އަމީތު ދެއްކެވި ވާހަކަ "ފަހުމު ނުވި" ކަމަށް ބުނެ އަނެއްކާ ޕޮލިހަށް

މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އިއްޔެ ފުލުހުންގެ އިދާރާ އަށް ހާޒިރުވެ، ދެއްކެވި ވާހަކަ "ފަހުމު ނުވި" ކަމަށް ބުނެ އަލުން ޕޮލިހަށް ހާޒިރުވާން އަންގާފައިވާ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.


ފުލުހުން އަމީތަށް ފޮނުވި ޗިޓުގައި ބުނެފައިވާ ގޮތުގައި އަމީތު ހާޒިރު ކުރަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އެއްވެ އުޅުމުގެ ގާނޫނު ސަސްޕެންޑްކޮށްފައި ވަނިކޮށް، މިދިޔަ ހުކުރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހުރިހާ ރަށެއްގެ މަގުތަކަށް މީހުން ނިކުމެ، ސަރުކާރާ ދެކޮޅަށް އަޑު އުފުލައި މުޒާހަރާ ކުރުމަށް ހިތްވަރު ދީ ވާހަކަ ދެއްކެވި މައްސަލައިގަ އެވެ.

އަމީތު ޕޮލިހަށް ހާޒިރުވާން އެންގީ މިއަދު މެންދުރު ފަހު 3:00 އަށެވެ.

"މިހާރު" އާ ވާހަކަ ދައްކަވަމުން އަމީތު ވިދާޅުވީ ރޭ ނުވައެއް ޖެހިއިރު، ފުލުހުންގެ އިދާރާ އަށް ހާޒިރު ކުރުމަށްފަހު، އެތަނުގައި ދެ ގަޑިއިރު މަޑުކުރައްވަން ޖެހުނު ކަމަށެވެ. އަދި އޭނާ ވިދާޅުވި އެއްޗެއް "ފަހުމު ނުވި" ކަމަށް ބުނެ، އަލުން ޗިޓު ފޮނުވައި ޕޮލިހަށް ހާޒިރުވާން އެންގީ ކަމަށް އަމީތު ވިދާޅުވި އެވެ.

އަމީތު ވިދާޅުވި ގޮތުގައި އޭނާ ޕޮލިހަށް ހާޒިރުވާން އެންގީ ފުލުހުން ބޭނުންވާ ފަދަ ޖަވާބެއް ނުލިބުނީމަ އެވެ.

"އަޅުގަނޑު ކައިރީގައި އެހީ ކޮން މަގްސަދެއްގައިތޯ މުޒާހަރާ ކުރުމަށް ހިތްވަރު ދިނީ. އަޅުގަނޑު ބުނިން އެއްވެސް މަގްސަދެއް ނެތޭ. ގާނޫނީ އިމުގެ ތެރެއިންނޭ އެކަމަށް ގޮވާލީ،" އަމީތު ވިދާޅުވި އެވެ.

ރާއްޖޭގެ ހުރިހާ ރަށަކުން މީހުން މަގުތަކަށް ނުކުމެ ސަރުކާރާ ދެކޮޅަށް އަޑު އުފުލައި، މުޒާހަރާ ކުރަން ހިތްވަރު ދެއްވި ކަމަށް ބުނެ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވެސް ފުލުސް އޮފީހަށް ހާޒިރުވާން މިއަދު ވަނީ އަންގައިފަ އެވެ.

މިދިޔަ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ރައީސް އަބްދުﷲ ޔާމީން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވުމަށް ފަހު، ތަފާތު ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު ގިނަ މެމްބަރުންތަކެއް ދަނީ ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލު ކުރަމުންނެވެ. އަދި ރައީސް ޔާމީންގެ ވެރިކަން ވައްޓާލަން ރޭވުމާއި އެކަމަށްޓަކައި ރިޝްވަތު ދިނުމާއި ރިޝްވަތު ހިފުމުގެ ތުހުމަތުގައި ވެސް އިދިކޮޅު ބައެއް މެމްބަރުން ވަނީ ހައްޔަރުކޮށްފަ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތަށް ފަހު ފުލުހުން މިހާރު ހައްޔަރުކޮށްފައި ވަނީ ހިންނަވަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި މެދު ހެންވޭރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ އާޒިމާއި ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަހުމަދާއި މައްޗަންގޮޅި ދެކުނު ދާއިރާގެ އަބްދުﷲ ސިނާނާއި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް އަދި ކިނބިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެންބަރު އަބްދުﷲ ރިޔާޒެވެ.