މިއަދުގެ ވޯޓުގައި ނަޝީދު ބައިވެރިވެވަޑައެއް ނުގެންނެވި

ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރާ ގުޅޭ ގޮތުން މިއަދު ހަވީރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ ޖަލްސާގައި، ނެގި ވޯޓުގައި ކުޅުދުއްފުށީ ދެކުނު ދާއިރާގެ ޕީޕީއެމްގެ މެމްބަރު މުހައްމަދު ނަޝީދު ބައިވެރިވެވަޑައިނުގެންނެވި އެވެ.


ރައީސް އަބްދުﷲ ޔާމީން މި މަހުގެ ފަސް ވަނަ ދުވަހުގެ ރެއިން ފެށިގެން 15 ދުވަހަށް އިއުލާން ކުރެއްވި، ކުއްލި ނުރައްކަލުގެ ހާލަތުގައި ހިފަހައްޓާފައިވާ، ރައްޔިތުންގެ މަޖިލީހުގެ ބާރުތަކާއި ކޯޓުތަކުގެ ބާރުތައް އިޔާދަ ކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު 30 ދުވަހަށް ދަންމަން، ރައްޔިތުންގެ މަޖިލީހުގެ 38 މެމްބަރުންގެ ވޯޓާ އެކު މިއަދު ފާސްކުރިއިރު، މަޖިލީހުގައި ނަޝީދު އިންނެވި ނަމަވެސް އޭނާ އެއިން އެއްވެސް ވޯޓެއްގައި ބައިވެރިވެވަޑައެއް ނުގަތެވެ.

އެކަމަކު އޭގެ ސަބަބެއް ނޭނގެ އެވެ.

ނަމަވެސް ނަޝީދަކީީ، 15 ދުވަހުގެ މުއްދަތަށް އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރުގައި ހިފަހައްޓާފައިވާ، ރައްޔިތުންގެ މަޖިލީހުގެ ބާރުތަކާއި ކޯޓުތަކުގެ ބާރުތައް އިޔާދަ ކުރުމަށަށް، ގަރާރާ މެދު މަޖިލީހުގައި ބަހުސް ކުރިއިރު އެންމެ ބޮޑަށް ވަކާލާތު ކުރެއްވި މެމްބަރެވެ.

ކުއްލި ނުރައްކަލުގެ ހާލަތާ ގުޅޭ ގަރާރާ ގުޅޭ ގޮތުން މަޖިލީހުގައި މިއަދު ނެގި ވޯޓަށް ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދު ވެސް ވަޑައެއް ނުގަންނަވަ އެވެ. ޕީޕީއެމުން ބުނާ ގޮތުގައި، ފަޒާދުގެ ބައްޕަގެ ހާލު ސީރިއަސްވެ ސްރީ ލަންކާގެ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައިވާތީ، ފަޒާދު ހުންނެވީ އެ ގައުމުގަ އެވެ.