ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ރައީސުލް ޖުމްހޫރިއްޔާ ނެރުއްވި ގަރާރު ބާތިލްކުރަން ހުށަހެޅި މައްސަލަ ބަލައިގަނެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމައިފި އެވެ.
މި މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު ރާއްޖޭގައި ހިނގަމުންދިޔަ ކަންތައްތަކާ ގުޅިގެން 15 ދުވަހުގެ މުއްދަތަށް ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތު ބާތިލް ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫނެވެ.
އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން ނިންމި ނިންމުމުގައި ވަނީ އެއީ ގާނޫނުއަސާސީގެ 253 ވަނަ މާއްދާ އާއި 254 ވަނަ މާއްދާއާ ޚިލާފަށް ނެރެފައިވާ ގަރާރެއް ކަމަށް ބަލަންޖެހޭ ދުސްތޫރީ އަސާސެއް ނެތް ކަމަށެވެ. އެހެންވެ އެ މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށް އެ ނިންމުމުގައި ވެ އެވެ.
އެ ނިންމުމުގައި ވަނީ ކުއްލި ހާލަތު އިއުލާން ކޮށްފައި ވަނީ ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ ފަދަ ކަމެއް ކުރިމަތިވެ، އެކަމަށްޓަކައި ވަގުތުން ފިޔަވަޅު އެޅުމަށް ގައުމީ ސަލާމަތާ ބެހޭ ކޮމެޓީން ރައީސަށް ލަފާ ދީފައިވާތީ ކަމަށް އެ ގަރާރުގައި ބުނެފައިވާ ކަމަށެވެ. އަދި ގުދުރަތީ ކާރިސާއެއް ނުވަތަ ނުރައްކާތެރި ބަލިމަޑުކަމެއް ނުވަތަ ހަނގުރާމައެއް ނުވަތަ ގައުމީ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ ބިރުހީވެެއްޖެ ނަމަ ކުއްލި ހާލަތު އިއުލާން ކުރުމުގެ ބާރު ގާނޫނު އަސާސީގެ 253 ވަނަ މާއްދާއިން ރައީސަށް އޮތުމުން އެ ގަރާރަކީ ގާނޫނު އަސާސީއާ ޚިލާފް ގަރާރެއް ކަމަށް ބެލެވެން ނެތް ކަމަށް އެ ނިންމުމުގައިވެ އެވެ.
މީގެ އިތުރުން ކުއްލި ނުރައްކަލުގެ ހާލަތާ އެކު، ބައެއް ހައްގުތަކާއި މިނިވަންކަން ހިފަހައްޓައި، ބައެއް ގާނޫނުތަކަށް އަމަލު ކުރުން ވަގުުތީ ގޮތުން ހުއްޓާލެވިދާނެ ކަމަށް ގާނޫނު އަސާސީގެ 254 ވަނަ މާއްދާގައި ބަޔާން ކޮށްފައި ވާއިރު، އެ މާއްދާގައި ބަޔާން ކޮށްފައިވާ ފިޔަވަޅުތަކަކީ ރެސްޓްރިކްޓިވްކޮށް ނުވަތަ ގައިދުކޮށް ބަޔާން ކޮށްފައިވާ ފިޔަވަޅުތަކެއް ނޫން ކަމަށް ވެސް ނިންމުމުގައިވެ އެވެ. އަދި ދައުލަތުގެ އާންމު ނިޒާމު ރައްކާތެރި ކުރުމަށްޓަކައި ކޮންމެހެން އަޅަންޖެހޭ ފިޔަވަޅެއް އެޅުމުގެ ބާރު ކުއްލި ހާލަތުގައި ރައީސަށް ލިބިގެންވާ ކަމަށް ވެސް އެ ނިންމުމުގައި ވެ އެވެ.
ކުއްލި ހާލަތު ނެރުނު ގަރާރުގައި ގާނޫނުއަސާސީން ލިބިދޭ ބައެއް ހައްގުތައް ހިފެހެއްޓުމުގެ އިތުރުން ޖިނާއީ އިޖްރާއާތުގެ ގާނޫނަށް އަމަލު ކުރުން ވަގުތީ ގޮތުން ހުއްޓާލުމަށާއި ފަނޑިޔާރުންގެ ގާނޫނުގައި ފަނޑިޔާރުން ހައްޔަރު ކުރުމުގައި ޚާއްސަ އިމްތިޔާޒް ލިބިދޭ މާއްދާ އާއި އިތުރު މާއްދާއެއް ވެސް ވަނީ ސަސްޕެންޑްކޮށްފަ އެވެ.
ކުއްލި ހާލަތު އިއުލާން ކުރުމަށް ފަހު، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އިތުރު ބޭފުޅުންތަކެއް ވަނީ ހައްޔަރުކޮށްފަ އެވެ.