މުވައްކިލުންނާ ބައްދަލުކުރަން އަދިވެސް ދެނީ 30 މިނެޓް: ހިސާން

އެކި ތުހުމަތުތަކުގައި ފުލުހުންގެ ބަންދުގައި ތިބި މީހުންނާ ބައްދަލުކުރަން ވަކީލުންނަށް އަދިވެސް ދެނީ 30 މިނެޓު ކަމަށް ވިދާޅުވެ ގާނޫނީ ވަކީލު ހިސާން ހުސައިން މިއަދު ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.


ސިޔާސީ ގިނަ ބޭފުޅުންގެ ދިފާއުގައި މަސައްކަތް ކުރައްވާ ހިސާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މުވައްކިލުންގެ ބައްދަލުވުން 30 މިނެޓަށް ކުރު ކުރީ، ކުއްލި ނުރައްކަލުގެ ހާލަތު އުވެންދެން ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ. އެކަމަކު، އެ ހާލަތު އުވާލުމަށް ފަހު ވެސް އުސޫލަށް ބަދަލު ނުގެނެސް، މުވައްކިލުގެ ބައްދަލުވުމަށް ދެނީ 30 މިނެޓް ކަމަށް ވެސް ހިސާން ވިދާޅުވި އެވެ.

މި މައްސަލައިގައި ހިސާންގެ އިތުރުން އެހެން ވަކީލުން ވެސް ގެންދަވަނީ ކަންބޮޑުވުން ފާޅު ކުރައްވަމުންނެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި، ދޫނިދޫގައި ތިބި މީހުންނާ އެކު މުވައްކިލުގެ ބައްދަލުވުން 30 މިނެޓަށް ބަދަލުކުރީ ވަކީލުންގެ ފުރުސަތު ހޯދާ މިންވަރު އިތުރުވަމުން އަންނާތީވެ އެންމެންނަށް ވެސް ހަމަހަމަ ކަމާއެކު އެ ފުރުސަތު ދޭން ކަމަށެވެ.

ފުލުހުން ބުނެފައި ވަނީ، ގައިދީއާ ބައްދަލު ކުރެވޭނީ 30 މިނިޓަށް ކަމަށާއި ލަހުން ބައްދަލު ކުރެވުނު ނަމަވެސް ވަގުތު ލިބޭނީ އެ 30 މިނިޓުން ބާކީވާ ވަގުތު ކަމަށް ބުނެފައިވެ އެވެ. އަދި ބައްދަލުވުން ނިންމުމަށް ފަހު، ވަކީލުން ޖަލުގައި ތިބޭ އެހެން މީހުން ކައިރި އަށް ގޮސް ވާހަކަ ދެއްކުން ވެސް ވަނީ މަނާކޮށްފަ އެވެ.

މީގެ އިތުރުން ކުރިން ހެނދުނު ނުވައަކުން ހަވީރު ހައެއް ޖަހަންދެން ބައްދަލު ކުރުމަށް ދީފައި އޮތް ފުރުސަތު ވެސް ވަނީ ހަވީރު ފަހަކަށް ކުރުކޮށްފަ އެވެ.