ރޭ ބޭއްވި ޖަލްސާގައި، ނިހާން ވާހަކަދައްކަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
05 ފެބުރުއަރީ 2018 - 21:27
ބޭރުގެ ފަރާތްތަކާ ގުޅިގެން ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން ހިންގާފައިވަނީ ހުތުރު އުދުވާނީ ހަމަލާއެއް ކަމަށް ޕީޕީއެމްގެ ޕާލަމެންޓް ގްރޫޕުގެ ލީޑަރު ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.
ޖަލަށް ލާފައިވާ ސިޔާސީ ބައެއް ބޭފުޅުން ދޫކޮށްލަން ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނެރުނު އަމުރަށް ފަހު، ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ވާހަކަދައްކަވަމުން ނިހާން ވިދާޅުވީ، އަދުލު އިންސާފު ގާއިމްކުރުމާ ގުޅޭ ކަންކަން ބޭރުގެ ފަރާތްތަކަށް ކިޔައިދިނުމަކީ ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މިހާތަނަށް ހިންގި އެންމެ ހަޑި ހުތުރު އުދުވާނީ ހަމަލާ ކަމަށެވެ.
އޭނާ ވިދާޅުވީ ވަކިކޮށްފައިވާ ތިން ބާރުގެ ތެރެއިން އެއް ބާރު ވެސް އެ ގޮތަށް އަމަލުކޮށްގެން ނުވާނެ ކަމަށެވެ.
"ބޭރުގެ ސަފާރާހާނާތަކަށް ގޮސް އާދޭސްކުރުމާއި އެ މީހުންނާ ވާހަކަ ދެއްކުމާއި އެ މީހުންނާ ބައްދަލުކޮށް ރާއްޖޭގެ އަދުލު އިންސާފު ގާއިމްކުރުމުގެ ކަންތައް ނިންމަންވީ ގޮތާއި ދަތިވެފައި ހުރި ކަންތައްތައް އެ މީހުންނަށް ކިޔައިދޭން ޖެހުމަކީ މި ދިވެހި ދައުލަތުގެ ކަރާމާތްތެރިކަން ކަނޑާލުމަށް ސުޕްރީމް ކޯޓުން ހިންގި އުދުވާނީ ހަމަލާއެއްގެ ގޮތުގައި އަޅުގަނޑު ގަބޫލުކުރަން،" ނިހާން ވިދާޅުވި އެވެ.
ނިހާން ވިދާޅުވީ އެއްވެސް މުއައްސަސާއެއްގެ ވެރިއަކު، ދިވެހި ރައްޔިތުންނަށް ކަމެއް ކޮށްދިނުމުގެ ނިޔަތުގައި އަދި އެނޫން ވެސް ނިޔަތެއްގައި ވެސް އެ މީހުންނާ ހަމައަށް އާދޭސްކޮށް އަތްތިލަ ދިއްކޮށް ސަލާމް ޖަހަން ޖެހުމަކީ ވަރަށް ހުތުރު ކަމެއް ކަމަށެވެ.
ބަންދު ދުވަހެއް ކަމަށް ބުނެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް، ރައީސް އަބްދުﷲ ޔާމީން ފޮނުއްވި ސިޓި ބަލައިނުގެން ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަން ފާހަގަކުރައްވައި ނިހާން ވިދާޅުވީ، އެފަދަ ކަންތައްތައް ކުރާއިރު، އެއް އަތުން ފޯނު ހިފައިގެން އަނެއް އަތުން ބޭރުގެ ސަފީރަކަށް ގުޅައިގެން މައުލޫމާތު ދެއްވާ ކަމަށެވެ. އޭނާ އެ އިޝާރާތް ކުރެއްވީ، އިނގިރޭސި ވިލާތުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޭމްސް ޑޯރިސް މިއަދު އުއްތަމަ ފަނޑިޔާރާ ގުޅުއްވުމަށް ފަހު ކުރެއްވި ޓްވީޓަަށެވެ.
ޑޯރިސްގެ ޓްވީޓުގައި ވިދާޅުވީ އޭނާ މިއަދު އުއްތަމަ ފަނޑިޔާރަށް ގުޅުއްވި ކަމަށާއި ކޯޓުގެ ފަނޑިޔާރުންނަށް ބޮޑެތި ޕްރެޝަރުތަކެއް ކުރިމަތިވާ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި ކަމަށެވެ.
"ރައީސް ފޮނުވި ތިން ސިޓީ ވެސް ބަންދު ދުވަހެއް ކަމަށް ބުނެ ބަލައިގެންފައިނުވާ ކަމުގެ އަޑު އެހިން. އެފަދަ ކަންތައްތައް ކުރާއިރު، އެއް އަތުން ފޯނު ހިފައިގެން އަނެއް އަތުން ބޭރުގެ ސަފީރަކަށް ގުޅައިގެން ތިމަންނައަށް ދެންމެ ސިޓީއެއް ލިބިއްޖޭ ސިޓީގައި އޮތީ މި ނުކުތާއޭ އަކުރުން އަކުރަށް ބަހުން ބަހަށް ތަރުޖަމަނާކޮށް އެ އެއްޗެހި ފޮނުވައިދީ ދެން ހަދަންވީ ގޮތް ބޭރުގެ ފަރާތްތަަކުން އަހަން ޖެހިއްޖެކަމުގައި ނަމަ އެއީ ވަރަށް ނުރައްކާތެރި މިންވަރެއްގައި ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު އެހެން ގޮތަކަށް ބަދަލުކުރުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ބަޔަކު ނުވަތަ އިސްކޮށް ތިބި ދެ ފަނޑިޔާރުން ގައިރު ގާނޫނީ އަދި ގައުމަށް ވަރަށް ގެއްލުންހުރި ގައްދާރުހުރި އަމަލެއް،" ނިހާން ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބްރާހިމްބެ
06 February 2018
ނިހާނުމެން ހިންގާ ޖަރީމާ ވަކިކުޑަތަ މިހާރުވެސް އަބްދުއް ރަހީމްބެ ރެހެންދި 6 ކުން ދެމަފިރިންނަށް ދެފުލެޓް ނުވަމިލިޔަން ރުފިޔާޔައް މަކުނުދޫ އައްޒާމް ބޯޓް ގަތީ ކިހާވަރަކަށް ކަމެއް އަދިނޭންގެ ތަފްޝީލު ލިބުމުން އަންގާލާނަން އަދި އަނގަ އެބަގަޅަޔެއްނު ކޮބާބާ މިނިހާނުގެހާލަކީ ގައިމުވެސް ގަނޑުފަށެއް ގަނެފަ އޮންނާނީ !!! ޔަގީން ޔަގީން މަށައް ހަމަޔަގީން
މަންސޫރު
06 February 2018
ކޮމެންޓު ޗެކްކޮއްލަން އައި އިރު ފެނުނީ މިސޮރު ކިޔާ އެއްޗަކަށް އަޅާލާނެ ބައެއް ނެތްކަން. ދެރަ ވާނެ.
ބެއްޔާ
06 February 2018
ގައްދާރު ބަހުގެ މާނަ އެނގިލަށްވާތޯ..؟
ތުނިޔަ
06 February 2018
ޢުދުވާނީ ހަމަލާޔަކަށް އެރިފަ ވެއްޓުނަސް ނިހާނުމެނަކަށް ނޭނގޭނެ!