24 ގަޑިއިރު ޚިދުމަތް ދޭ ސިޓީއަކަށް މާލެ ބަދަލުކޮށްލަނީ

ފިހާރަތަކާއި ކެފޭ/ރެސްޓޯރެންޓްތައް 24 ގަޑިއިރު ހުޅުވުމުގެ ހުއްދަ ދީ، 24 ގަޑިއިރު ޚިދުމަތް ދޭ ސިޓީ އަކަށް މާލެ ބަދަލު ކުރަން އިކޮނޮމިކް މިނިސްޓްރީން ޕްލޭނެއް އެކުލަވައިލަން ފަށައިފި އެވެ.


މިނިސްޓަރުގެ ނައިބު އާދަމް ތައުފީގު "މިހާރު" އަށް މިއަދު ވިދާޅުވީ، އެ ޕްލޭންގެ މަސައްކަތް ފެށީ ވަރަށް ގިނަ ބައެއްގެ އެދުމުގެ މަތިން ކަމަށެވެ. ރާއްޖެ އަށް އަންނަ ތަރައްގީއާ އެކު، ފިހާރަތަކާއި ކެފޭތައް 24 ގަޑިއިރު ހުޅުވާފައި ބެހެއްޓުމަކީ އާންމުންނަން ބޭނުންތެރިކަން ބޮޑު ކަމެއް ކަން އޭނާ ފާހަގަކުރެއްވި އެވެ.

"އެގޮތަށް ބަދަލު ކުރުމަށް، ނިންމަންޖެހޭ ކަންކަމާ ގުޅޭ މަޝްވަރާތައް ކުރިއަށް އެބަދޭ. ގޮތެއް ނިންމުމުގެ ކުރިން، ދެކޮޅަށް ވެސް ވިސްނާނެ،" ތައުފީގް ވިދާޅުވި އެވެ.

މީގެ ކުރިން، ފިހާރަތަކާއި ކެފޭ/ރެސްޓޯރަންޓްތައް ހުޅުވުމުގެ ހުއްދަ ދިނުމުން، މައްސަލަތަކެއް ދިމާވެ އެކަން ހުއްޓާލަން ޖެހުނުކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، އާ އުސޫލު އެކުވަލާނީ، ދިމާވެދާނެ ހުރިހާ މައްސަލަތަކަކަށް ވެސް ހައްލު ހޯދުމަށް ފަހު ކަމަށެވެ.

އެމްޑީޕީގެ ސަރުކާރުގައި 24 ގަޑިއިރު ފިހާރަތައް ހުޅުވުމުގެ ހުއްދަ ދިން ނަމަވެސް ފަހުން އެ ނިންމުމަށް އަމަލު ކުރުން ހުއްޓާލަން ޖެހުނީ ޝަކުވާ ބޮޑުވެގެންނެވެ.

ތައުފީގް ވިދާޅުވި ގޮތުގައި ޕްލޭނެއް އެކުލަވާލަމުން އައި ނަމަވެސް އެއަށް އަމަލުކުރަން ފެށޭނެ ދުވަހެއް އަދި އެނގިވަޑައެއް ނުގަންނަވަ އެވެ. ޕްލޭނަށް އަމަލުކުރަން ފެށުމުގެ ކުރިން ކަމާބެހޭ ފަރާތްތަކާ މިނިސްޓްރީން މަޝްވަރާކޮށް، ހިޔާލު ހޯދާނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވެވި އެވެ.

މާލޭގައި އެކި ޚިދުމަތް ދޭ އުސޫލު މުޅިން ބަދަލުކޮށްލަން ސަރުކާރުން ވިސްނާފައިވާއިރު، މިހާރު ވެސް ބައެއް ބަދަލުތައް އަންނަނީ ތަންފީޒު ކުރަމުންނެވެ. އެގޮތުން، މާލެ ތެރޭގައި، މިހާރު މުދާ އުފުލެނީ ހަވީރު ހަޔަކުން ހެނދުނު ހަޔަކަށެވެ. މީގެ އިތުރުން، ހުޅުމާލެ-މާލެ ފެރީތަކަށް މުދާ އުފުލާ ގަޑިތަކަށް ވެސް ވަނީ ބަދަލު ގެނެސްފަ އެވެ.