މަޝްވަރާ ނުފަށަނީސް އިދިކޮޅާއި ޕީޕީއެމުން ޖެހިއްޖެ

ރާއްޖޭގައި ހިނގަމުންދާ ސިޔާސީ ހަމަނުޖެހުންތަކާ ގުޅިގެން އިިދިކޮޅު ޕާޓީތަކާ އެކު މަޝްވަރާ ކުރަން ސަރުކާރުން ދިން ދައުވަތާ ގުޅިގެން އިދިކޮޅު ކޯލިޝަނުން ބޮޑެތި ޝަރުތުތަކެއް ކުރިމަތިކުރުމާ އެކު ޕީޕީއެމުން އެ ޝަރުތުތައް ގަބޫލު ނުކުރާނެ ކަމަށް ބުނެފި އެވެ.


މިއަދު ހަވީރު އިދިކޮޅު ހަތަރު ޕާޓީގެ ފަރާތުން ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީތަކުން ސަރުކާރަށް ކުރިމަތިކުރި ޝަރުތަކީ އިދިކޮޅު ލީޑަރުން ދޫކޮށްލަން ސުޕްރީމް ކޯޓުން މިމަހުގެ ފުރަތަމަ ދުވަހު ނެރުނު އަމުރު ތަންފީޒު ކުރުމާއި މަޝްވަރާކުރާ ނަމަ މެދުވެރިއެއްގެ ރޯލު އދ. އިން އަދާކުރުމެވެ. އެކަމަށް އެދި އދ. އަށް ވެސް އިދިކޮޅު ޕާޓީތަކުން ސިޓީ ފޮނުވާފައިވާ ކަމަށާއި އެ ނޫން ގޮތަކަށް ސަރުކާރާ އެކު ކުރާނެ އެއްވެސް މަޝްވަރާއެއް ނެތް ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވި އެވެ.

އިބޫ ވިދާޅުވި ގޮތުގައި އދ. މެދުވެރިވެގެން މަޝްވަރާތައް ފެށިޔަސް، މަޝްވަރާގައި ޕާޓީތަކުން ބައިވެރިވާނީ ސުޕްރީމް ކޯޓުން މިމަހުގެ ފުރަތަމަ ދުވަހު ނެރުނު އަމުރު ތަންފީޒު ކުރުމުންނެވެ. އަދި ކުއްލި ހާލަތު އިއުލާން ކުރުމަށް ފަހު ހައްޔަރުކުރި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި މިހާރު ހައްޔަރު ކޮށްފައި ތިއްބެވި މަޖިލީހުގެ ތިން މެމްބަރުންނާއި ދެން ވެސް ތިއްބެވި ބޭފުޅުން ދޫކޮށްލުމަކީ ވެސް މަޝްވަރާއަށް ދިއުމުގެ ކުރިން އިދިކޮޅު ޕާޓީތަކުގެ ޝަރުތެކެވެ.

"އެ ނޫނަސް މިކަމަކާ ގުޅިގެން ބަންދުކޮށް، ހައްޔަރުކޮށްފައިވާ ފަރާތްތައް ދޫކޮށްލުމަށް ފަހުގައި އދ. ގެ މީޑިއޭޓަރެއްގެ ބައި އަދާކުރުމާ އެކު، އަޅުގަނޑުމެން މި ތިބީ ސަރުކާރާ އެކު ވާހަކަ ދައްކައި، ގައުމަށް މި ދިމާވެފައިވާ ކަންކަން ހައްލުކުރަން،" އިބޫ ވިދާޅުވި އެވެ.

އެކަމަކު ހަމަ އެވަގުތު ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ނައިބު ލީޑަރު އަދި މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މަޝްވަރާގައި ބައިވެރި ކުރުމަށްޓަކައި ކަމަށް ބުނެ އެއްވެސް މީހަކު ބަންދުން ދޫކުރުމަކީ ޕީޕީއެމުން ދެކޮޅު ހަދާ ކަމެއް ކަމަށެވެ. އެފަދަ ބަންދެއްގައި ހުރި މީހަކު ދޫކޮށްލައިގެން ކުރާ އެއްވެސް މަޝްވަރާއެއްގައި ޕީޕީއެމުން ބައިވެރިނުވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"ތަހުގީގެއްގައި ބަންދު ކޮށްފައި ހުރި މީހަކަށް ވިޔަސް އަދި ހުކުމެއް ކޮށްގެން ޖަލުގައި ހައްޔަރުކޮށްފައި ހުރި މީހަކު ދޫކޮށްލައިގެން ކުރާ މަޝްވަރާއަކަށް ޕީޕީއެމަކުން ނުދާނޭ. ޕީޕީއެމްއަކުން ބައިވެރިއެއް ނުވާނެ. އެހެންވީމަ މިކަމަށް ސަރުކާރުން ވަރަށް ފުންކޮށް ވިސްނައިވަޑައިގަންނަވާނެ ކަމަށް އުއްމީދު ކުރަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

މީގެ އިތުރުން މައްސަލަތައް ހައްލު ކުރުމަށް ބޭރުގެ އެއްވެސް ފަރާތެއް ބައިވެރިކުރަން ބޭނުން ނުވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. ރާއްޖޭގެ ކަންކަން ހައްލު ކުރުމުގެ ގާބިލްކަން ދިވެހިންގެ އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި އިދިކޮޅު ކޯލިޝަނުން ޝަރުތުތަކެއް ކުރުމުން އެނގިގެންދަނީ ގައުމަށް ހަމަޖެހުން ގެންނަން އިދިކޮޅު ކޯލިޝަނުން ބޭނުން ނުވާ ކަމެވެ. ކޮންމެ ފަހަރަކު މަޝްވަރާއަށް ގޮވާލުމުން ޖަލުގައި ތިބި މީހުން ދޫކޮށްލަން އިދިކޮޅު ކޯލިޝަނުން ޝަރުތު ކުރަނީ ކީއްވެގެންތޯ އޭނާ ސުވާލު އުފެއްދެވި އެވެ.

"ޖަލުގައި އެބަތިއްބޭ ލައްކަ ގިނަ ކުށްވެރިން. އެ އެންމެން ދޫކޮށްލާށޭ ބުނަން ވީ ނޫންތޯ؟. ސުލްހަވެރި ހައްލެއް ބޭނުން ނަމަ ކީއްވެގެންތޯ ޝަރުތުތަކެއް ކަނޑައަޅަންވީ؟." އަބްދުއްރަހީމް ވިދާޅުވި އެވެ.

މީގެކުރިން 2015 ގައި ވެސް ސަރުކާރުން އިދިކޮޅު ޕާޓީއަކާ އެކު މަޝްވަރާކުރި އެވެ. އޭރު ކުރި މަޝްވަރާތައް ފެއިލްވެފައި ވަނިކޮށް ދެވަނަ ފަހަރަށް ސަރުކާރުން މަޝްވަރާއަށް ދައުވަތު ދިނެވެ. އެކަމަކު އޭރު އިދިކޮޅު ފަރާތްތަކުން މަޝްވަރާ އަށް ދާން ބޭނުމެއް ނުވި އެވެ.