އަމީތު އެއް މައްސަލައެއްގައި ފަސް ވަނަ ފަހަރަށް ޕޮލިހަށް

މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އަނެއްކާ ވެސް ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ. މިއީ އެއް މައްސަލައެއްގައި އަމީތު ފުލުހަށް ހާޒިރުވާން އެންގި ފަސް ވަނަ ފަހަރެވެ.


ފުލުހުން ތަހުގީގު ކުރަނީ މިދިޔަ ހުކުރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހުރިހާ ރަށެއްގެ މަގުތަކަށް މީހުން ނިކުމެ، ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރުމަށް އަމީތު ހިތްވަރު ދެއްވި ކަމަށް ބުނެ އެވެ.

އަމީތު ޕޮލިހަށް ހާޒިރުވާން އެންގީ މިރޭ 8:30 އަށެވެ.

"މިހާރު" އާ ވާހަކަ ދައްކަވަމުން އަމީތު ވިދާޅުވީ ރޭ ފުލުހުންގެ އިދާރާ އަށް ހާޒިރުވުމުން، ހަމަ އެ މައްސަލައިގެ ތަހުގީގެއް ކުރިއަށްދާ ކަމަށް ބުނެ، ތަހުގީގު ކުރިއަށް ނުގެންދެވޭނެ ކަން އެންގެވި ކަމަށެވެ. އަދި މިރޭ އަލުން ފުލުސް އޮފީހަށް ހާޒިރުވާން އެންގި ކަމަށް އޭނާ ވިދާޅުވި އެވެ.

އަމީތު އެ އިޝާރާތް ކުރެއްވީ، ރާއްޖޭގެ ހުރިހާ ރަށަކުން މީހުން މަގުތަކަށް ނުކުމެ ސަރުކާރާ ދެކޮޅަށް އަޑު އުފުލައި، މުޒާހަރާ ކުރަން ހިތްވަރު ދެއްވި ކަމަށް ބުނެ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އާ ސުވާލު ކުރަން ބޭއްވި ތަހުގީގަށެވެ.

"އަޅުގަނޑު ދެންނެވިން ދަންވަރު ދޭއް ނޫނީ ތިނެއް ޖަހަންދެން ވެސް އިނދެފާނެ ކަމަށް. އެކަމަކު، އެގޮތަކަށް އެބޭފުޅުން އެއްބަސްވެވަޑައިނުގެންނެވި،" އަމީތު ވިދާޅުވި އެވެ.

އަމީތު ވިދާޅުވީ އެއް ވަގުތެއްގައި ތަހުގީގުތައް ކުރިއަށް ނުގެންދެވުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. އަދި މިކަމުން ވެސް، ފުލުހުންގެ "ކެޕޭސިޓީ" އާ މެދު ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ މަހުގެ 5 ގައި ރައީސް އަބްދުﷲ ޔާމީން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވުމަށް ފަހު، ތަފާތު ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު ގިނަ މެމްބަރުންތަކެއް ދަނީ ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލު ކުރަމުންނެވެ. އަދި ރައީސް ޔާމީންގެ ވެރިކަން ވައްޓާލަން ރޭވުމާއި އެކަމަށްޓަކައި ރިޝްވަތު ދިނުމާއި ރިޝްވަތު ހިފުމުގެ ތުހުމަތުގައި ވެސް އިދިކޮޅު ބައެއް މެމްބަރުން ވަނީ ހައްޔަރުކޮށްފަ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތަށް ފަހު ފުލުހުން މިހާރު ހައްޔަރުކޮށްފައި ވަނީ ހިންނަވަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި މެދު ހެންވޭރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ އާޒިމާއި ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަހުމަދާއި މައްޗަންގޮޅި ދެކުނު ދާއިރާގެ އަބްދުﷲ ސިނާނާއި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް އަދި ކިނބިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެންބަރު އަބްދުﷲ ރިޔާޒެވެ.