މަޝްހޫރު ވަކީލުންތަކެއްގެ ސަސްޕެންޝަން އުވާލައިފި

ބަލަމުންދާ މައްސަލައަކާ ގުޅިގެން ސަސްޕެންޑް ކޮށްފައިވާ މަޝްހޫރު ގާނޫނީ ވަކީލުންތަކެއްގެ ސަސްޕެންޝަން ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިރޭ އުވާލައިފި އެވެ.


ސަސްޕެންޝަން އުވާލި ވަކީލުންގެ ތެރޭގައި ހިމެނެނީ މައްޗަންގޮޅީ އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މާރިޔާ އަހުމަދު ދީދީ އާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން އާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރުގެ އިތުރުން މަހުފޫޒް ސައީދެވެ.

އިއްޔެ ވަނީ ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދުގެ ސަސްޕެންޝަން އުވާލައިފަ އެވެ.

އެ ވަކީލުން ސަސްޕެންޑްކުރީ މިދިޔަ ސެޕްޓެމްބަރު މަހު 54 ވަކީލަކު ސޮއިކޮށް ސުޕްރީމް ކޯޓުން ހުށަހެޅި ޕެޓިޝަނަކާ ގުޅިގެންނެވެ. އެ މައްސަލާގައި ސޮއިކުރި ގިނަ އަދަދެއްގެ ވަކީލުންގެ ސަސްޕެންޝަން މީގެ ކުރިން އޮތީ އުވާލައިފަ އެވެ.

ސަރުކާރާއި އިދިކޮޅަށް މަސައްކަތް ކުރައްވާ މަޝްހޫރު ގާނޫނީ ވަކީލުންތަކެއްގެ ސަސްޕެންޝަން އުވާލާފައިވާއިރު، ޖަލު ހުކުމްތަކެއްގައި ތިއްބެވި ސިޔާސީ ލީޑަރުންތަކެއް މިނިވަން ކުރަން ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނެރުނު އަމުރު ސަރުކާރުން ތަންފީޒުނުކޮށް، ސަރުކާރުން ރޭ ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށްފަ އެވެ.