ޔާމީންގެ މަރުގެ ޝަރީއަތް ހުޅުވާލަން ގޮވާލައި މުއައްސަސާތަކަށް

ވަޅިން ހަމަލާދީ މަރާލި ލިޔުންތެރިޔާ، ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ޝަރީއަތް އާއްމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދަން އެ އާއިލާއިން މުއައްސަސާތަކުގައި މިއަދު އެދިއްޖެ އެވެ.


އެޕްރީލް، 23، 2017 ގައި ޔާމީން މަރާލި މައްސަލައިގައި ދައުލަތުން ވަނީ ހަތް މީހެއްގެ މައްޗަށް ދައުވާ އުފުލައިފަ އެވެ. އެ މައްސަލައިގެ ޝަރީއަތް މިދިޔަ ސެޕްޓެމްބަރު މަހު ފަށާފައިވާއިރު، މިހާތަނަށް ހުރިހާ އަޑުއެހުމެއް ވެސް ބޭއްވީ ސިއްރުކޮށްގެންނެވެ.

ޔާމީންގެ އާއިލާގެ އިތުރުން އިންސާނީ ހައްގުތަކުގައި މަސައްކަތްކުރަމުން އަންނަ ބައެއް ޖަމިއްޔާތަކުގެ އިސްބޭފުޅުން މިއަދު ވަނީ، ޕްރޮސިކިއުޓާ ޖެނެރަލް، އާއިޝަތު ބިޝާމާއި އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒާއި ބައްދަލުކުރައްވަން މަސައްކަތް ކުރައްވައިފަ އެވެ. އެ ދެ ބޭފުޅުންނާ މިއަދު ބައްދަލު ނުކުރެވުނު ނަމަވެސް އަންނަ ބުރާސްފަތި ދުވަހު ޕީޖީއާ ބައްދަލުކުރާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

ޔާމީންގެ ޝަރީއަތް އާއްމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދަން ގޮވާލަމުން އަންނަ، ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ޕްރޮޖެކްޓް މެނޭޖަރު އަހުމަދު ތޮލާލް ވިދާޅުވީ، ޔާމީންގެ މަރުގެ މައްސަލަ އިންސާފުވެރިކަމާއެކު ކުރިއަށްގެންދިއުމަށް އެދި އާއިލާއިންނާއި ރަހުމަތްތެރިން ފޮނުވި ސިޓީ ވެސް ފުލުހުން ބަލައި ނުގަތް ކަމަށެވެ. އަދި އެ މައްސަލައިގެ ޝަރީއަތް ސިއްރުކޮށްގެން ކުރިއަށް ގެންދަނީ ކާކުގެ ހައްގެއް ހިމާޔަތް ކޮށްދިނުމަށްތޯ ސުވާލު އުފެދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އާއިލާއިން ހުށަހެޅި ޕެޓިޝަނާއި ސިޓީތައް ބަލައެއް ނުގަތް. އަނެއްކާ ކޯޓަށް ފޮނުވައި މައްސަލައިގެ އަޑުއެހުންތައް ވެސް މި ވަނީ ސިއްރުކޮށްފައި. އާއިލާއަށް ވާނުވާއެއް ނޭނގޭ. ކާކުގެ ހައްގެއް ހިމާޔަތްކޮށްދޭންތޯ ޝަރީއަތް ސިއްރުކޮށްގެން މި ކުރިއަށްގެންދަނީ،" ތޮލާލް ވިދާޅުވި އެވެ.

ޔާމީންގެ އާއިލާ އަދި ރައްޓެހިން، އޭނާގެ ޝަރީއަތް ސިއްރުކޮށްގެން ކުރިއަށްގެންދާތީ، އެކަމުގެ ކަންބޮޑުވުންތައް ހިއްސާކުރަން އެޗްއާރުސީއެމްގައި.-- ފޮޓޯ:

ޔާމީންގެ ޝަރީއަތާ ގުޅިގެން، އާއިލާ އާއި ރައްޓެހިން ވަނީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް)ގެ ރައީސް އާމިނަތު އީނާސްއާ ވެސް ބައްދަލުކޮށްފަ އެވެ. އެ މައްސަލައިގައި އެ ކޮމިޝަނަށް ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ދޭނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށާއި އެ ކަންކަމާ މަޝްވަރާކުރަން އަންނަ އާދިއްތަ ދުވަހު އެޕޮއިންޓްމަންޓް ހަމަޖައްސާފައިވާ ކަމަށް ވެސް ތޮލާލް ވިދާޅުވި އެވެ.

ޔާމީންގެ މަރުގެ މައްސަލައިގައި ސިއްރު ކުރަން އެދޭނީ ބައެއް އަޑުއެހުންތައް ކަމަށާއި މުޅި ޝަރީއަތް ސިއްރު ނުކުރާނެ ކަމަށް ޕީޖީ އޮފީހުން ވަނީ ކުރިން ބުނެފަ އެވެ. އެ އޮފީހުން އޭރު ބުނީ އެ މައްސަލައިގެ ބައެއް އަޑުއެހުންތައް ސިއްރު ކުރަން އެދުނީ މައްސަލައިގެ ބާވަތުންނެވެ. ނަމަވެސް މުޅި ޝަރީއަތް ސިއްރު ކުރަން ނޭދޭނެ ކަމަށް ބުންޏެވެ.