ވިލާ ހޮޓެލްސް އިން ހިންގާ ސަން އައިލެންޑް ރިސޯޓުގައި ތިބި ޓޫރިސްޓުންތަކަކަށް ހިދުމަތް ދެނީ. ފޮޓޯ: ހުސެއިން ވަހީދު /މިހާރު
31 ޖެނުއަރީ 2018 - 14:12
ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީން ދައުލަތަށް ދައްކަން ޖެހޭ ފައިސާއިން ބައެއް ދައްކައި ހަލާސްކޮށްފި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ސިވިލް ކޯޓުގައި ދައުވާ ކުރި، 1.2 މިލިއަން ޑޮލަރު އެ ކުންފުނިން ދެއްކުމުން އެ މައްސަލަ އެ ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން ސެކްޝަނުން އިއްޔެ ވަނީ ނިންމައި ހުކުމްކޮށްފަ އެވެ. މީރާ އިން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ މިދިޔަ މަހުގެ 19 ވަނަ ދުވަހު އެވެ.
ސިވިލް ކޯޓުން އެ މައްސަލަ ނިންމީ، ވިލާ އިން މީރާ އަށް އެ ފައިސާ ދެއްކުމުން އެ މައްސަލަ ހައްލުވެފައިވާ ކަމަށް މިދިޔަ ހޯމަ ދުވަހު ކޯޓުގައި ބަޔާން ދިނުމުން ކަމަށް ވެސް އެ ހުކުމުގައި ބުނެފައިވެ އެވެ.
މީރާ އިން ދައުވާ ކުރީ ވިލާ ޝިޕިން އިން ގްރީން ޓެކްސްގެ ގޮތުގައި، ވިލާގެ ހަތަރު ރިސޯޓަކުން ދައްކަން ޖެހޭ 1،188،585 ޑޮލަރު ހޯދުމަށާއި ކަނޑައެޅިފައިވާ ތާރީހަށް އެ ފައިސާ ދައްކާފައި ނުވާތީ އޭގެ ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ 89،880 ޑޮލަރާ އެކު ޖުމްލަ 1،278.465 ޑޮލަރު (19.7 މިލިއަން ރުފިޔާ) އެއްފަހަރާ ހޯދުމަށެވެ.
ވިލާ ޝިޕިން އިން ދައުލަތަށް ދައްކަންޖެހޭ ފައިސާއިން ބައެއް ދެއްކި ނަމަވެސް، އެ ކުންފުނިން ދައްކަންޖެހޭ ފައިސާގެ އިތުރު މައްސަލަތަކެއް ސިވިލް ކޯޓުގައި ކުރިއަށް އެބަގެންދެ އެވެ.
ރާއްޖޭގެ އެންމެ ބޮޑު އަމިއްލަ ޓޫރިޒަމް ކުންފުނިން ދައުލަތަށް ދައްކަން ޖެހޭ 2.9 ބިލިއަން ރުފިޔާ ނުދައްކައިގެން ކަމަށް ބުނެ، އެ ކުންފުނީގެ ރިސޯޓުތަކަށް ދީފައިވާ އޫރުމަހާއި ރާ ވިއްކުމުގެ ހުއްދަ ސަރުކާރުން ވަނީ ހިފަހައްޓައިފަ އެވެ. އަދި އެ މައްސަލައާ ގުޅިގެން ވިލާގެ ބައެއް ރިސޯޓުތަކަށް ކަސްޓަމާއި ފުލުހުން އަރައި، ފަން އައިލެންޑްގައި ހުރި ރާ ސްޓޮކް ވަނީ ގެންގޮސްފަ އެވެ.
ވިލާ ޝިޕިންގުން ދައްކަން ޖެހޭ ފައިސާއިން ބައެއް މިދިޔަ ހޯމަ ދުވަހު ދައްކާފައި ވަނިކޮށް، ޓޫރިޒަމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ވިލާ އިން ދައުލަތަށް ދައްކަންޖެހޭ ފައިސާތައް ދައްކާނެ ކަމުގެ އުންމީދުގައި، އެ ކުންފުނީގެ ރިސޯޓްތަކަށް، ރާ ވިއްކުމުގެ ވަގުތީ ލައިސެންސެއް ދީފައި ވިޔަސް، އެ ފައިސާ ދެއްކުމުގައި ވިލާ އިން އެއްބާރުލުން ނުދޭ ކަމަށެވެ. އެކަމަކު އެ ކުންފުނީގައި އެ ނިޔަތެއް ނެތް ކަން ހާމަވާތީ ކުރިމަގުގައި އިތުރު ލުއިތަކެއް ނުދޭނެ ކަމަށާއި ރާ ވިއްކަން ދީފައިވާ ވަގުތީ ހުއްދައިގެ މުއްދަތު ހަމަވުމުން އިތުރު މުއްދަތެއް ނުދޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
އަދި އެކަމާ ގުޅިގެން ވިލާގެ ރިސޯޓުތަކުން ދެމުން އަންނަ ހިދުމަތްތައް ހުއްޓުމަކަށް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް އެ މިނިސްޓްރީން ނެރުނު ބަޔާނުގައިވެ އެވެ.
މީރާއިން މި މަހުގެ 21 ގައި ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ވިލާ ޝިޕިންގެ ފަރާތުން ހިންގާ ހަތަރު ރިސޯޓަކުން މިދިޔަ އަހަރުގެ މާޗު މަހުން ފެށިގެން ޖީއެސްޓީ އާއި ގްރީން ޓެކްސް ނުދައްކާ ކަމަށާއި އޭގެ އަދަދު 5.1 މިލިޔަން ޑޮލަރަށް އަރާ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަރުކާނު
01 March 2018
ވިލާއިން ؟ ނޯންނާނެ ލޯ ލާރިއްވެސް ދައްކާކަށް.
ފާތުމާ
01 February 2018
ކޮބާ ސަރުކާރުން ވިލާ އަށްދަށްޖެހޭ ފައިސާގެ އެއްވެސް ބައެއް ދަށްކައިފިތަ؟
ހުތާ
01 February 2018
ދިވެހިރައްޔިތުންނަށް އެބަ އެނގެންޖެހޭ ސިޔާސީ ގިިނަ މީހުންނާއި މަހުޖަނުންގެ ވިސްނުން ހުންނަގޮތް، ވިޔަފާރިވެރިން ސިޔާސީ ވެގަންނަނީ ނުވަތަ މަޖިލީހުންނާއި ސަރުކާރުގެ ބާރުގަނދަ ގޮނޑިތަކަށް ޝައުގުވެރިވެ އެކަންކަން ހާސިލު ކުރުމަށް އެތައް މިލިއަނެއް ހަރަދު ކުރުމުގެ ބޭނުން. އެމީހުން އެކުރަނީ އިންވެސްޓެކެވެ. އެއިންވެސްޓުން އެމީހުންނަށް ކުރާނީ ބޮޑު ފައިދާއެވެ. އެމީހުންގެ ބޭނުމަކީ މޮޅެތި ވާހަކަތައް ދައްކައިގެން ރައްޔިތުން މޮޔަ ހައްދާލާފައި އެމީހުންގެ ޖީބުތައް ފުރާލުމެވެ. ހަގީގަތަކީ އެމީހުން އެމުއްސަތިވާ ގޮތަށް މުއްސަތި ވުވަކީ ހަމަނިކަން ފަސޭހަ ކަމެކެވެ. އެކަމަކު އެމީހުން އެގޮތަށް ލިބިގަންނަ ފައިސާއިން ހަގީގީ އުފަލެއް ނުހޯދޭނެއެވެ.
އަޑަފި
01 February 2018
ދެން ހުރިލާރިއަކީވެސް ދައްކަންޖެހޭ ލާރިއެވެ. މައުމޫނު ވެރިކަމުގައި އެފައިސާ ހޯދަން އުޅުމުން، އިދިކޮޅު ފަރާތްތަކާ ގުޅިގެން މައުމޫނު ވެރިކަމުން ބޭލީއެވެ. ޤާސިމްގެ އެހީތެރިކަމާއެކު އައި މުޙައްމަދު ނަޝީދު ގެ ސަރުކާރާއެކު ހެދި ސްޓެލްމަންޓް އެއްބަސްވުމާ ޚިލާފުވުމުން އެފައިސާ ހޯދަން އުޅެން ފެށުމުން މުޙައްމަދު ނަޝީދުގެ ސަރުކާރު ވައްޓާލުމަށް މަސައްކަތްކޮށް އެ ސަރުކާރު ވައްޓާލީއެވެ. ޤާސިމްގެ މަދަދާއެކު ޔާމީނަށް ވެރިކަން ލިބުމުން އަލުން ސްޓެލްމަންޓް އެއްބަސްވުމެއް ހެދުމަށްފަހު އެ އެއްބަސްވުމާ އެއްގޮތަށް ފައިސާ ހޯދަން އުޅުމުން، މިހާރު ނުކުމެ އެހުންނެވީ ޔާމީނު ވެރިކަމުން ބޭލުމަށެވެ. މަހުޖަނުން ދައުލަތައް ދައްކަން ހުރި ދަރަނިތައް ނުދެއްކުމަށްޓަކައި މުޅި ޤައުމުގެ ނިޒާމު ފުނޑާލަމުން އެގެންދަނީ، ވެރިކަމާހެދި ދަހިވެތިވެފައިވާ ބައެއްގެ ހިޔަނީގައި މަހުޖަނުން ތިބެގެންނެވެ. މިކަމުން ހުރިހާވެސް ގެއްލުމެއް ލިބެނީ ނިކަމެތި ރައްޔިތުންނަށެވެ.
އެމްއޯޔޫ
01 February 2018
ހަމަ ނިކަމެތި ރައްޔިތުންނަށެވެ.
ގޮހޮރު
31 January 2018
ދައްކަން ޖެހޭ އެއްޗެއް އޮތިއްޔާ ދައްކާ ގާސިމޫ
ޕާޕަރު
31 January 2018
ދައްކަން ނުޖެހޭ ލާރިވެސް ދައްކާނެ ދޯ މިވަރު ކުރީމަ! ދެން ރެހެންދި ފްލެޓް ބޭފުޅުން މިރޭ ނުނިދާ ވިސްނާތި ދެން ކުރެވެން އޮތީ ކޮން އުނދަގުލެއްތޯ! ކޮން ޖޫރިމަނާއެއްތޯ ދެންް ޕޮސިބަލްއީ!! ދެން މިލާރި ލިބުނީމަ މާ ތަރައްޤިިިިިިިިީއެއް ލިބޭނެ ކަމަށް ހީވާ ޤަމަރުއްނިސާމެންނަށް ބުނެލާނީ ޔަޤީނޭ މިހާރު ބައިއަޅާ ނިންމާފައޭ ވާނީ! ތިބޭ އަތްޖަހަން.
ޝޫޝް
31 January 2018
ދައްކަން ނުޖެހޭ އެއްޗެއް މިވަރުކޮށްލީމަ ދެއްކީއޭ ބުނެލީމައެއްނުންތަ އެނގޭނީ ޕާޕަރޫރޫރޫ...
ޕާޕަރުތެލުލާ
01 February 2018
ދައްކަންނުޖެހޭ ލާރިއެއް ގާސިމް އަތުން އެހެން އަތުލެވޭނީ ދެއްކި ފައިސާއެއްގެ ލިއެކިއުމުގައި އެއްވެސް ހަރުދަނާކަމެއްނެތީމަ. ދައްކާފަ ހުރި ފައިސާއެއްނަމަ މޭ ފުއްޕާލާފަ މިއޮތީ ދައްކާފައޭ ބުނެވޭނެ. ނުދައްކާ އޮތީމަ އެދެއްކީ.
ބާސިމް
31 January 2018
ކުރިންވެސް ތިގޮތް އޮތް ދޯ، ކަސްޓަމަކާ ފާޑު ފާޑެއް ނުކުރެވޭނެ
ރަތްޔަތުމީހާ
31 January 2018
ދައްކަން ނުޖެހުނަސް ޖެހޭކަމައް ދައުލަތުން ބުނެފިނަމަ ދައްކަން ޖެހޭނެ ސަރުކާރުން ވިލާއައް ދައްކަންޖެހޭ ފަިސާ ވެސް އަދިއޮންނާނެތާ
ކަނަމަނަ
31 January 2018
ބަލަ މިއޮތް ހުރިހާދުވަހު ކީ އެއްވެސް ފައިސާއެއް ދައްކަން ނޯންނާނެ ވާހަކަ. ދައްކަން ނުޖެހޭ ފައިސާއެއް މި ދެއްކީ ކީއްވެބާ؟ ފައިސާ ދައްކަން އޮތީތާ ދޯ. މިއޮތީ އެކަން ފަޅާ އަރާފަތާ.
ހަސީނާ
31 January 2018
ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ 5.1 މިލިއަންގެ އެއްބައި ދެއްކިފަހުންވެސް ކީއްވެބާ ޓޫރިޒަމް މިނިސްޓްރީން އިނގިރޭސިން ބަޔާން ނެރެފަ ވިލާއިން ލާރި ދައްކާކަށް ނޫޅޭ ބުނަނީ..
ނަސީމާ
01 February 2018
މޭފުޅާކޮށްފަ، ވިލާއިން ދައްކަން ޖެހޭ އެއްވެސް ފައިސާއެއް ނޯންނާނެއޭ މީޑިއާތަކަށް އަރާ ކިޔާތީ؟ ލާރި ދެއްކީމައެއް ނޫންދޯ ދައްކަން ނޫޅެއޭ ބުނީ؟ ދައްކަން ނުޖެހޭނެއޭ ބުނީމަ. ދިވެހިން ތަންކޮޅެއް ބޮލުގެ ބޭނުންކުރަން ވެއްޖެކަންނޭނގެ.