އައިހެވަން މަޝްރޫއުގެ މާސްޓަ ޕްލޭން ނިމިއްޖެ: ރައީސް ޔާމީން

އައިހެވަން މަޝްރޫއުގެ މާސްޓަ ޕްލޭން ހެދުމުގެ މަސައްކަތާއި ފީސިބިލީ ސްޓަޑީ ނިމިފައިވާ ކަން ރައީސް އަބްދުﷲ ޔާމީން މި ރޭ އިއުލާން ކުރައްވައިފި އެވެ.


އައިހެވަންގެ މާސްޓަ ޕްލޭންގެ މަސައްކަތް ސިންގަޕޫރުގެ ސުރުބަނާ ޖުރޮންގް ކުންފުންޏާ ހަވާލު ކުރީ 2016 ވަނަ އަހަރުގެ ފަހުކޮޅުގަ އެވެ. އަދި ފީސިބިލިޓީ ހެދީ އެެމެރިކާގެ ބޮސްޓަން ކޮންސަލްޓެންސީ ގްރޫޕާ (ބީސީޖީ) އިންނެވެ.

އައިހެވަން މަޝްރޫއުގެ ކުރެހުމެއް

އައިހެވަން އަކީ އިހަވަންދިއްޕޮޅުގައި ޒަމާނީ ބަނދަރަކާ އެކު، ބަނދަރުގެ ވިޔަފާރި އަށް ބޭނުންވާ އިތުރު ދާއިރާތަކެއް ހިމެނޭ ބޮޑު މަޝްރޫއެކެވެ. އެ ތަނުގައި މުދާ އުފެއްދުމާއި ބަންދުކުރުމާއި ޕްރޮސެސްކުރުމާއި ގުދަންކުރުމުގެ އިތުރަށް، ބައިނަލްއަގުވާމީ ކްރޫޒް ފެސިލިޓީ އާއި އެއާޕޯޓަކާއި ރިއަލް އެސްޓޭޓްގެ ބައިތައް ވެސް ހިމެނެ އެވެ. އެކަމަކު، މި މަސައްކަތުގެ އަމަލީ މަސައްކަތް އަދިވެސް ނުފެށެ އެވެ.

ރައްިޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި މި ރޭ އިއްވެވި ރިޔާސީ ބަޔާނުގައި، އައިހެވަން މަޝްރޫއާ ބެހޭ ގޮތުން ރައީސް ޔާމީން ހަމައެކަނި ވިދާޅުވީ އިހަވަންދިއްޕޮޅު މަޝްރޫއުގެ ފީސިބިލިޓީ އާއި މާސްޓާ ޕްލޭން ނިމިފައިވާ ކަމަށެވެ.

އޭގެ އިތުރުން ޒުވާނުންނަށް ވަޒީފާގެ ފުރުސަތު އިތުރުކޮށް، ސަރަހައްދަށް ޓޫރިޒަމް ފުޅާ ކުރުމުގެ ގޮތުން ހއ. ހޯރަފުށީގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް މި އަހަރު ފަށާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިދިޔަ އަހަރުގެ ގައުމީ އިގްތިސާދީ ދުވެލި 6.2 ޕަސަންޓުން 6.9 ޕަސަންޓަށް ކުރިއަރާފައިވާ ކަމަށެވެ. މިއީ 2016 އަށް ވުރެ މަތީ އަދަދެއް ކަމަށް ވާއިރު، އެއީ އިގްތިސާދީ ދުވެލި ރަނގަޅުވަމުން އަންނަ ކަމުގެ ނިޝާނެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އެގޮތުން ރާއްޖެއަށް ޒިޔާރަތް ކުރި ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރު ވަނީ 8 ޕަސަންޓު އިތުރުވެފައި ކަމަށް ރައީސް ވިދާޅުވި އެވެ. މިދިޔަ އަހަރު 1.3 މިލިއަން ޓޫރިސްޓުން ރާއްޖެ ޒިޔާރަތް ކުރި އެވެ.