މަޖިލީހުގެ ޖަލްސާއެއް: ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ހުށަހެޅީ ފަނޑިޔާރެއްގެ މައްޗަށް ކުށެއް ސާބިތުވެއްޖެ ނަމަ، މަޖިލީހުގެ ދައުރެއް ނެތި ފަނޑިޔާރުން އޮޓަމެޓިކުން މަގާމުން ވަކިވާ ގޮތަށް.---ފޮޓޯ: މަޖިލިސް
07 މާޗް 2018 - 13:55
ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ، އެ މައްސަލައެއްގެ އިސްތިއުނާފް މަރުހަލާތައް ނިމޭ ހިސާބުން އޮޓަމެޓިކުން އެ ފަނޑިޔާރަކު މަގާމުން ވަކިވާ ގޮތަށް، ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.
ގާނޫނުއަސާސީގެ 154 ވަނަ މާއްދާ މިހާރު އޮންނަ ގޮތުން ފަނޑިޔާރެއްގެ މައްޗަށް ކުށެއް ސާބިތުވިޔަސް އަދި ނުވިޔަސް، ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުށަހަޅާ ހުށަހެޅުމަކަށް ބިނާކޮށް ރައްޔިތުންގެ މަޖިލީހަށެވެ.
ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ފަނޑިޔާރުންގެ ގާނޫނަށް ހުށަހެޅި އިސްލާހުގައިވާ ގޮތުން، ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެގެން އެ މައްސަލައެއްގެ އިސްތިއުނާފު މަރުހަލާތައް ނިމޭ ހިސާބުން އޮޓަމެޓިކުން އެ ފަނޑިޔާރަކު މަގާމުން ވަކިވާނެ އެވެ.
އެ ހާލަތުގައި ގާނޫނުއަސާސީގެ 154 ވަނަ މާއްދާގައި ބުނާ އިޖްރާއާތުތައް ނުހިނގާނެ ކަމަށް އެ އިސްލާހުގައިވެ އެވެ. އޭގެ ސަބަބެއްގެ ގޮތުގައި އެ އިސްލާހުގައި ބުނެފައި ވަނީ ކުށެއް ސާބިތުވެގެން ފަނޑިޔާރަކު ވަކިކުރާ ކުރުމަކީ ފަނޑިޔާރެއްގެ މައްޗަށް ސުލޫކީ ނުުވަތަ ތައުދީބީ ފިޔަވަޅެއް އެޅުން ކަމުގައި ނުވާތީ އެވެ.
މީގެ އިތުރުން ފަނޑިޔާރެއްގެ މައްޗަށް ކުށުގެ ދައުވާ އުފުލޭ މައްސަލަތަކުގެ އިސްތިއުނާފު މަރުހަލާތައް ވަކި މުއްދަތެއްގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށް ވެސް އެ އިސްލާހުގައި ބުނެފައިވެ އެވެ. އަދި އެފަދަ މައްސަލަތައް އިސްތިއުނާފަށް ހުށަހަޅަންޖެހޭ މުއްދަތު ވެސް އެ އިސްލާހުގައި ކަނޑައަޅާފައިވެ އެވެ.
އެގޮތުން ދަށު ކޯޓުން ނިންމާ އެފަދަ މައްސަލައެއް ހައި ކޯޓުގައި އިސްތިއުނާފްކޮށްފި ނަމަ، 30 ދުވަހުގެ ތެރޭގައި އެ މައްސަލައެއް ބަލައި ނިންމުމަށާއި ހައި ކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރާ ދުވަހުން ފެށިގެން 30 ދުވަސް ތެރޭގައި ސުޕްރީމް ކޯޓުން އެފަދަ މައްސަލަތައް ބަލައި ނިންމަންޖެހޭނެ ކަމަށް ވެސް އެ އިސްލާހުގައިވެ އެވެ. އެފަދަ މައްސަލަތައް އިސްތިއުނާފަށް ހުށަހަޅަން ޖެހޭ މުއްދަތަކީ 10 ދުވަހެވެ.
އެ އިސްލާހުގައިވާ ގޮތުން ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއްގެ ތުހުމަތު ކުރެވިގެން ހައްޔަރުކޮށްފި ނަމަ މުސާރަ ލިބޭ ގޮތަށް އެ ފަނޑިޔާރަކު ސަސްޕެންޑް ކުރަންޖެހޭނެ އެވެ. އަދި ކުށެއްގެ ދައުވާ އުފުލާ ހިސާބުން ފެށިގެން އެ މައްސަލައެއްގެ އިސްތިއުނާފް މަރުހަލާތައް ނިމެންދެން އެ ފަނޑިޔާރަކު ސަސްޕެންޑް ކުރަންޖެހޭނީ މުސާރަ ނުލިބޭ ގޮތަށް ކަމަށް ވެސް އެ އިސްލާހުގައިވެ އެވެ.
އެ އިސްލާހު އެގޮތަށް ހުށަހެޅިއިރު ޖިނާއީ ތުހުމަތުތަކެއްގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މި ވަގުތު ތިއްބެވީ ހައްޔަރުކޮށްފަ އެވެ. އެހެންވެ، މި އިސްލާހު އެ ގޮތަށް ފާސް ކުރުމަށް ފަހު، އެ ބޭފުޅުންގެ މައްޗަށް ޖިނާއީ ދައުވާއެއް ސާބިތުވެ، އިސްތިއުނާފް މަރުހަލާ ނިމިއްޖެ ނަމަ މަޖިލީހުގެ ދައުރެއް ނެތި އެ ބޭފުޅުން މަގާމުން ވަކިވާނެ އެވެ.
މާނަ ކުރުމުގެ ހަމަތައް ބަޔާން ކުރުމުގެ ގާނޫނު ބުނާގޮތުން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާން ކޮށްފައި ނުވާ ނަމަ، އެއްވެސް ގާނޫނަކީ މާޒީގައި ހިނގާފައިވާ ކަންކަމުގެ މައްޗަށް ހިނގާނެ އެއްޗެއް ނޫނެވެ. އަދި ގާނޫނު އަސާސީ ބުނާގޮތުން ކުށެއް ކުރާ ފަހުން، ގާނޫނަށް ގެންނަ ބަދަލަކުން ކުރިން އެކަމަށް އޮތް އަދަބަށް ވުރެ ބޮޑު އަދަބެއް ކަނޑައަޅާފައިވާ ނަމަ، އެ މީހަކަށް ދޭންޖެހޭނީ ކުށް ކުރިއިރު އެކަމަށް އޮތް އަދަބެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްސް
10 March 2018
ޤާނޫނަކީ 2 ދުވަހުން 1 ދުވަހު ޕީޕީއެމް އިން އެ ބޭނުންވާ ގޮތަށް ބަދަލުވާ އެއްޗަކަށް ވެއްޖެއްޔާ އެވާނީ ވަރަށް ބޮޑު ޖޯކަކަށް
ނަސީދު
09 March 2018
މިކަހަލަ ގާނޫނެއް ބޭނުން ވޭ ރައީސް ކަމުގައި ހުނަމީހާއައްވެސް އޭރުން މިކަންތައް ރަގަޅުވާނީ
މުޙުއްމާ
08 March 2018
މިހާރު ދެން ކައްޕި ހަމަ ކުއްވެރިވީއޭ ބުނާއިރަށް ކުއްވެރިވެއްއނުން. ހަމަ ކަޑާލަން ކައްޕި ބޭނުންވާއިރަށް ބުނާނެ ތިހިރީ ކުއްވެރިވެފައޭ. ވަގުތުން ފަޑިޔާރުކަމުން ވަކިވީ. ދެރަކަމަކީ ކައްޕި އޮޑިވެރިން ބުނާގޮތަކަށް ނަހަދާ ހަމަ މެކުހަށްޖަހާފަ ދުއްވަނީ ފަރާ ދިމާލަށް. އޮޑިވެރިން އެބަޖެހެއެއްނުން ކޮމެގޮތެއް ހަދައިގެން ނަމަވެސް ކައްޕި މައިތިރިކުރަން.
ހަތަރު އަނގޮޅި
08 March 2018
ހުކުމް ބާތިލް ކޮށްފައިވާ މައްސަލަ އެއްގެ ހުކުމް ތަންފީޒް ކުރުން ތަންފީޒް ކުރުން ފަސްކުރި ފުރަތަމަ މައްސަލަ އަކީ މަޖްލީހުގެ 12 މެމްބަރުންގެ ގޮޑި ގެެއްލުނު ކަމަށް ބުނާ މައްސަލަ އެވެ.މިއީ ދުނުޔެއަށް ވެސް ނަމޫނާ ކަމެކެވެ
ފަޑުއްކަ
08 March 2018
ހުރިހާ ނުބައެއް ހަދަން ފުރުސަތު ދީފައި އިސް ތިން ފަނޑިޔާރުން ތިބޭތީ ހިތާމަ ކުރަމެވެމ
ހެޔޮހިތުން
08 March 2018
12 މެމްބަރުން ރިލީޒް ކޮށްލުމުން ތިކަން ހަމަ ޖެހޭނެއެވެ.
ހާދަދެރައޭ
08 March 2018
މިދެންބޮޑުވަރު އެންމެމީހަކު އެދޭގޮތަށް ހުރިހާކަމެއްކުރާނަމަ. ނިހާނުއާ އަދުރޭމެން މަޖިލީހޭ ކިޔައިގެން ތޮޔަތަނަށްވަދެގެން ތިޔަގަނޑު ނުގަނެ ގާނޫނު އަސާސީ އުވާލާ ގާނޫނު އަސާސީއަކީ އެމީހާއޭ ބުނީމަ ނުމޫނީ.
ވާލުސޮރު
07 March 2018
ރައްޔިތުންގެ މަޖިލިސްގައި "މަރުތަޅު" އެޅުވި އެތައް މެންބަރަކަށް މަޖިލިސްއަށް ނުވަދެވޭފަދަ ޙާލަތެެއް ކުރިމަތިވެފަވާ މި ދަނޑިވަޅުގަ ތިޔަ ބިލް ހުއްޓުވުމަކީ ޢަދުލު އިންސާފު ޤާއިމުކުރެއްވުމާ ޙަވާލުވެވަޑައިގެން ތިއްބެވި އެންމެހާ ފަރާތްޕުޅުތަކުގެ މައްޗަށް ލާޒިމް ކަމެއްކަމުގައި ގަބޫލުކުރެވޭ. އެއީ ތިޔަ ބިލް މިހާލަތުގަ ފާސްވެ ޤާނޫނަކަށް ވެއްޖެނަމަ މުޅި ޝަރުޢީ ދާއިރާ އެއިރެއްގަ އޮންނަ ސަރުކާރެއްގެ "ފީކުދާނަކަށް"ވެ ސަރުކާރު ނުރުހޭ ހުކުމެއް ކުރާ ކޮންމެ ފަނޑިޔާރަކީ "ޚާއިނަކަށް" ނުވަތަ "ޣައްދާރަކަށް"ވެ ޖިނާއީ ދައުވާއަކަށް ހުށަހެޅުމުގެ ފުރުސަތު ފަހިވެ ފަނޑިޔާރުންގެ މިނިވަންކަމާ މުސްތަޤިއްލުކަން ނެތިގެންދާނެތީ.
މަންސޫރު
07 March 2018
ބޭނުން ވަގުތެއްގައި ކޮންމެ މީހަކުވެސް ކުއްވެރި ކުރެވޭ ގައުމެއްގައި ދެން ތިޔަށްވުރެ މޮޅު ކަމެއް ނުކުރެވޭނެތާ!
ރަނގަޅު
07 March 2018
ރައީސުލްޖުމްހޫރިޔާ އަދި މަޖިލިސް މެމްބަރުން މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ، އެ މައްސަލައެއްގެ އިސްތިއުނާފް މަރުހަލާތައް ނިމޭ ހިސާބުން އޮޓަމެޓިކުން މަގާމުން ވަކިވާގޮތަށް އިސްލާހުހުށައަޅަން އަދުރޭ އަށް ކެރޭނެތަ؟ ނުކެރޭނެ،