ނުރައްކާތެރި އެކްސިޑެންޓެއްގައި ހިނގައި އެކަކު ސީރިއަސް

ދެ ސައިކަލް ޖެހި މާލޭގައި މިރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެ އެވެ. އޭގެ ތެރެއިން އެކަކުގެ ހާލު ސީރިއަސް އެވެ.


މަންޒަރު ދުށް މީހަކު ބުނިގޮތުގައި އަނިޔާވީ ސައިކަލް ދުއްވަން އިން ދެ މީހުންނަށެވެ.

ބޮޑުތަކުރުފާނުމަގުން ރައީސް އޮފީސް ކުރިމަތީގައި ހިނގި މި އެކްސިޑެންޓުގައި ބޮޑަށް އަނިޔާވީ މ. ވޯޓާޕާލް އިސްމާއިލް ނަސީމް 45، އަށެވެ.

އެކްސިޑެންޓުގައި އަނިޔާވި ދެ މީހުންނަށް ވެސް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނައިރު އިސްމާއިލްގެ ސިކުނޑި އަށް ލޭ އެޅި ހާލު ސީރިއަސް ކަމަށް ވެ އެވެ. އިސްމާއިލްގެ ސިކުނޑި އަށް ލޭ އެޅިފައިވާއިރު އޭނާގެ މޫނުމަތީގައި ވެސް ޒަހަމްތަކެއް ހުރި ކަމަށް އެނގިފައިވެ އެވެ.

މާލޭގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އުމުރުން 20 އަހަރުގެ ޒުވާނާ ދުއްވަން އިން ސައިކަލް.---ފޮޓޯ: މިހާރު

ބޮޑުތަކުރުފާނު މަގުން ދެކޮޅަށް ދުއްވާފައި އައި ދެ ސައިކަލް ވަރަށް ބާރަށް ޖެހި ހިނގި މި އެކްސިޑެންޓުގައި ދެން އަނިޔާވީ އުމުރުން 20 އަހަރުގެ ޒުވާނަކަށެވެ. އޭނާގެ ފައިގެ ކަށިމަތިން ބައެއް މަށައިގެން ދިއުން ފިޔަވައި ސީރިއަސް އަނިޔާތަކެއް ނުވާ ކަމަށް އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވި އެވެ.

އެކްސިޑެންޓްވި ދެ ސައިކަލަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ. ދެ ސައިކަލުގެ ވެސް ފުރޮޅު ވަރަށް ބޮޑަށް ބަނޑިވެ ސައިކަލުގެ ކަވަރުގަނޑު ވަނީ ފަޅައިގެން ގޮސްފަ އެވެ. އަދި ދެ ސައިކަލުން ވެސް ބައެއް ބައިތައް ނައްޓައިގެން ގޮސް ބިންމަތީގައި ހުއްޓާ ފެނިފައިވެ އެވެ. އަދި ބިންމަތީގައި ލޭ ވެސް ހުއްޓެވެ.