މެމްބަރު އާޒިމްގެ ބަންދަށް ނުވަ ދުވަސް ޖަހައިފި

މެދު ހެންވޭރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ އާޒިމްގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު ނުވަ ދުވަސް ޖަހައިފި އެވެ.


އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު އާޒިމް ހައްޔަރު ކުރީ މިދިޔަ ހުކުރު ދުވަހުގެ ރޭ އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި ބޮޑު މުޒާހަރާގައި ހުންނަވަނިކޮށެވެ. އޭނާ ހައްޔަރު ކުރީ މިދިޔަ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކަމަށް އަންގާފައި ވެ އެވެ.

އާޒިމްގެ ބަންދަށް ނުވަ ދުވަސް ޖެހިއިރު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވެސް އެ މުއްދަތަށް ޖަލުގައި ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ އަމުރުކޮށްފަ އެވެ.

އާޒިމާއި އިބޫގެ އިތުރުން މިހާރު ވެސް މަޖިލީހުގެ އިދިކޮޅު މެންބަރުންތަކެއް ވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަހުމަދާއި މައްޗަންގޮޅި ދެކުނު ދާއިރާގެ އަބްދުﷲ ސިނާނާއި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް އަދި ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ހިމެނިވަޑައިގަންނަވަ އެވެ.