ރާއްޖޭގެ ސިޔާސީ ހާލަތު ގޯސްވެ، ކުއްލި ހާލަތު އިއުލާންކުރީ ގާނޫނުއަސާސީއާ ޚިލާފަށް ކަމަށް އިދިކޮޅު ފަރާތްތަކުން މިރޭ ބުނެފި އެވެ.
މިރެއިން ފެށިގެން ކުރިއަށް އޮތް 15 ދުވަހަށް، ރައީސް އަބްދުﷲ ޔާމީން ކުއްލި ހާލަތު އިއުލާން ކުރެއްވުމާ ގުޅިން، ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ، ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ އެއީ އެއްގޮތަކަށް ވެސް ގަބޫލު ކުރެވޭނެ ގަރާރެއް ނޫން ކަމަށެވެ.
އޭނާ ވިދާޅުވީ ގައުމުގައި ކުއްލި ހާލަތު އިއުލާން ކުރެވޭނީ ގުދުރަތީ ކާރިސާއެއް ދިމާވެގެންނާއި ނުރައްކާތެރި ބަލި މަޑުކަމެއް ފެތުރިގެންނާއި ހަނގުރާމައެއް ނޫނީ ގައުމީ ސަލާމަތަށް ނުރައްކާވާވަރުގެ ހަމަލާއެއް ކުރިމަތި ވެއްޖެ ހާލަތެއްގައި ކަމަށެވެ. އެކަމަކު އެއިން އެއްވެސް ހާލަތެއް ކުރިމަތި ނުވާ ކަމަށާއި ރައީސް އެ ގަރާރު ނެރުއްވީ ސުޕްރީމް ކޯޓުގެ އަމުރުގެ އަމުރު ގަބޫލު ނުކުރައްވަން ވެގެން ކަމަށް އިބޫ ވިދާޅުވި އެވެ.
"ހަމައެކަނި ސަރުކާރަށް ކުރިމަތިވެފައިވާ ނުރައްކަލަކީ ނޫނީ ގަބޫލު ނުކުރާ ކަމަކީ ސުޕްރީމު ކޯޓުން ނެރުނު އަމުރު. އެ އަމުރު ތަންފީޒު ނުކުރުމަށްޓަކައި ބަހަނާ ދައްކަމުން އައިސް މިއޮތީ ގާނޫނު އަސާސީގެ އިމުން ބޭރުވެފައި" އޭނާ ވިދާޅުވި އެވެ.
ގާނޫނު އަސާސީ 253 ވަނަ މާއްދާގެ ދަށުން، މިރޭ ރައީސް ނެރުއްވި ގަރާރުގައި ރައްޔިތުންގެ މަޖިލީހާއި ސުޕްރީމް ކޯޓަށް ބައެއް ބާރުތައް ލިބިދޭ މާއްދާތައް ވަނީ ސަސްޕެންޑްކޮށްފަ އެވެ. އެގޮތުން ރައީސުލް ޖުމްހޫރިއްޔާ އާއި ނައިބު ރައީސް ވަކިކުރަން މަޖިލީހަށް ބާރު ލިބިދޭ މާއްދާ އާއި ވަޒީރުންގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް މަޖިލީހަށް ބާރު ލިބިދޭ މާއްދާ ވެސް ވަނީ ހިފަހައްޓައިފަ އެވެ.
މީގެ އިތުރުން ގާނޫނު އަސާސީ އާއި ގާނޫނު މާނަ ކުރުމުގައި އަދި ޝަރީއަތުން ބަލާ މައްސަލަތަކުގައި ފަހު ބަސް ބުނުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިދޭ މާއްދާ އާއި ރައީސްގެ ވަކިކުރަން މަޖިލީހުން ނިންމާ ނިންމުމާ މެދު ބަސް ބުނުމަށް ސުޕްރީމް ކޯޓަށް އޮތް ބާރު ވެސް ވަނީ އެ ގަރާރުން ހިފަހައްޓައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ވިދާޅުވީ މި ގަރާރާ މެދު ސުވާލު އުފެދިއްޖެ ނަމަ ދާން އޮތްތަނަކީ ސުޕްރީމް ކޯޓު ކަމަށާއި އެކަމަކު އެކަން ވެސް މިހާރު ކުރެވެން ނެތް ކަމަށެވެ. އެހެންވެ، ކުއްލި ހާލަތުގެ މި އިއުލާނުގެ ސައްހަ ކަމާ މެދު އެހެން މެމްބަރުން ވެސް ސުވާލު އުފެއްދެވި އެވެ.
ކުރިއަށް އޮތް 15 ދުވަހުގެ މުއްދަތަށް ނެރުނު މި ގަރާރުގައި ހިފަހައްޓާފައިވާ ބައެއް މާއްދާތަކުގެ ސަބަބުން ސުޕްރީމު ކޯޓާއި ރައްޔިތުންގެ މަޖިލީހުގެ މުހިއްމު މަސައްކަތްތަކެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެ، މެމްބަރުން ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
އިބޫ ވިދާޅުވީ މިނިސްޓަރުންނާއި އެހެން އިސް ބޭފުޅުން މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމުގެ ހައްގު ނުހިފެހެއްޓޭނެ ކަމަށެވެ. އަދި ގާނޫނު އަސާސީ ފުރިހަމައަށް ހިންގޭނެ ގޮތަށް ހުރި ގިނަ މާއްދާާާތައް ހިފަހައްޓާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކަމަކު މިގަރާރު ނެރުނު ކަމުގައި ވިޔަސް ނަމަވެސް، އިސްލާހަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދާނަން. މިހެން ނެރޭ ގަރާރަކުން އަޅުގަނޑުމެންގެ ހިތްވަރެއް އެލުވައެއް ނުލެވޭނެ،" އިިބޫ ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވީ މި ފަދަ ހާލަތެއްގައި ތަންފީޒީ މަސައްކަތް ކުރަނީ ސިފައިންނާއި ފުލުހުން ކަމަށާއި އެހެންވެ، ގާނޫނު އަސާސީ އާއި ގާނޫނުތައް ނެގެހެއްޓުމަށް އެ މީހުންނަށް އިލްތިމާސް ކުރާ ކަމަށެވެ.
ރިޔާޒު ވިދާޅުވި ގޮތުގައި ރައީސް ޔާމީން މި ފަދަ ގަރާރެއް ނެރުއްވުމުގެ ބޭނުމަކީ ފަނޑިޔާރުގެއާއި އިދިކޮޅު ސިޔާސީ މީހުންގެ މަސައްކަތްތަކަށް ހުރަސް އެޅުމެވެ. އެކަމަކު އެކަން ވިޔަ ނުދިނުމަށް ފުލުހުންނާއި ސިފައިން މަސައްކަތް ކުރާ މަންޒަރު ފެންނަ ކަމަށާއި އަދި އެ މީހުން ވަޒީފާއިން ވަކިކޮށް، މަގާމުން އެކަހެރިކޮށްފައި ބަހައްޓަމުން އަންނަ ކަން ވެސް އެނގިވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.