އެއްވުމަށް ހުރަސްއަޅައި ނައީމާއްތަ ހައްޔަރުކޮށްފި

ފުލުހުން އަންގާފައިވާ އެންގުމާ އެއްގޮތަށް، މިރޭ 10:30 ވުމާއެކު، އިދިކޮޅު ފަރާތްތަކުގެ އެއްވުމަށް ހުރަސްއަޅައިފި އެވެ. އެއްވުން ރޫޅާލުމުގެ ތެރޭގައި ފުލުހުން ވަނީ އެމްޑީޕީގެ އެކްޓިވިސްޓު ނައީމާ މުހައްމަދު (ނައީމާއްތަ) އާއި އިތުރު މީހަކު ހައްޔަރުކޮށްފަ އެވެ.


ސިޔާސީ ބޭފުޅުން ވެސް ހިމެނޭ ގޮތަށް ނުވަ ގައިދީއަކު މިނިވަންކުރަން އަމުރުކޮށް ސުޕްރީމް ކޯޓުން މި މަހު 1ގައި ނެރުނު ހުކުމް ތަންފީޒުކުރަން ގޮވާލައި އިދިކޮޅު ފަރާތްތަކުން މިރޭ 8:30 ގައި އެއްވީ، މަޖީދީ މަގާއި ޗާންދަނީ މަގު ގުޅޭ ކަންމައްޗަށެވެ. އެ ސަރަހައްދުގައި އިހްތިޖާޖް ނުކުރެވޭނެ ކަމަށް ފުލުހުން އެންގުމުން ވެސް މުޒާހަރާގެ ބައިވެރިން އެއްވުން ކުރިއަށް ގެންދިޔަ އެވެ.

އުމުރުން 68 އަހަރަށް ވުރެ މަތިވެފައިވާ ނައީމާއްތަ އާއި އެހެން އަންހެނަކު ހައްޔަރުކުރީ މަޖީދީ މަގުގައި އަޑުއުފުލަމުން ދަނިކޮށެވެ.

ނައީމާއްތަ ފުލުހުންގެ ބެލުމުގެ ދަށުގައި.

މިރޭގެ މުޒާހަރާގައި، ގިނައީ ވެސް އަންހެނުންނެވެ. މަޖީދީ މަގު، ކެމްޕަސް ކައިރީގައި އަޑު އުފުލަމުން ދަނިކޮށް އެ ސަރަހައްދުން ދޫކޮށް ދާން އެންގުމުން ބައެއް މީހުން ދެކޮޅު ހެދި އެވެ. އެއާއެކު އެއްވުމަށް ހުރަސްއަޅައި މީހުން ފޮނުވާލުމުން ދެން އެއްވީ، ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ، ކުނޫޒު ސަރަހައްދަށެވެ.

މިރޭ 10:30 ގެ ފަހުން އެއްވުން ކުރިއަށް ނުގެންދަން ފުލުހުން އަންގާފައިވިއަސް، އެ ވަގުތަށް އެއްވުން މެދުކަނޑައެއް ނުލި އެވެ. ފުލުހުންގެ އެ އެންގުމަކީ ގާނޫނާ ޚިލާފު އެންގުމެއް ކަމަށާއި އަމަލުކުރަން ނުޖެހޭނެ ކަމަށް އިދިކޮޅު ޕާޓީތަކުން ވަނީ ބުނެފަ އެވެ.