މަޖިލީހުގެ ތަޅުން ހުހަށް، މަސައްކަތްތައް ހުއްޓިފައި!

ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް މިދިޔަ މަހު ފެށުނު ފަހުން، މަޖިލީހުގެ ތަޅުން ފެންނަނީ މަސައްކަތް ހުއްޓިފައި އޮތް "ފަޅު" ތަނެއްގެ ގޮތުގަ އެވެ. ގިނަ ބިލުތަކެއް މަޖިލީހުގެ ކޮމިޓީތަކަށް ހުށަހަޅާފައި ހުއްޓަސް، ކޮމިޓީތަކުގެ ބައްދަލުވުންތައް ނުބާއްވާތީ ބިލުތައް ދިރާސާ ކުރުމުގެ މަސައްކަތެއް ވެސް ނުހިނގަ އެވެ.


އަންނަ މަހުގެ ނިޔަލަށް ފުރަތަމަ ދައުރުގެ ޖަލްސާތައް ނިމި، މަޖިލީހުގެ އެެއް މަސްދުވަހުގެ ޗުއްޓީ ފެށޭ އިރު، މަޖިލިހުގެ ގަވާއިދު ބުނާ ގޮތުން ނަމަ، ހަފުތާއަކު ތިން ދުވަހު - ހޯމަ، އަންގާރަ، ބުދަ - ޖަލްސާ ބާއްވަން ޖެހެ އެވެ. މަޖިލީހުގެ ދެ ވަނަ ދައުރު ފަށާނީ އަންނަ ޖޫން މަހު އެވެ.

މަޖިލީހުގެ ރައީސް މަސީހު، މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަނީ. - ފޮޓޯ: މަޖިލިސް

މިދިޔަ ހަފުތާގައި އެއްވެސް ޖަލްސާއެއް ނުބާއްވާ އިރު، މި ހަފުތާގައި ވެސް ޖަލްސާއެއް ބާއްވާނެކަން މަޖިލީހުން އަދި ނާންގަ އެވެ. މި އަހަރުގެ ޖަލްސާތައް ފެށުނު ފަހުން، މިހާތަނަށް ބޭއްވީ އެންމެ 12 ޖަލްސާ އެވެ. އެއީ ދައުރުން ބޭރުގައި ބޭއްވި ހާއްސަ ދެ ޖަލްސާއަކާއި ދައުރުގެ ތެރޭގައި ބޭއްވި 10 ޖަލްސާ އެވެ.

ވޭތުވެދިޔަ ދުވަސްތަކުގައި ބޭއްވި ޖަލްސާތަކުގައި މިނިވަން މުއައްސަސާތަކަށް މެންބަރުން އައްޔަން ކުރުމާއި އެންޓި ޑިފެކްޝަން ބިލް ފާސްކޮށް ފަނޑިޔާރުންގެ ގާނޫނަށް ހުށަހެޅި އިސްލާހު ފާސް ކުރި އެވެ. އެ ދެ ބިލް ފާސް ކުރުމާ ގުޅިގެން ގާނޫނީ ބޮޑު ބަހުސެއް އުފެދި، މައްސަލަ އޮތީ ސުޕްރީމް ކޯޓުގަ އެވެ.

ދައުލަތުން އެންމެ ބޮޑު ހޭދައެއް ކުރާ މަޖިލީހަށް ގިނަ ބައެއްގެ ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ. މުސާރަ އާއި ކޮމެޓީ އެލަވަންސާ އެކު، މެމްބަރަކަށް މަހަކު 82،500ރ. ލިބޭ މަޖިލިސް، އޭގެ ގާނޫނީ ޒިންމާ އަދާނުކުރުމަކީ، އާންމުންގެ ނަޒަރުގައި، ބޮޑު މައްސަލައެކެވެ. ގާނޫނުއަސާސީގައި މަޖިލީހަށް ބޮޑެތި ބާރުތަކެއް ދީފައި އޮންނަ އިރު، މަސައްކަތެއް ނުކޮށް ގިނަ ބައެއްގެ ވިސްނުމުގައި އެތަން އޮތީ "ވާގިނެތިފަ" އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމާއި އަދި ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ވެސް އެ މަޖިލިސް ފެނުނީ ފޯރީގައި ގިނަ ބަހުސްތަކެއް ކުރި ތަނެއްގެ ގޮތުގަ އެވެ. އެކަމަކު، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފަހު އަހަރުތަކުގައި އެފަދަ ބަހުސްތަކެއް ހިނގާ ތަނެއް ނުފެނެ އެވެ.

މަޖިލީހުގެ ޖަލްސާތައް ހުއްޓިފައި އޮތަސް، މުހިންމު މަސައްކަތްތަކެއް ކުރަން އެބަހުއްޓެވެ. އެ ގޮތުން މޯލްޑިވްސް މީޑިއާ ކޮމިޝަންގެ ބިލާއި ތައުލީމުގެ ބިލާއި ހެއްކާ ބެހޭ ބިލުގެ މަސައްކަތް ކުރިއަށް ނުދާތާ ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ. ބައެއް ބިލުތައް ދިރާސާ ކުރާކަށް އަދި ނުފަށަ އެވެ.

އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީގެ ސްޕޯކްސްޕާސަން، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ ސަރުކާރުގެ އަމުރަށް މަޖިލީހުގެ ކޮންޓްރޯލް ނަގާފައި އޮތީ ސިފައިން ކަމަށެވެ. މަޖިލީހަކީ މިހާރު ރައްޔިތުން ތަމްސީލް ކުރާ ތަނެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ޕެނަލް ޑިސްކަޝަނެއްގައި އިންތި ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"މަޖިލީހުގެ މެމްބަރުން މަޖިލީހަށް ވައްދަނީކީ ނޫން. ޖަލްސާތައް ބާއްވަނީ އުސޫލަކުން ނޫން. އިތުބާރު ނެތް ބޭފުޅަކު ރިޔާސަތުގައި އިންނަވައިގެން ޖަލްސާތައް ކުރިއަށް ދަނީ. މަސީހުގެ އިތުބާރެއް ނެތް،" މަޖިލީހުގެ ރައީސް އަބްދުﷲ މަސީހަށް އިޝާރާތް ކުރައްވައި އިންތި ވިދާޅުވި އެވެ.

އިންތި ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ހުށަހެޅި އެއްވެސް ކަމެއް ނުބަލަ އެވެ. އެގޮތުން މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވައިލި މައްސަލަ އާއި ބްލޮގާ ޔާމީން ރަޝީދު މަރާލި މައްސަލަ މަޖިލީހުން މިހާތަނަށް ނުބަލާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިންތި ވިދާޅުވީ މަޖިލީހުގައި ކަންކަން ހިނގަމުން ދަނީ ރައްޔިތުން ތަމްސީލް ނުވާ ގޮތަށް ކަން، އެ މީހުން ގަބޫލުކުރެ އެވެ. އެގޮތުން މަޖިލީހުގެ އިދިކޮޅު 12 މެމްބަރަކު މަޖިލީހަށް ވެންނެވުމަށް ހުރަސް އެޅުމަކީ އެކަމުގެ ފުރިހަމަ ހެއްކެއް ކަމަށް ވެސް އިންތި ވިދާޅުވި އެވެ.

"ރައްޔިތުން ބޭނުން ވަނީ އިދިކޮޅު މެމްބަރުންގެ މެޖޯރިޓީއާ އެކު ޖަލްސާތައް ފަށަން. ޖަލްސާތައް މިހާރު ކުރިއަށް އެ ދަނީ ސިފައިންގެ އެހީތެރިކަމާއެކު އިތުބާރު ނެތް ބޭފުޅަކު ގަދަ ބާރުން ގޮނޑީގައި ބައިންދައިގެން. ރައްޔިތުން ގަބޫލު އެބަކުރޭ އެތަން އޮތީ ހިސޯރުކޮށްފައި ކަން،" އިންތި ވިދާޅުވި އެވެ.

އިދިކޮޅު މެމްބަރުން ވިދާޅުވާ ގޮތުގައި މަސީހުގެ ރިޔާސަތުގައި ޖަލްސާތައް ބާއްވަން އެބޭފުޅުން އަބަދުވެސް ދެކޮޅެވެ. އެ ހުރަސްތަކުން ސަލާމަތްވުމަށް ރިޔާސާތުގެ ސަރަހައްދުގައި އުސްކޮށް ލަކުޑީގެ "ފާރެއް" ބިނާކުރި ނަމަވެސް، އެ ފާރުގެ ބޭނުމެއް ނުކުރެވެ އެވެ. މިދިޔަ ހަފުތާގައި އާއި މި ހަފުތާގައި އެއްވެސް ޖަލްސާއެއް ނުބާއްވާތީ އެކަން ދޭހަވެ އެވެ.