އިއްޔެ ރާއްޖެ ވަޑައިގެންތަނުން ހައްޔަރުކުރި، މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ޝިނާން ކޯޓުން ނުކުންނަވަނީ.-- ފޮޓޯ: ހުސެން ވަހީދު /މިހާރު
05 ފެބުރުއަރީ 2018 - 14:51
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ ދެކޮޅަށް ފުލުހުން ތަހުގީގުކުރާ ރިޝްވަތާ ގުޅޭ މައްސަލަތައް ހިނގަނީ ސިޔާސީ މަގްސަދެއްގައި ކަން ކްރިމިނަލް ކޯޓުގެ ގާޒީ އާދަމް އާރިފް ފާހަގަ ކުރައްވާފައިވާ ކަމަށް މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ޝިނާންގެ ގާނޫނީ ވަކީލް މަސްތޫރު ހުސްނީ މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭން ބޭރުގައި ދުވަސްކޮޅަކު އުޅުއްވުމަށް ފަހު އިއްޔެ ރާއްޖެ ވަޑައިގަތްތަނުން އެއާޕޯޓުން އިއްޔެ ހައްޔަރު ކުރި ސިނާންގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުގައ އޭނާ ދޫކޮށްލީ ކޯޓުންނެވެ. ސިނާން ދޫކޮށްލުމާ ގުޅިގެން ކްރިމިނަލް ކޯޓުގެ ބޭރުގައި ހުންނަވައި މަސްތޫރު ވިދާޅުވީ ސިނާން ހައްޔަރުކޮށް ބަންދުގައި ބަހައްޓަން ދައުލަތުން އެދުނީ ރިޝްވަތު ދިނުމުގެ ތުހުމަތުގައި، ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫންގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގަށް ކަމަށެވެ.
އެކަމަކު، މި މައްސަލައަކީ ސިޔާސީ މަގްސަދެއްގައި ހުށަހެޅިގެން ހިނގާ މައްސަލައެއް ކަމާއި މި މައްސަލައިގައި ހުރި ހެކިތަކާއި އިޖުރާއުތަކަކީ ބާތިލް އިޖުރާއާތުތަކެއް ކަމަށް ސުޕްރީމް ކޯޓުގެ އަމުރުގައި ބަޔާންކޮށްފައިވާ ކަން ގާޒީ ފާހަގަކުރެއްވި ކަމަށް ވެސް މަސްތޫރު ވިދާޅުވި އެވެ.
ޝިނާން، ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދުގެ ގައިގައި ބައްދާލައްވަނީ..-- ފޮޓޯ: ހުސައިން ވަހީދު /މިހާރު
މަސްތޫރު ވިދާޅުވި ގޮތުގައި ސިނާން ރިޝްވަތު ނެގި ކަމަށް ހުށަހެޅި މައްސަލައިގައި ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެދުނީ މައްސަލައިގެ ޝަރީއަތް ނިމެންދެން ސިނާން ބަންދުގައި ބަހައްޓައި ދިނުމަށެވެ. އެކަމަކު، އިޖުރާއީ ގޮތުން ބޮޑެތި ހިލާފުތަކެއް ހުރި ކަމާއި މަޖިލީހުގެ މެމްބަރުން ހައްޔަރު ކުރުމާ ބެހޭ އިޖުރާއަތުތަކާ ވަރަށް ބޮޑަށް ހިލާފުވެފައިވާ ކަން ގާޒީ އަށް ދެންނެވި ކަމަށް އޭނާ ވިދާޅުވި އެވެ.
ސިނާންއާ ގުޅޭ ގޮތުން ރަނގަޅު މައުލޫމާތުތަކެއް ދީފައި ނެތް ކަން ގާޒީ ފާހަގަ ކުރެއްވިއިރު، މިއީ އަސާސެއް ނެތް މައްސަލައެއް ކަމާއި ހައްޔަރު ކުރުމާ ގުޅޭ އިޖުރާއަތުގައި ފުށުއެރުންތަކެއް ހުރި ކަމަށް ގާޒީ ވިދާޅުވި ކަމަށް ސިނާންގެ ވަކީލު މަސްތޫރު ވިދާޅުވި އެވެ.
ގިނަ ދުވަސްތަކެއް ވަންދެން ރާއްޖޭން ބޭރުގައި އުޅުއްވުމަށް ފަހު، އިއްޔެ ރާއްޖެ ވަޑައިގަތުމާއެކު ސިނާންގެ އިތުރުން މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ވެސް ފުލުހުން ހައްޔަރު ކުރި އެވެ. އެކަމަކު، އިލްހާމް ވެސް މިއަދު ވަނީ ކޯޓުން ދޫކޮށްލައިފަ އެވެ.
ކުރިން ރައީސް ޔާމީނާ އެންމެ ގާތުން މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިލްހާމާއި ސިނާނަކީ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި އިދިކޮޅު 12 މެމްބަރުންގެ ތެރޭގައި ހިމެނޭ ދެ ބޭފުޅުންނެވެ. ނަމަވެސް އެ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން މިހާރު ވަނީ ކަނޑައަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy