ދާންދޫގައި 87 ގެ އެޅުމަށް އެމްޓީސީސީން އިތުރު ތިން މިިލިއަަން ރުފިޔާ ނެގި: އޮޑިޓް ރިޕޯޓު

ގއ. ދާންދޫގައި 87 ހައުސިން ޔުނިޓް އެޅުމަށް މޯލްޑިވްސް ޓްރާންސްޕޯޓް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އިތުރު ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ނަގާފައިވާ ކަމަށް ހައުސިން މިނިސްޓްރީގެ އޮޑިޓަ ޖެނެރަލްގެ ރިޕޯޓުން އިއްޔެ ހާމަވެއްޖެ އެވެ.


ގއ. ދާންދޫގައި 87 ހައުސިން ޔުނިޓް އެޅީ 2006 ގައި ސައުދީ ފަންޑުން ލިބުނު ލޯނު އެހީއެއްގެ ދަށުންނެވެ. އެ މަސައްކަތް ކުރުމަށް ހައުސިން މިނިސްޓްރީން ހަވާލު ކުރީ އެމްޓީސީސީއާ އެވެ. އެ ގެތައް ނިމުމާ ގުޅިގެން މިހާރު އެތަންތަނުގައި ވަނީ މީހުން ދިރިއުޅެން ފަށައިފަ އެވެ.

އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު އާންމު ކުރެއްވި، ހައުސިން މިނިސްޓްރީގެ 2015 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓުގައި ވަނީ އެމްޓީސީސީން ހުށަހެޅި ބިލަކަށް ދެ ފަހަރަށް ފައިސާ ދައްކާފައިވާ ކަމަށެވެ. އެހެންވެ، އެ މަޝްރޫއަށް އެމްޓީސީސީއަށް ހަ މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައިވެ އެވެ.

އެގޮތުން އެމްޓީސީސީގެ ބިލުގައިވާ ތިން މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދުމަށް ހައުސިން މިނިސްޓްރީ އަށް ހުށަހެޅުމުން މިނިސްޓްރީގެެ ބިލަށް ދައްކާފައިވާ ކަމަށް ވެސް އެ ރިޕޯޓުގައިވެ އެވެ.

އޭގެ ފަހުން ފިނޭންސް މިނިސްޓްރީއަށް ބިލު ހުށަހެޅުމުން ފިނޭންސް މިނިސްޓްރީގެ ހާއްސަ ބަޖެޓުން ވެސް ތިން މިލިއަނަށްވުރެ ގިނަ ރުފިޔާ ދެއްކި ކަމަށް އޮޑިޓް ރިޕޯޓުގައިވެ އެވެ.

އެހެންވެ، އޮޑިޓަ ޖެނެރަލް ވަނީ އެމްޓީސީސީ އަށް އިތުރަށް ދިން ތިން މިލިއަނަށްވުރެ ގިނަ ރުފިޔާ އަނބުރާ ހޯދައި ދައުލަތުގެ މާލިއްޔާއަށް ޖަމާ ކުރުމަށް އަންގަވައިފަ އެވެ. އަދި ސަރުކާރުގެ މުވައްޒަފުންގެ އިހުމާލުން ދައުލަތަށް ލިބޭ ގެއްލުންތަކަށް އެ މުވައްޒަފުން ޒިންމާ ނަގަން ޖެހޭނެ ކަމަށާއި މިފަދަ މައްސަލައެއްގައި މުވައްޒަފުން އިއުތިރާޒު ކުރާނަމަ، ކަމުގެ ކުޑަބޮޑު މިނަށް ބަލައި އެ މައްސަލައެއް ހުށަހަޅަން ޖެހޭ ފަރާތަށް ހުށަހަޅަން ވާނެ ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.