ހެދީ ގާސިމްގެ ވިޔަފާރި އާއި ޓޫރިޒަމް ފުނޑާލުމުގެ ބޭނުމުގައި ކަމަށް ބުނެ، މުޒާހަރާ ކުރި މީހުން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.

ސަން އައިލެންޑުގެ އިތުރުން ގާސިމްގެ އެހެނިހެން ރިސޯޓުތަކާއި އޭނާގެ އުފަން ރަށް މާމިގިލީގައި ވެސް އިއްޔެ ވަނީ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކޮށްފަ އެވެ. މީގެ ތެރެއިން މުޒާހަރާ އެންމެ ވަރުގަދައީ އެންމެ މުވައްޒަފުން ގިނަ ސަން އައިލެންޑުގެ އިތުރުން މާމިގިލީގަ އެވެ.

ގާސިމްގެ ރޯޔަލް އައިލެންޑް ރިސޯޓުން ބަނގުރަލާއި އޫރުމަސް އޭނާގެ އެހެން އެހެން ރިސޯޓްތަކަށް ގެންދާ މައްސަލާގައި އެ ރިސޯޓްތަކަށް ކަސްޓަމްސްގެ އޮފިސަރުން އަރައި ވަނީ ފާސްކޮށްފަ އެވެ. އަދި ފަން އައިލެންޑް ރިސޯޓުގައި ހުރި ގިނަ އަދަދެއްގެ ރާ ވަނީ ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

ރޯޔަލް އައިލެންޑުން ވިލާގެ އެހެން ރިސޯޓުތަކަށް ބަނގުރަލާއި އޫރުމަސް ގެންދާ މައްސަލާގައި، އެ ރިސޯޓަށް އެ ތަކެތި އެތެރެކުރުމުގެ ހުއްދަ އިކޮނޮމިކް މިނިސްޓްރީން ވަނީ އިއްޔެއިން ފެށިގެން ހަ މަސް ދުވަހަށް ހިފަހައްޓައިފަ އެވެ.