ޖިންސީ ވާހަކަތަކާއެކު ކުޑަކުދިންގެ ފޮޓޯ އާއްމު ކުރި ޕޭޖް ޑިލީޓްކޮށްލައިފި

ކުޑަ އަންހެން ކުދިންތަކެއްގެ ފޮޓޯ އާއްމުކޮށް، އެ ކުދިންނަށް ޖިންސީގޯނާކުރަން ހިތްވަރުދީ، ފޭސްބުކްގައި ހިންގި ޕޭޖު ދިވެހި ފުލުހުންގެ އެދުމަށް މިރޭ ޑިލީޓްކޮށްލައިފި އެވެ.


ފުލުސް އޮފީހުން މިރޭ ބުނީ އެ ޕޭޖު ޑިލީޓްކުރުވީ އެ މުއައްސަސާ އިން ފޭސްބުކްގައި އެދިގެން ކަމަށެވެ. ޕޭޖު ޑިލީޓްކުރުވި ނަމަވެސް ބޭއަދަބީ ބަސްތަކާއެކު ކުޑަކުދިންގެ ފޮޓޯ އާއްމުކުރި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނިގޮތުގައި މި ޕޭޖު ހިންގި މީހުން ހޯދައި، ފިޔަވަޅު އަޅާނެ އެވެ.

އުމުރުން ދިހަ ވަރަކަށް އަހަރުން ދަށުގެ ދިވެހި އަންހެން ކުދިންގެ ފޮޓޯ މި ޕޭޖުގައި ހިމަނާފައިވަނީ ޖިންސީ ގޯނާއަށް ހިތްވަރު ލިބޭގޮތަށް ވަރަށް ބޭ އަދަބީ ބަސްތަކާ އެކުގަ އެވެ. މިދިޔަ އަހަރުގެ މޭ މަހުން ފެށިގެން މި ޕޭޖު ހިންގަމުން އަންނައިރު، މިކަން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ވަރަށް ފަހުންނެވެ. ރާއްޖޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަ ފަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ. އަދި އެފަދަ މީހުންނަށް ގާނޫނުގެ ދަށުން ހަރުކަށި އަދަބުތައް ވެސް ދެ އެވެ.