އަލީ ހަމީދުގެ އަނބިކަނބަލުން ނާސިރާ 15 ދުވަހަށް ގޭ ބަންދަށް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ އަނބިކަނބަލުން ފާތިމަތު ނާސިރާ 15 ދުވަހަށް ގޭ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިރޭ އަމުރު ކޮށްފި އެވެ.


ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި، ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ނާސިރާ މިދިޔަ މަހުގެ ހަތް ވަނަ ދުވަހު ހައްޔަރު ކުރުމަށް ފަހު އޭނާ ގެ އަށް ބަދަލުކުރީ މިދިޔަ ހަފުތާގަ އެވެ. އޭނާ 15 ދުވަހަށް ގޭ ބަންދުގައި ބަހައްޓަން އަމުރުކުރީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް މިރޭ ގެންދިއުމުންނެވެ.

ނާސިރާގެ ވަކީލުން ބުނި ގޮތުގައި ފުލުހުން ކޯޓުގައި އެދުނީ ޝަރީއަތް ނިމެންދެން ނާސިރާ ގޭ ބަންދުގައި ބަހައްޓާށެވެ. އެކަމަކު ކޯޓުން ނިންމީ 15 ދުވަހަށް އޭނާ ގޭ ބަންދުގައި ބަހައްޓަން ކަމަށް ވަކީލުން ވިދާޅުވި އެވެ.

ނާސިރާ މިދިޔަ ހަފުތާގައި ގެއަށް ބަދަލުކުރީ އޭނާގެ ސިއްހީ ހާލަތާ މެދު އާއިލާ އިން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.