ޚާއިނުންގެ ނުބައި ރޭވުންތަކުން ސަލާމަތްވާނެ: ނިހާން

ޚާއިނުންގެ ނުބައި ރޭވުންތަކުން ރާއްޖެއަށް ދޭން އުޅޭ ކޮންމެ އުދުވާނީ ހަމަލައަކުން ސަލާމަތްވާނެ ކަމަށް، ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން މިއަދު ވިދާޅުވެއްޖެ އެވެ.


ވެރިކަން ކުރާ ޕާޓީ، ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިހާން ވިދާޅުވީ މާލެ ހަލަބޮލިވުމާއެކު، އިދިކޮޅު ފަރާތްތަކުން ކެނޑިނޭޅި ރާއްޖެއަށް ބޭރުގެ އެކި ފަރާތްތައް ވެއްދޭތޯ މަސައްކަތް ކުރި ކަމަށެވެ. އަދި ޓޫރިސްޓުން ރާއްޖެ އައުން ހުއްޓުވޭނެ ހުރިހާ ދޮރުތަކެއްގައި އިދިކޮޅު ފަރާތްތަކުން ޓަކި ޖެހުން ބާރު ކުރި ތަން ފެނިގެންދިޔަ ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.

ވިލިމާލެ ދާއިރާގެ މެމްބަރު ވިދާޅުވި ގޮތުގައި ރާއްޖޭގެ އާބާދީގެ ތިން ބައިކުޅަ އެއްބައި މީހުން މާލޭގައި ދިރިއުޅޭއިރު، މާލޭގެ މަގުތަކަށް މީހުން އެއްކޮށް، އިޖުތިމާއީ މިންގަނޑުތަކާ ޚިލާފަށް އުޅެމުން ދިޔަ ނަމަވެސް، އާންމު ދިރިއުޅުމަށް އެއްވެސް ބަދަލެއް ނާދެ އެވެ. ރާއްޖެއަށް ޓޫރިސްޓުން ވެސް އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ނިހާނު ވަނީ ރައީސް އަބްދުﷲ ޔާމީންގެ ހިތްވަރަށާއި އެމަނިކުފާނުގެ ކެބިނެޓާއި ސަލާމަތީ ބާރުތަކުން ރާއްޖޭގެ ދުސްތޫރު ނަގައި ދަމަހައްޓައި ރައްޔިތުންގެ ވެރިކަމެއް ކުރުމަށް ކުރެއްވި މަސައްކަތަށް ސާބަސް ދަންނަވައިފަ އެވެ. އަދި ކުއްލިއަކަށް ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނަށް އައި ބަދަލު ވަރަށް ބޮޑަށް ދިިރާސާކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

ރޭ އިރާކޮޅުން ފެށިގެން 15 ދުވަހުގެ މުއްދަތަށް ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ވަނީ ހައްޔަރުކޮށްފަ އެވެ. މި ތިން ބޭފުޅުންގެ އިތުރުން، ފުލުހުން ރޭ ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ހައްޔަރު ކޮށް ދޫނިދު އަށް ގެންގޮސްފަ އެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ފުލުހުން މަސައްލަތް ކުރަނީ އަމިއްލަ އެއްވެސް އެޖެންޑާއެއް ނެތި ތެދުވެރިކަމާއި ސާބިތުކަމާއެކު ކަމަށެވެ. އަދި ސަލާމަތީ ބާރުތަކުން ކުރާ އިޚުލާސްތެރި މަސައްކަތަށް އަބްދުއްރަހީމް ޝުކުރު ދެންނެވި އެވެ.

މީގެ އިތުރުން، ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ބޭރުގެ ފަރާތްތަކުން ނުވަންނާނެ ކަމަށާއި ރާއްޖެއަށް ބަޣާވާތެއް ގެނައުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވާފައި ވާތީ އެކަން ތަހުގީގުކޮށް ދިނުމަށް ކަމާ ބެހޭ ފަރާތްތަކަށް ގޮވާލައްވާ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ނަޝީދު ވާހަކަފުޅު ހުރީ ރާއްޖޭގެ އިސްތިގުލާލަށް ނުރައްކާވާނެ ގޮތަށެވެ.

ދިވެހި ރައްޔިތުންނާ މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން މިއަދު ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ ފަނޑިޔާރުން ޖަވާބުދާރީ ކުރެވޭނެ ގޮތެއް ނެތިގެން ކަމަށެވެ. އަދި "ބަޣާވާތް" ފެށުނު ހިސާބު އެނގެން ބޭނުންވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.