އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯދުމަށް ގޮސް ތިބި ބައެއް މީހުން މަޑުކޮށްލައިގެން: އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ އަދި ވެސް ހޭނާރާ ކަމަށް އާއިލާއިން ބުނޭ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
19 ފެބުރުއަރީ 2018 - 12:06
ހުޅުމާލޭގައި މިދިޔަ މަހު 27 ގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ އަދިވެސް ހޭނާރާ ކަމަށް އާއިލާއިން މިއަދު ބުނެފި އެވެ.
ސައިކަލަކާއި ޕިކަޕެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ސީރިއަސް ޒަހަމްތަކެއް ލިބުނު ފ. ފީއަލި މުހުތާރު ހަސަން، 25، އޭރުއްސުރެ ބާއްވާފައި އޮތީ އޭޑީކޭގެ އައިސީޔޫގަ އެވެ.
މުހުތާރުގެ އާއިލާއިން ވާހަކަދެއްކި މީހަކު ބުނީ އެކްސިޑެންޓުގައި އޭނާގެ ސިކުނޑިއަށް ވަރަށް ބޮޑަށް ގެއްލުން ލިބިފައިވާ ކަމަށެވެ. އެގޮތުން ސިކުނޑިއަށް ލޭ އެޅިފައިވާއިރު ބައެއް ނާރުތައް ހަލާކުވެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
"ކުރިއެރުންތަކެއް އެބަ ލިބޭ. އެކަމަކު އަދިވެސް ހޭނާރާ. ޑޮކްޓަރުން ބުނަނީ ރަނގަޅުވާން ވަގުތު ނަގާނެ ކަމަށް،" އާއިލާއިން ވާހަކަދެއްކި މީހާ ބުންޏެވެ.
އޭނާ ބުނިގޮތުގައި މުހުތާރު ރަނގަޅުވާނެ ކަމަށް ޑޮކްޓަރުން އުއްމީދުކުރެ އެވެ.
އެކްސިޑެންޓު ހިނގީ އޭނާގެ ކޮއްކޮއާ އެކު ފުޓްބޯޅަ ކުޅެން ދިޔަ މަގުމަތީގައި ހުޅުމާލޭ ހިތިގަސް މަގު، މައި ކޮލެޖް ކައިރިންނެވެ. މުހުތާރު އިނީ ސައިކަލް ފަހަތުގަ އެވެ. އެކްސިޑެންޓްގައި އޭނާ ޕިކަޕްގެ ދަށުވި އެވެ. އެކަމަކު ކޮއްކޮއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު ވަނީ ދޫކޮށްލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފުންއަސަރު
19 February 2018
މި ނުކުމެވެނީ މަގުމައްޗަށްކަން އެނގިހުރެ ނުކުންނާށެވެ. އިހުނުވި ރައްކަލެއް ފަހަކުން ނުވެވޭނެއެވެ. ޒުވާނާއަށް އަވަސް ޝިފާއެއް ދެއްވާށިއެވެ. އާމީން.