ނޫސްވެރިޔާ ހުސެއިންގެ އެތެރެހައްޓަށް ވަނީ އަނިޔާވެފައި: ރާއްޖެ ޓީވީ

އިދިކޮޅު ހަރަކާތުން އިއްޔެ ހަވީރާއި ރޭ މާލޭގައި ބޭއްވި އެއްވުން ކަވަރު ކުރުމަށް ހަރަކާތްތެރިވި ރާއްޖެ ޓީވީގެ ނޫސްވެރިޔާ ހުސެއިން ހަސަންގެ އެތެރެހައްޓަށް އަނިޔާވެފައިވާ ކަމަށް ރާއްޖެ ޓީވީން މިއަދު ބުނެފި އެވެ.


ހުސެއިން ހައްޔަރުކޮށްފައި ވަނީ، މަޖީދީ މަގާއި ޗާންދަނީ މަގު ކަންމައްޗަށް މީހުން އެއްވުމުން، އެ މަންޒަރުތައް ރާއްޖެ ޓީވީ މެދުވެރިކޮށް ކިޔައި ދެމުން ދަނިކޮށް، ފުލުހުން ނުކުމެ، ނޫސްވެރިން ފަހަތަށް ޖެއްސުމުގެ ތެރޭގަ އެވެ.

ރާއްޖެ ޓީވީން ތުހުމަތުކުރާ ގޮތުގައި ހުސެއިނަށް ފުލުހުން ވަނީ ވަރަށް ބޮޑަށް އަނިޔާކޮށްފަ އެވެ. އޭނާގެ ވާތްފަރާތު އަރިކައްޓާ ދިމާލުގައި ޖަހާފައިވާ ކަން އެނގޭ ނިޝާންތަކެއް ފެންނަން ހުރިއިރު، އެ ތަނުން ވަނީ ލޭކޮށައިގެން ގޮސްފަ އެވެ.

ހުސެއިން ރޭ ދަންވަރު އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައީ، ހައްޔަރުކޮށްގެން ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށްފައި ބެހެއްޓުމަށް ފަހު އެވެ. އަދި އޭނާ ފުލުހުންގެ ވެހިކަލެއްގައި އޭޑީކޭ އަށް ގެންދިޔައީ، އެވަގުތު ފުލުހުންގެ އިދާރާ އަށް އެހެން ކަމެއްގައި ގޮސް ތިބި ބައެއް ވަކީލުންނާއި މީޑިއާގެ ބައެއް މީހުންގެ އެހީތެރިކަމާ އެކު އެވެ. ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ހުސެއިންގެ ހޭނެތިފައިވާ ކަމަށް ރާއްޖެ ޓީވީން ބުނެ އެވެ.

އިދިކޮޅު ހަރަކާތުން ރޭ ބޭއްވި އެއްވުމުގެ ތެރެއިން ފުލުހުން ހައްޔަރުކުރި، ރާއްޖެ ޓީވީގެ ނޫސްވެރިޔާ ހުސެއިން ހަސަން އަށް ލިބިފައިވާ ބައެއް އަނިޔާތައް: ފުލުހުން އޭނާ އަށް ވަރަށް ބޮޑަށް އަނިޔާ ކޮށްފައިވާ ކަމަށް ރާއްޖެ ޓީވީން ބުނޭ.

ރާއްޖެ ޓީވީގެ ސީއޯއޯ ހުސެއިން ފިޔާޒް މޫސާ ވިދާޅުވީ ހުސެއިންގެ ހާލު ކުރިއަށް ވުރެ މިހާރު ރަނގަޅު ކަމަށެވެ. އެތެރެހައްޓަށް ގެއްލުން ލިބިފައިވާތީ އޮބްޒަވޭޝަނަށް ބާއްވާފައި އޮތް ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފިޔާޒް ވިދާޅުވި އެވެ. މިއީ ފަހުގެ ތާރީޚެއްގައި މިހާ ބޮޑު އަނިޔާއެއް ނޫސްވެރިއަކަށް ލިބުނު ފުރަތަމަ ފަހަރު ކަމަށް ވެސް ފިޔާޒް ވިދާޅުވި އެވެ.

"ހަށިގަނޑުގެ ބޭރުން އަނިޔާ ލިބިފައި ހުރި ކަމުގެ ނިޝާންތައް އެބަހުރި. ހުސެއިންގެ ހަށިގަނޑުގެ ބައެއް ތަންތަނުން މަށާލާފައި ހުރީ. އެއްޗަކުން ޖަހާފައި ހުރި ކަމުގެ ނިޝާން އެބަހުރި،" ފިޔާޒް ވިދާޅުވި އެވެ.

ހުސެއިނަށް އޭޑީކޭގެ އިމަޖެންސީގައި ފަރުވާ ދިނުމަށް ފަހު، މިހާރު ވަނީ ކޮޓަރި އަށް ބަދަލުކޮށްފަ އެވެ.

ގާނޫނީ ވަކީލު މަހްފޫޒް ސައީދު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހުސެއިން ފުލުހުންގެ އިދާރާ އަށް ހާޒިރުކުރިއިރު ވެސް އަނިޔާ ކޮށްފައިވާ ކަމަށެވެ. ވަކީލުން ތަކުރާރުކޮށް އެދުމުން ވެސް ހުސެއިން ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ އެތައް އިރެއް ފަހުން "މަތިން އޯޑަރު" ލިބުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހު ހޫނުވެ، އިދިކޮޅު ހަރަކާތުން ފަހަކަށް އައިސް ބާއްވާ އެއްވުންތައް ކަވަރު ކުރުމަށް ހަރަކާތްތެރިވާ ނޫސްވެރިންނަށް އަމާޒުކޮށް އިއްޔެ އާއި ރޭގެ އެއްވުންތަކުގައި ފުލުހުން އަނިޔާވެރިވެފައިވާ ކަމަށް އެ ހަރަކާތް ކަވަރު ކުރުމަށް އުޅުނު ނޫސްވެރިން ބުނެ އެވެ.

އޭގެ ތެރޭގައި ސީދާ ނޫސްވެރިންގެ މޫނަށް އަމާޒުކޮށް ޕެޕާ ސްޕްރޭ ޖެހުމާއި އެއްވުން ކަވަރު ކުރުމަށް ގަސްދުގައި ހުރަސް އެޅުމާއި އަނިޔާ ކުރުން ހިމެނޭ ކަމަށް ބައެއް ނޫސްވެރިން ބުންޏެވެ. ނޫސްވެރިންނަށް އަނިޔާ ކުރި ކަމަށް ބުނެ އިދިކޮޅު ޕާޓީތަކުން ވަނީ ފުލުހުންނަށް ފާޑު ކިޔައިފަ އެވެ.