ވަކީލް މުއިއްޒު: އިމަޖެންސީ އިއުލާން ކުރިޔަސް ޖުޑިޝަރީ އާއި މަޖިލީހުގެ ބާރުތައް ނުހިފެހެއްޓޭނެ ކަމަކަށް ނުދެކޭ ކަމަށް އޭނާ ވިދާޅުވި --ފޮޓޯ/މިހާރު
19 ފެބުރުއަރީ 2018 - 18:19
ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާން ކުރަންޖެހޭ ފަދަ ސަބަބެއް ނެތް ކަމަށާއި އަދި އެފަދަ ހާލަތެއް އިއުލާން ކުރިޔަސް، ރައްޔިތުންގެ މަޖިލީހާއި ސުޕްރީމް ކޯޓުގެ ބާރުތައް ނުހިފެހެއްޓޭނެ ކަމަށް، މަޝްހޫރު ގާނޫނީ ވަކީލް އަހުމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓުން މިމަހުގެ ފުރަތަމަ ދުވަހު ނެރުނު އަމުރަކަށް ފަހު 15 ދުވަހުގެ މުއްދަތަށް ކުއްލި ނުރައްކަލުގެ ހާލަތު ވަނީ އިއުލާންކޮށްފަ އެވެ. ކުއްލި ނުރައްކަލުގެ ހާލަތާ އެކު ގިނަ އަސާސީ ހައްގުތަކެއް ހިފެހެއްޓުމުގެ އިތުރުން މަޖިލީހާއި ސުޕްރީމް ކޯޓުގެ ބައެއް ބާރުތައް ވެސް ވަނީ ހިފަހައްޓައިފަ އެވެ. އެކަމަކު ސުޕްރީމް ކޯޓުގެ ބައެއް ބާރުތައް ފަހުން ވަނީ އަލުން ދީފަ އެވެ. ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހަށް އިތުރުކުރަން މަޖިލީހަށް މިއަދު ހުށަހަޅައި، ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން ވަނީ އެ ހުށަހެޅުން ފާސްކޮށްފަ އެވެ.
ގާނޫނު އަސާސީ އިސްލާހުކުރި ޚާއްސަ މަޖިލީހުގެ މެމްބަރު ކަން ވެސް ކުރެއްވި މުއިއްޒު "މިހާރު" އަށް ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެވިދާނެ ހާލަތްތަކުގެ ގޮތުގައި ގާނޫނު އަސާސީގެ 253 ވަނަ މާއްދާގައި ބުނާ ފަދަ ހާލަތެއް މެދުވެރިވެފައިވާ ކަމަކަށް އޭނާއަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ. ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރި ގަރާރުގައި ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު، ގާނޫނު އަސާސީގައި ގައުމީ ސަލާމަތަށް ނުރައްކާވުން މާނަކޮށްފައިވާ މާނަ ކުރުމުގެ ތެރެއަށް މިހާރުގެ ހާލަތު ފެތޭނެ ކަމަށް ދެކެވަޑައިނުގަންނަވާތީ އެވެ.
"ގާނޫނު 274 ވަނަ މާއްދާގައި ގައުމީ ސަލާމަތަށް ނުރައްކާވުން މާނަ ކޮށްފައިވާ ގޮތަށް ބަލާއިރު ގައުމުގެ އިސްތިގްލާލަށް ނުވަތަ ސިޔާދަތަށް ނުވަތަ މީހުންގެ ޖިސްމަށް ނުވަތަ މުދަލަށް ބޮޑު ގެއްލުމެއް ލިބުން. ނުވަތަ ހަނގުރާމަވެރި ހަތިޔާރު ބޭނުން ކޮށްގެން ޓެރަރިސްޓް ހަމަލާތައް. މިއިން އެއްވެސް ކަމަކަށް މިހާރު ނުފެތޭ. އަޅުގަނޑު ގަބޫލެއް ނުކުރަން ގައުމީ ސިޔާދަތަށް ނުވަތަ އިސްތިގްލާލަށް ގެއްލުން ލިބުނު ކަމަކަށް،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަންޖެހޭ ފަދަ ސަބަބެއް އޮތް ކަމަށް ބަހުސްގެ ބޭނުމަށްޓަކައި ބެލި ކަމުގައި ވިޔަސް، އެ ހާލަތު މިހާރު ވަނީ ނެތި ގޮސްފަ އެވެ. އެގޮތުން ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރުގައި ފާހަގަކޮށްފައިވާ ކަންކަމުގައިވާ، ހުކުމް ތަންފީޒުކުރާ ބައެއް ބޭފުޅުން ދޫކޮށްލަން އެންގި އެންގުމާއި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ބާރުތައް ސުޕްރީމް ކޯޓުން ހިފެހެއްޓި ހިފެހެއްޓުން ސުޕްރީމް ކޯޓުން މިހާރު ބާތިލް ކޮށްފައިވާ ކަން އޭނާ ފާހަގަ ކުރެއްވި އެވެ. އެހެންވެ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ދެއްކި ސަބަބު މިހާރު ނެތި ގޮސްފައިވާ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.
"ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރި ކުރުން ރަނގަޅު ކަމަކަށް އަޅުގަނޑު ގަބޫލު ކުރަނީކީއެއް ނޫން. އެކަމަކު ބަހުސް ބޭނުމަށްޓަކައި ބެލިކަމުގައި ވިޔަސް، އެ ގަރާރުގައި ފާހަގަ ކޮށްފައިވާ މައިގަނޑު ކަންތައްތައް މިހާރު ހައްލު ވެއްޖެ އެ ބައި ބާތިލް ކުރީމަ. އެއީ ޖޭއެސްސީގެ ކަންތަކާއި ނުވަ ބޭފުޅުން މައްސަލަ. އެހެންވީމަ ކޮންމެހެން ބޭނުންވާ މިންވަރަށް އެކަމެއް އޮންނަން ޖެހޭނީ. އެއީ ގާނޫނު އަސާސީގައި ބުނެފައި އޮތް ގޮތް. ސަބަބު ނެތި ހިނގައްޖެއްޔާ އޭތި ނިންމަން ވެސް އެބަޖެހޭ،" ގާނޫނު އަސާސީީގެ ޑްރާފްޓިން ކޮމެޓީގައި ވެސް ހިމެނިވަޑައިގެންނެވި މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި ކުއްލި ހާލަތު އިއުލާން ކުރިޔަސް، ހިފެހެއްޓޭނީ އަސާސީ ހައްގުތައް އެއާ ގުޅުންހުރި ގާނޫނުތައް އެކަންޏެވެ. އޭގެ ބަދަލުގައި މަޖިލީހާއި ސުޕްރީ ބާރުތައްް ހިފެހެއްޓޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޖުޑިޝަރީގެ ބާރުތަކާއި މަޖިލިސްގެ ބާރުތައް ހިފެހެއްޓިދާނެ ކަމަކަށް އަޅުގަނޑު ނުދެކެން،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު އިތުރަށް ވިދާޅުވި ގޮތުގައި މިމަހުގެ ފުރަތަމަ ދުވަހު ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރުގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރި ކަމަށް އޭނާ ވެސް ގަބޫލު ކުރައްވަ އެވެ. އެގޮތުން އެ އަމުރުގައި ދޫކޮށްލަން އެންގި ބައެއް ބޭފުޅުންނަކީ އެކިއެކި ކުށްތައް ސާބިތުވެފައި ތިބި ބޭފުޅުން ކަމަށްވާއިރު، އެ ބޭފުޅުން ދޫކޮށްލަނީ ކޮން މައްސަލައެއްގައި ކަން އެނގެން ނެތް ކަން އޭނާ ފާހަގަ ކުރެއްވި އެވެ. އަދި ޖޭއެސްސީގެ ބާރުތައް އެ އަމުރުގައި ހިފެހެއްޓި ހިފެހެއްޓުމަކީ ވެސް ކުރެވޭނެ ކަމެއް ކަމަށް ދެކެވަޑައިނުގަންނަވާ އޭނާ ވިދާޅުވި އެވެ.
"އެ އަމުރުގައި މައްސަލައެއް ނެތް ކަމަށް އަޅުގަނޑު ގަބޫލު ކުރަނީކީއެއް ނޫން. ރައީސުލް ޖުމްހޫރިއްޔާއަށް ގޮންޖެހުންތަކެއް ދިމާވެދާނެ. ބަލައިގަންނަން ދަތިފުޅު ކަންތައްތަކެއް ވެސް ދިމާވެދާނެ. އަދި އަޅުގަނޑު ގަބޫލުކުރަން ޖޭއެސްސީގެ ބާރުތަކަށް ހިފަހައްޓާފައި އޮތްކަން ވެސް. އެކަމަކު އޭގެ މާނައެއް ނޫން 253 އިންވޯކް ކޮށްގެން އިމަޖެންސީ ޑިކްލެއާ ކުރެވިދާނެ ކަމަކަށް،" ކުރިން ޕްރޮސެކިއުޓާ ޖެނެރަލް ކަން ކުރެއްވި މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރަށް ވޯޓަށް އަހަން ޖެހޭނީ މަޖިލީހުގެ 43 މެމްބަރުން ހާޒިރުވެ ތިބޭ ޖަލްސާއެއްގަ އެވެ. އެ ނޫން ގޮތަކަށް، އެފަދަ ގަރާރަކާ މެދު ނަގާ ވޯޓެއް ސައްހަ ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"43 މެމްބަރުން ތިބެން ވޯޓު ނަގަން ޖެހޭނީ. އެ ނޫން ގޮތަކަށް ތިބެގެން މަޖިލީހުން ނަގާ ވޯޓަކީ ސައްހަ ވޯޓެއް ކަމަކަށް ނުވާނެ،" އޭނާ ވިދާޅުވި އެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރި ގަރާރާ ގުޅިގެން މަޖިލީހުގައި މިއަދު ބޭއްވި ޖަލްސާ އިދިކޮޅު ފަރާތްތަކުން ވަނީ ބޮއިކޮޓްކޮށްފަ އެވެ. އެކަމަކު ސަރުކާރަށް ތާއީދުކުރާ 39 މެމްބަރުންގެ ވޯޓުން އެ ގަރާރުގެ މައްސަލަ ގައުމީ ސަލާމަތާ ބެހޭ ކޮމެޓީއަށް ވަނީ ފޮނުވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނުރަބޯ
21 February 2018
އިންސާނީ ކަރާމަތަށް ބެލި ރައްޔިތުންނަށް ފައިދާޔާ ލާބަޔާ މަންފާ ހުރި ސަރުކާރެއް ރައީސް ޔާމީންގެ ސަރުކާރު ނޫނީ އަދި މިގައުމަކު ގާއިމެއް ނުވޭ.
އިލީގަލް
20 February 2018
ކުއްލި ނުރައްކާ އޮތީ ވެރިކަން ވެއްޓުމާމެދު. ކުއްލި ނުރައްކަލުގެ ހާލަތު ދިގުދަންމަން އެއުޅެނީ ވެރިކަން ނުވެއްޓޭތޯ.
78642
20 February 2018
އިންސާނީކަރާމަތަށް މިއަށްވުރެބޮދަށް އަރާގެންފައިވާ ސަރުކާރެއް ހިއެއްނުވޭ އަންނާނެހެން ، އަދި ވައްކަމާއި ކޮރޮޕްޝަންވެސް މިސަރުކާރުގެ ވެރިންހިންގިވަރަށް ހިންގާނެބަޔަކުވެސް ދެން އައުމަކީ ނާދިރުކަމެއް ، މިސަރުކާރުން ވަނީ މަޖްލީހުގެ މިންބަރުންނާއި މުއައްސަސާތަކުގެ ވެރިންނާއި ފަނޑިޔާރުންނަށް ހަލާލުނޫންގޮތުގައި ފައިސާ ހޯދާނެމަގު ދައްކާ ރަނުގެ ފުރުސަތުތަކެއް ހުޅުވާދީފައި ، ވަރަށް ސަލާމް
ނމނިނ
20 February 2018
ރައީސް ޔާމީންގެ ޢުމުރު ހުސްވެގެން ރައީސްކަން ނިމެންދެން ކުއްލި ހާލަތު އިޢުލާނު ކޮށްފިން
87644
20 February 2018
އިންސާނީނކަރާމާތް ނަގާލުމުގެ ގޮތުގައި ހިމެނޭއެންމެ ފުރަތަމަަކަމަކީ އިނސާނުން ރަހީނު ކުރުން. އެއީ ގާނޫނު އަސާސީގެ ދެވަނަ ބާބުގައި ވާ ފަރުދީ މިނިވަންކަން. އިނޓަރނޭޝަނަލް ލޯގަވެސް އެންމެން ގަބޫލުކުރާ ހައްގަކީ މިނިވަންކަމައެކު ދިރިއުޅެވުން. ނަޝީދު އެހައްގު ފޭރިގަތީ. ތިކަަހަލަ ފޮތާ ބީރައްޓެހި ގަމާރުން ނަކަށް ނޭނގޭނެ މިކަަހަލަ އެއްޗެއްސެއް.
8765
20 February 2018
ބަލިކަށިވުންކަޑައަޅަނީ އިދިކޮޅު އެކްޓިވިސްޓުން?
ހގފދ
20 February 2018
އޮފަރ އެއްލިބުނީ. ކުރިންހުރީ ތިމާގެ އަމިއްލަ މަގާމުގަ ހައިސިއްޔަތެއް ނޯންނާނެ އަިއްލަފަރުދަކަށް. މަޖްލީސް މެންބަރުންގެ ބަދަލުގަ މަޖްލީހަށްލާފަ ހުރެއްޖެއްޔާ ހައިސިއްޔަތު ލިބިދާނެ. އެއީވެސް ގާނޫނެއްގަ ނެތް މަފްހޫމެއް.
ނައުސް
20 February 2018
އިންވެލުޑް. ހާލަތު ކަޑައެޅޭނީ ރައީސްއަށާ މަޖްލީހަށް. ކަޑަ ކަމެއް އަމިއްލަ ރައުޔު ފާޅުކުރުމުގެ އިހްތިސާސް ނެތްމީހުން ރައުޔު ފާޅުކުރުމަކީ. އަގުވެއްޓުން ނޫންކަމެއް ނުވާނެ.
ބޮޑު މުހައްމަދު
20 February 2018
ދޮރު ގަ އަތްޅީމަ ގޯ ސް ވާތީ އިދިކޮޅުން މަޖިޅިހައް ނުވަންނާތީ މައްސަޅަ އަކީ ފާރުމަތިން އޯކޭ
ޕޮކަންޑިމޭން
20 February 2018
މުއިއްޒުއަކީ މިހާރު މިފެންނަ އަޅުގަނޑުމެންގެ ރައީސް ވިދާޅުވާފަދަ ފުންނާބުނޫން ތަނެއް އުސްނޫން ވަކީލެއްނޫން. އަބަދުވެސް އިންސާފުގެ މަގުގައި ވަކިކޮޅަކަށް ބުރަނުވެ ތެދުބަހުން ޤާނޫނީބަސް ނުވަތަ ހިޔާލުފާޅުކުރަމުން އައިސްފައިވާ ނަޒާހާތްތެރި ބޭފުޅެއް. ކުރިމަތީގައިމިވާ ޤާނޫނީ ބޮޑު މައްސަލައަށް އެބޭފުޅާގެ އަތުގައިހުރި މައުލޫމާތުގެ މައްޗަށް ބުރަވެ ބަހުސްގެ ބޭނުމަށްޓަކައި ފާޅުކުރި ހިޔާލުގައި ބޭރުފުށުން ބަލައިއިރު މައްސަލައެއްނެތް. ނަމަވެސް ކުރިމަތިވެފައިވާ ހާލަތުގެ ނުރައްކަލުގެ ބޮޑުކަމާއި، ދައުލަތުގެ މުއައްސަސާތަކަށް ރިޝްވަތުދީ ނުފޫޒުފޯރުވާފައިވާ މިންވަރާއި، ޤައުމީ ސަލާމަތާއި ސިޔާދަތަށް ނުރައްކާވެފައިވާ މިންވަރު އެނގޭނީ މިސަރުކާރުގެ އެންމެ އިނާ ސައިކަލް ތެރޭގައި އުޅުއްވާ އެމައުލޫމާތު އިނގޭ ބޭފުޅުންނަށް. އެމައުލޫމާތު ފުރިހަމައަށް އިނގޭނަމަ މުއިއްޒުގެ ރައުޔު މިކަމުގައި ތަފާތުވާނެކަން ކަށަވަރު.
ނުރަބޯ
21 February 2018
ހެއްހެއް އެހެންވެތާ ޕީޖީ ކަމުން މުޢިއްޒު ބޭރުކޮށްލީ.