ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަން ކުރިއަށް އޮތް ރޯދަމަހު ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް އިކޮނޮމިކް މިނިސްޓްރީން މިއަދު އާންމުކޮށްފި އެވެ.
އެ މިނިސްޓްރީން ބުނީ، ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަން ރޯދަމަހު ހުޅުވާފައި ބެހެއްޓޭނީ ކޮންމެ ދުވަހެއްގެ ހަވީރު 5:30 އިން ފެށިގެން މެންދަމު 3:00 އާ ހަމައަށް ކަމަށެވެ. އަދި ހަ ރޯދައިގެ ދުވަސްތަކުގައި ވެސް އެ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ފަތިހު 4:30 އިން މެންދަމު 3:00 އާ ދެމެދު އެވެ.
މިނިސްޓްރީން ބުނިގޮތުގައި، ފިހާރަތައް ނުވަތަ މުދާ ވިއްކާ ތަންތަން މާދަމާ އިން ފެށިގެން ހުޅުވާފައި ބެހެއްޓޭނީ ފަތިހު 5:30 އިން މެންދަމު 1:00 އާ ހަމައަށެވެ. ރޯދަމަހާއި ހަ ރޯދަ ނިމެންދެން ވެސް އެ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ އެއީ އެވެ.
މީހުން ދިރިއުޅޭ ރަށްތަކުގައި 24 ގަޑިއިރު ހިދުމަތް ދިނުމުގެ ހުއްދަ ދޫކޮށްފައިވާ ތަންތަން ހިމެނޭ ގޮތަށް، ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ވެސް އެ ގަޑިތަކުގަ އެވެ.
އިކޮނޮމިކް މިނިސްޓްރީން ވަނީ އެގޮތަށް އަމަލުކުރަން އަންގައިފަ އެވެ.
ކަލަންޑަރުގައިވާ ގޮތުން މި ފަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަހަކީ މި މަހު 18 އެވެ.