ޖަލުގައި ހުންނެވި މައުމޫނާ އޭސީސީން ސުވާލުކުރަނީ

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގެ ފަހުކޮޅު، އޭރުގެ އޮޑިޓަ ޖެނެރަލް ނެރުއްވި އޮޑިޓް ރިޕޯޓްތަކުގެ މައްސަލާގައި އަންނަ ހަފްތާގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެމަނިކުފާނާ އަލުން ސުވާލު ކުރަން ނިންމައި، އެކަން އަންގައިފި އެވެ.


ކުރީގެ ރިޔާސީ ގަނޑުވަރު ތީމުގޭގެ އޮޑިޓް ރިޕޯޓްތަކުގައި ފާހަގަކޮށްފައިވާ ބައެއް ކަންކަމުގެ ތެރޭގައި ގާތް ބޭފުޅުންނަށް ހަރަދު ކުރެއްވި މައްސަލަ ހިމެނެ އެވެ. އެ ފައިސާ ހޯދަން އޮޑިޓް ރިޕޯޓުގައި ވަނީ ދައުލަތަށް ލަފާދީފަ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އޭސީސީގެ ޓީމަކުން ވަނީ ދޫނިދޫގައި ހުންނެވި މައުމޫންގެ އަރިހަށް ގޮސް، އޮޑިޓް ރިޕޯޓުތަކުގެ މައްސަލައިގައި އޭސީސީން ސުވާލު ކުރަން ބޭނުންވާ ކަމަށް ބުނެފަ އެވެ. އަދި އަންނަ ހަފްތާގައި ސުވާލުކުރަން ދޫނިދު އަށް ދާއިރު، ގާނޫނީ ގޮތުން ކަނޑައަޅާފައިވާ ހުރިހާ ހައްގެއް ލިބޭނެ ކަން ވެސް އޭސީސީގެ ޓީމުން އެންގި ކަމަށް އެނގިފައިވެ އެވެ.

ޝަމީމް ކުރެއްވި ޓުވީޓު.

މައުމޫންގެ ވަކީލު، ހުސެއިން ޝަމީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ 2007 ގައި މައުމޫންއާ ގުޅުން ހުރި މައްސަލައެއްގައި އެމަނިކުފާނާ ސުވާލުކުރަން އޭސީސީން މަސައްކަތް ކުރި ކަމަށެވެ. އަދި ވަކީލެއް ނެތި މައުމޫނާ ސުވާލުކުރަން އޭސީސީން މަސައްކަތް ކުރުމުން އެކަމާ ކަންބޮޑުވުން ވެސް ފާޅުކުރެއްވި އެވެ.

މައުމޫންގެ ވެރިކަމުގެ ފަހުކޮޅުގައި ނެރުނު އޮޑިޓް ރިޕޯޓްތަކުގެ ތަހުގީގު ނިންމުމަށްޓަކައި، މައުމޫން އޭސީސީ އަށް ހާޒިރު ކުރަން ކުރިން ވެސް އޮތީ ނިންމައިފަ އެވެ. އެގޮތުން އޭސީސީގެ ޓީމަކުން ވަނީ މައުމޫންގެ އޮފީހަށް ގޮސް ބަޔާނެއް ވެސް ނަގައިފަ އެވެ.

ރިޝްވަތު ދެއްވުމާއި ގާނޫނާ ޚިލާފަށް ވެރިކަން ބަދަލު ކުރަން ރޭވިކަމުގެ ތުހުމަތުގައި މައުމޫން ހައްޔަރުކޮށްފައިވަނީ މި މަހުގެ ފަސް ވަނަ ދުވަހުގެ ރެ އެވެ.