އެންޓި ޑިފެކްޝަން ބިލަށް "ޕީޕީއެމްގެ 99 ޕަސެންޓް މެމްބަރުން ދެކޮޅު"!

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އިންތިޚާބުވާ ޕާޓީން ވަކިވެއްޖެ ނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތް ހަދަން ސަރުކާރުން ހުށަހެޅި އެންޓި ޑިފެކްޝަން ބިލާ މެދު "ޕީޕީއެމްގެ 99 ޕަސެންޓް މެމްބަރުން ދެކޮޅު" ކަމަށް ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.


މުލިއާގޭގައި އޮތް ޕީޕީއެމް/އެމްޑީއޭގެ ޕާލިމެންޓްރީ ގްރޫޕްގެ ބައްދަލުވުމަށް ފަހު، ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކެވި ބައެއް މެމްބަރުން "މިހާރު"އަށް ވިދާޅުވީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ ތެރެއިން އެ ބިލަށް ތާއީދުކުރައްވަނީ "ދެތިން މެމްބަރުން" ކަމަށެވެ.

"އެ ދެތިން މެމްބަރުން ވެސް ބޭނުންވަނީ ބިލަށް ބަދަލުތަކެއް ގެނެސްގެން ފާސްކުރަން. އަޅުގަނޑަށް ޔަގީން 99 ޕަސެންޓް މެމްބަރުން އެ ބިލްގެ ހުރިހާ އެއްޗަކަށް ހަމަ އެއްކޮށް ދެކޮޅު،" މެމްބަރަކު ވިދާޅުވި އެވެ.

މިއަދުގެ ބައްދަލުވުމުގައި އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މުލިއާގޭގައި މިއަދު ބޭއްވި ޕީޖީ ގްރޫޕްގެ ބައްދަލުވުމުގައި ޝާހިދު ވާހަކަ ދައްކަވަނީ. - ފޮޓޯ: ނިހާނު

އެހެން މެމްބަރަކު ވިދާޅުވީ ޕީޕީއެމް/އެމްޑީއޭ ޕީޖީ ގްރޫޕްގެ މެމްބަރުންގެ ޝަކުވާތައް އަނިލްއާ ހިއްސާ ކުރެއްވި ކަމަށެވެ.

"ބިލުގައި ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި. ގާތްގަނޑަކަށް ބިލުގައި މުޅިން ހުރީ ކަންބޮޑުވާ ކަންކަން. އެކަމަކު އިތުރު ތަފްސީލެއް ދެވޭކަށް ނެތް،" އޭނާ ވިދާޅުވި އެވެ.

އެ މެމްބަރު ވިދާޅުވި ގޮތުގައި ބިލް އަނބުރާ ގެންދަން އަނިލް ހުންނެވީ ތައްޔާރަކަށް ނޫނެވެ. އެކަމަކު ކޮމިޓީ މަރުހަލާގައި ބަދަލުތައް ގެނެވިދާނެ ކަމަށް އޭނާ ވިދާޅުވި ކަމަށް، އެ މެމްބަރު ވިދާޅުވި އެވެ.

ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުށަހެޅުއްވި މި ބިލްގެ ފުރަތަމަ ކިއުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވަވާފަ އެވެ. އަދި އަންނަ ހަފުތާގައި އޭގެ ބަހުސް ފަށާނެ އެވެ.

ބިލުގައިވާ ގޮތުން މަޖިލީހުގެ މެމްބަރަކު، ޕާޓީ ޓިކެޓުގައި އިންތިހާބުވުމަށް ފަހު، ޕާޓީން އަމިއްލައަށް ވަކިވުން، ވަކިކުރުން އަދި އެހެން ޕާޓީއަކާ ގުޅުން، މިއިން ކޮންމެ ހާލަތެއް ކުރިމަތިވިޔަސް ގޮނޑި ގެއްލޭނެ އެވެ. އެކަމަކު މިއީ ގާނޫނު އަސާސީގައި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅާފައި އޮތް ޝަރުތުތަކެއް ނޫނެވެ. އެހެންކަމުން ގާނޫނީ ބައެއް ބޭފުޅުން ވިދާޅުވަނީ ގާނޫނު އަސާސީ އިސްލާހުނުކޮށް އެ ބިލް ގާނޫނަކަށް ނުހެދޭނެ ކަމަށެވެ.

މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި އިންތިހާބުވާ މެމްބަރަކު އޭނާގެ އެ ދައުރުގައި ސިޔާސީ ޕާޓީއަކާ ގުޅިއްޖެ ނަމަ ހިނގަން ފަށާނީ، ބިލްގައި މިހާރު ބުނެފައިވާ ގޮތުގައި، ޕާޓީ ޓިކެޓްގައި އިންތިހާބުވާ މެމްބަރުންނަށް ވެސް ކަނޑައަޅާފައިވާ އުސޫލެވެ. އޭނާ ގުޅޭ ޕާޓީން ވަކިވުން، ވަކިކުރުން ނުވަތަ އެހެން ޕާޓީއަކާ ގުޅިއްޖެ ނަމަ ގޮނޑި ގެއްލޭނެ އެވެ.

ޕާޓީން ވަކިވުމުން ގޮނޑި ގެއްލޭ ބިލް މިއައީ މިދިއަ އަހަރު ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ސަރުކާރަށް ގެއްލުމާ އެކު، އަޅަން ފެށި ފިޔަވަޅުތަކުގެ ތެރެއިންނެވެ. އެ ފަހަރު ޕީޕީއެމްގެ 12 މެމްބަރަކު އިދިކޮޅު ހަރަކާތާ ގުޅިވަޑައިގަތެވެ.