"އެންވަޔަރުމެންޓް ޕޮލިސް" އުފައްދަނީ

ކުނީގެ މައްސަލަ ހައްލު ކުރުމަށް، "އެންވަޔަރުމެންޓް ޕޮލިސް" ގެ ހިދުމަތް ފެށުމަށް ނިންމައި އެކަމާ ގުޅޭ އެއްބަސްވުމުގައި ތިމާވެއްޓާ ބެހޭ މިނިސްޓްރީ އާއި މޯލްޑިވްސް ޕޮލިސް ސާވިސް އަދި ވެމްކޯއާ ދެމެދު މިއަދު ސޮއިކޮށްފި އެވެ.


އެންވަޔަރުމެންޓް މިނިސްޓްރީގައި ބޭއްވި ހަފްލާއެއްގައި ފުލުހުންގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެކްޓިން ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ނަވާޒެވެ. އެންވަޔަރުމެންޓް މިނިސްޓްރީގެ ފަރާތުން މިނިސްޓަރު ތޯރިގު އިބްރާހިމް ސޮއިކުރެއްވިއިރު ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝިފާއު އެވެ.

ގަވާއިދާ ޚިލާފަށް ކުނި ޖަމާކުރުން ހުއްޓުވުމަށްޓަކައި ރަށުތެރެ ޕެޓްރޯލްކޮށް ބެލެހެއްޓުމަށާއި ގަވާއިދާ ޚިލާފަށް ކުނި އުފުލާ ފަރާތްތައް ހުއްޓުވައި ފިޔަވަޅު އެޅުމަށް އެ އެއްބަސްވުމުގައި ވެ އެވެ. އަދި ވެމްކޯ އަށް ޚާއްސަ ކޮށްފައިވާ ޒޯންތަކުގެ ރައްކާތެރިކަމާއި ޓްރެފިކްގެ ކަންކަން ބެލެހެއްޓުން ވެސް ފުލުހުންނާ ވަނީ މި އެއްބަސްވުމުގައި ހަވާލު ކޮށްފަ އެވެ. އެއްބަސްވުމުގައިވާ ގޮތުން ކުނި މެނޭޖް ކުރުމުގައި ސެކިއުރިޓީގެ ގޮތުން ދިމާވާ ކަންތައްތައް ހައްލު ކުރުމަށް ވެމްކޯ އަށް ފުލުހުން އެހީތެރިވާން ޖެހެ އެވެ.

"އެންވަޔަރުމެންޓް ޕޮލިސް"ގެ ޚިދުމަތް ފެށުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް ނަވާޒް މީޑިއާއާ ވާހަކަ ދައްކަވަނީ.---ފޮޓޯ: އެންވަޔަރުމެންޓް މިނިސްޓްރީ

"ސާފު ރާއްޖެ" ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ ރަށްތައް ސާފު ކޮށް ބޭއްވުމަށް ކުރަމުން އަންނަ މަސައްކަތްތަކުގައި އެއްބާރުލުން ދިނުމަށާއި ކުނި މެނޭޖް ކުރުމުގެ ގަވައިދުގެ ދަށުން ފިޔަވަޅު އަޅައި އެ ގަވައިދުތައް ތަންފީޒް ކުރުމަށް މަސައްކަތް ކުރަން ވެސް އެއްބަސްވެފައިވެ އެވެ.

މީގެ އިތުރުން މި އެއްބަސްވުމުގެ ދަށުން ތަންފީޒް ކުރަންޖެހޭ ގަވާއިދުތަށް ތަންފީޒް ކުރުމަށްޓަކައި އެއްބާރުލުން ދީ، ގަވާއިދާ ޚިލާފުވާ ފަރާތްތަކާ މެދު އަޅާ ފިޔަވަޅުތައް ތަންފީޒު ކުރުމަށް އީޕީއޭ މެދުވެރިކޮށް ކުރަންޖެހޭ މަސައްކަތްތައް ވެސް މި އެއްބަސްވުމުގެ ދަށުން ކުރަންޖެހެ އެވެ.