ކެފޭ/ރެސްޓޯރަންޓްތައް މެންދަމު އެކެއް ޖަހާއިރު އަދި ޕެޓްރޯލް ޝެޑުތައް ރޭގަނޑު 12 ޖަހަންދެން މިރެއިން ފެށިގެން ހުޅުވާފައި ބަހައްޓާ ގޮތަށް އިކޮނޮމިކް މިނިސްޓްރީން ނިންމައިފި އެވެ.

ނަމަވެސް ފިހާރަތައް ހުޅުވިފައި ހުންނާނީ ކުރިއެކޭ އެއްގޮތަށް ރޭގަނޑު 10 ޖަހަންދެން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އިކޮނޮމިކް މިނިސްޓަރުގެ ނައިބު އާދަމް ތައުފީގު "މިހާރު" އަށް މިރޭ ވިދާޅުވީ، ކެފޭ/ރެސްޓޯރަންޓާއި ޕެޓްރޯލް ޝެޑްތައް ހުޅުވާފައި ހުންނަ ވަގުތު އިތުރު ކުރީ މާލެތެރޭގައި ދުވާލު ގަޑީގައި މުދާ އުފުލުން މަނާކޮށް އަމަލުކުރަން ފެށި އާ އުސޫލާ އެކު ބައެއް ޚިދުމަތްތަކަށް ލުޔެއް ދިނުމުގެ ގޮތުން ކަމަށެވެ.

"އެކަމާ ގުޅުން ހުރި ބައެއް ކަންކަމަށް އަޅުގަނޑުމެން މި އަންނަނީ ބަދަލުތައް ގެންނަމުން. އޭގެ ތެރެއިން މި ބަދަލު ވެސް މި ގެނައީ،" އޭނާ ވިދާޅުވި އެވެ.

އެންމެ ކުރިއްސުރެ ފެށިގެން ކެފޭ/ރެސްޓޯރަންޓުތައް ހުޅުވާފައި ހުންނަނީ މެންދަމު އެކެއް ޖަހަންދެނެވެ. ނަމަވެސް، އެ ތަންތަން ހުޅުވިފައި ހުންނާނީ ރޭގަނޑު 12 ޖަހަންދެން ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހަމަޖެއްސުމާ ގުޅިގެން މިހާތަނަށް އަމަލު ކުރަމުން އައީ އެ އުސޫލަށެވެ.

ޕެޓްރޯލް ޝެޑުތަކުން މިހާތަނަށް ޚިދުމަތް ދެމުން އައީ އެއިރެއްގައި ފިހާރަތައް ހުޅުވިފައި ހުންނަ ވަގުތަކާ ހަމައަށެވެ. އެ އުސޫލުން، ޕެޓްރޯލް ޝެޑްތައް ވެސް މިހާތަނަށް ބަންދު ކުރަނީ ރޭގަނޑު 10:00 ގަ އެވެ. އަދި މިއީ ޕެޓްރޯލް ޝެޑްތައް މިހާ ގިނައިރު ވަންދެން ހުޅުވާފައި ބަހައްޓަން ނިންމި ފުރަތަމަ ފަހަރު ވެސް މެ އެވެ.

ތައުފީގު ވިދާޅުވި ގޮތުގައި ފިހާރަތައް 24 ގަޑިއިރު ހުޅުވާފައި ބެހެއްޓުމާ ގުޅޭ ގޮތުން ވެސް ކަމާ ބެހޭ ފަރާތްތަކާ އެކު މިހާރު އަންނަނީ މަޝްވަރާ ކުރަމުންނެވެ. އަދި އެކަމަށް އުސޫލެއް ކަނޑައަޅައި ގޮތްތަކެއް ނިމުމުން އާންމު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

މާލެތެރޭގައި ޕިކަޕް/ލޮރީތަކުގައި މުދާ އުފުލާ ގަޑި އަކީ ހަވީރު ހަޔަކުން ފެށިގެން ޖެހިގެން އަންނަ ދުވަހުގެ ހަޔަކާ ހަމައަށް ކަމަށް ސަރުކާރުން ކަނޑައެޅުމުން، ވިޔަފާރިވެރިންގެ ޝަކުވާތައް ހުރި ނަމަވެސް މާލޭގެ އާންމު ޓްރެފިކަށް ވަރަށް ބޮޑު ލުޔެއް އައިސްފައިވާ ކަން ފާހަގަކުރެވެ އެވެ.