ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ނުކުރި ނަމަ ނަތީޖާ ގޯސްވުމުގެ ބިރު އޮތް: ރައީސް ޔާމީން

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ނުކުރި ނަމަ ފަހަރުގައި، ނަތީޖާ ނުބައިވުމުގެ ބިރު އޮތް ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.


މި ސަރުކާރުގެ ހަތަރު އަހަރުގެ ތެރޭގައި ހޯދާފައިވާ ކުރިއެރުންތަކާއި މަޝްރޫއުތަކުގެ މައްޗަށް ތައްޔާރު ކޮށްފައިވާ "ރަށްވެހި ތަރައްގީ" ފޮތް އިފުތިތާހު ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ފެބުރުއަރީ ފަސް ވަނަ ދުވަހުގެ ރޭ އެ މަނިކުފާނު އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގެ 45 ދުވަސް ތެރޭގައި ވެސް ސަރުކާރުގެ ތަރައްގީގެ މަސައްކަތްތަކަށް "ކުއްލި ވަގުތުކޮޅެއް" ނާންނަ ކަމަށެވެ. ހުރިހާ މަސައްކަތްތަކެއް ވެސް ދިޔައީ، ކަނޑައަޅާފައިވާ ތަރުތީބުން ޝެޑިއުލާ އެއްގޮތަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އަދިވެސް އެއްބަޔަކު ތިބީ ކުއްލި ނުރައްކަލުގެ ހާލަތުގަ އެވެ. ރައީސް ޔާމީން އެ އިޝާރާތް ކުރެއްވީ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ހައްޔަރުކޮށް ފުލުހުންގެ ބަންދުގައި ތިބި ބޭފުޅުންނަށް ކަމަށް ބެލެވެ އެވެ.

"ރަށްވެހި ތަރައްގީ" ފޮތް ނެރުމުގެ ރަސްމިއްޔާތުގައި ސަރުކާރުގެ އިސް ބޭފުޅުން. --ފޮޓޯ: ރައީސް އޮފީސް

އޭގެ ތެރޭގައި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް ހިމެނިވަޑައިގަންނަވަ އެވެ.

"ކުއްލި ނުރައްކަލުގެ ހާލަތު އައީ އެހެން ގައުމުތަކުގައި އެ ހާލަތު ގެންނަ ސަބަބަކުން ނޫން. އެއީ އަޅުގަނޑުމެން ހަދާފައިވާ ގާނޫނުތަކުން އަޅުގަނޑުމެން ދަތި އެޅުވޭތީވެ ދަތިފިލުވަން ގެންނަން ޖެހުނު ހާލަތެއް އެއީ. އެ ނޫން އެއްވެސް ކަހަލަ ޒަރޫރަތެއް އެކަމަށް ނިޔާކޮށްގެން ކުރި ކަމެއް ނޫން އެއީކީ،" ރައީސް ވިދާޅުވި އެވެ.

"އެހެން ނަމަވެސް އެ ކަން ނުކުރި ނަމަ ފަހަރުގައި ނަތީޖާ ނުބައިވެގެން ހިނގައްޖެއީސް. ހަގީގަތުގައި ވެސް ގައުމީ ނުރައްކަލުގެ ހާލަތަކަށް ދައުލަތް ދިއުން، ނޫނިއްޔާ ގައުމު ފުރޮޅިގެން ދިއުން. މި ދެންނެވި ސަބަބު އޮތީ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް އާއްމު އުސޫލުން ސަރުކާރު ހިނގަމުން ދިޔަ ކަމަށާއި އެކަމުގައި ވަޒީރުންގެ އެއްބާރުލުން ލިބިވަޑައިގަންނަވާ ކަން ރައީސް ފާހަގަކުރެއްވި އެވެ.

"އަޅުގަނޑު ދަންނަވަން، ވަޒީރުންގެ ހިތްޕުޅުގައި ވެސް އުފެދޭ ނުތަނަވަސްކަން، އިއްޔެގެ ސުޕްރީމް ކޯޓުގެ ހުކުމާ ހަމައަށް ވެސް ހިތްޕުޅުގައި އުފެދޭ ނުތަނަވަސްކަން ފިޔަވައި ސުވާލު ކުރައްވަން ޖެހޭ އެއްވެސް ކަމެއް ނެތް. އެހެންވީމަ އެ ކަހަލަ ފައްތަރެއްގައި ދިވެހިރާއްޖެ އޮވެގެން ދަތުރުކުރި ހަތަރު ފަސް މަސް ދުވަހެއް، އަޅުގަނޑުމެން މި ހޭދަކުރީ،" ރައީސް ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރައީސް އަބްދުﷲ ޔާމީން ވާހަކަ ދައްކަވަނީ. --ފޮޓޯ: ރައީސް އޮފީސް

ރައީސް އެ ވިދާޅުވީ އިންތިޚާބުވާ ޕާޓީން ވަކިކޮށްފި ނަމަ ނުވަތަ ވަކިވެއްޖެ ނަމަ މެމްބަރު ކަމުގެ ގޮނޑި ގެއްލޭ ގޮތަށް މަޖިލީހުން ފާސްކުރި އެންޓި ޑިފެކްޝަން ގާނޫނު ބާތިލް ކަމަށް ކަނޑައެޅެން ނެތް ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ކުރި ހުކުމްގެ ވާހަކަ އެވެ. އިދިކޮޅުން ސުޕްރީމް ކޯޓަށް ވެއްދި މައްސަލައިގައި ތިން ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް އައީ އެ މީހުން އުއްމީދުކޮށްގެން ތިބި ގޮތާ ޚިލާފަށެވެ.

އެންޓި ޑިފެކްޝަން ގާނޫނުގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ ޖުލައި 13 އިން ފެށިގެން އޭގައި ބުނާ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެކަން މަޖިލީހަށް އަންގާފައިވާ މެމްބަރުންގެ މައްޗަށް އެ އުސޫލުތައް ހިނގާނެ ކަމަށެވެ. އެ ބުނާ ހާލަތްތަކަކީ މަޖިލީހުގެ މެމްބަރަކު، ޕާޓީގެ ޓިކެޓުގައި އިންތިހާބުވުމަށް ފަހު، ޕާޓީން އަމިއްލަ އަށް ވަކިވުން، ވަކިކުރުން އަދި އެހެން ޕާޓީއަކާ ގުޅިއްޖެ ނަމަ، ގޮނޑި ގެއްލޭނެ ކަމަށް ބުނާ ހާލަތެވެ.