ޚަބަރު / ސުޕްރީމް ކޯޓް

ކުށް ސާބިތުވުމާ އެކު ފަނޑިޔާރުން ވަކިވާ އިސްލާހު ސައްހަ: ސުޕްރީމް ކޯޓު

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދާ، ކްރިމިނަލް ކޯޓުގެ ފަނޑިޔާރުގެ ހައިލަމް ސަލާމް ކުރައްވަނީ.---ފޮޓޯ: މިހާރު

ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެގެން އިސްތިއުނާފް މަރުހަލާތައް ނިމިއްޖެ ނަމަ އޮޓަމެޓިކުން ފަނޑިޔާރުން ވަކިވާ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހު ސައްހަ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ގާނޫނުއަސާސީގައި ވާ ގޮތުން ފަނޑިޔާރުން މަގާމުން ވަކި ކުރެވެނީ ރައްޔިތުންގެ މަޖިލީހަށް ކަމަށް ވިޔަސް، ފަނޑިޔާރުންގެ ގާނޫނަށް މިިދިޔަ މަހު ގެނައި އިސްލާހުގައި ވަނީ ފަނޑިޔާރެއްގެ މައްޗަށް ކުށް ސާބިތުވެގެން އިސްތިއުނާފްގެ މަރުހަލާތައް ނިމިއްޖެ ނަމަ، މަޖިލީހުގެ ދައުރެއް ނެތި އޮޓަމެޓިކުން މަގާމުން ވަކިވާނެ ކަމަށެވެ.

އެ އިސްލާހު ބާތިލް ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅީ މަޖިލީހުގެ އިދިކޮޅު ތިން މެމްބަރުން ކަމަށްވާ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސައިން އަދި މަކުނުދޫ ދާއިރާގެ އަދާލަތު ޕާޓީގެ މެމްބަރު އަނާރާ ނައީމެވެ.

އެ މައްސަލަ ބެއްލެވި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ހުކުމް ކުރީ އެއީ ގާނޫނީ ގޮތުން ސައްހަ އިސްލާހެއް ކަމަށާއި އެ އިސްލާހު ބާތިލް ކުރަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ކުށްވެރިވާ ހާލަތުގައި އޮޓަމެޓިކުން ފަނޑިޔާރުކަމުގެ މަގާމުން ވަކިވުން ރަނގަޅު

ހުކުމް އިއްވަވަމުން ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ވިދާޅުވީ ވަކި ބާވަތުގެ ކުށްތަކެއް ސާބިތުވެފައި ނެތުމަކީ ފަނޑިޔާރުން މަގާމަށް އައްޔަން ކުރުމުގެ ޝަރުތެއް ކަމަށް ގާނޫނުއަސާސީގައި އޮންނައިރު، ޝަރުތު ނެތިދާ ހާލަތުގައި ފަނޑިޔާރު ކަމުން ވަކިވުމަކީ ގާނޫނުއަސާސީއާ ޚިލާފް ކަމެއް ނޫން ކަމަށެވެ. ފަނޑިޔާރު ކަމަށް އައްޔަން ކުރެވެނީ ގާނޫނުއަސާސީގައި ބުނާ ޝަރުތުތައް ފުރިހަމަ ވެގެން ކަން ފާހަގަ ކުރައްވައި، ފަނޑިޔާރު އާދަމް ވިދާޅުވީ ފަނޑިޔާރުން މަގާމުގައި ތިބޭނީ ވެސް އެ ޝަރުތުތަކާ އެއްގޮތަށް އަމަލު ކުރުމުގެ މަތީގައި ދެމިތިބުމަށްޓަކައި ކަމަށެވެ.

ވަކި ބާވަތެއްގެ ކުށްތަކެއް ސާބިތުވެފައި ނުވުމުގެ އިތުރަށް ފަނޑިޔާރުންނަކީ އަޚުލާގު ރަނގަޅު ބަޔަކަށް ވާން ޖެހޭނެ ކަަމަށް ގާނޫނުއަސާސީގައި ބުނާއިރު، އެ ޝަރުތުތަކާ ގުޅޭ އުސޫލުތަކެއް ގާނޫނުގައި ކަނޑައެޅުމަކީ ރައްޔިތުންގެ މަޖިލީހަށް ކުރެވިދާނެ ކަމެއް ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ. އަދި އެގޮތަށް ގާނޫނެއް ފާސް ކުރުމަކީ ފަނޑިޔާރުންގެ މިނިވަންކަން ގެއްލޭނެ ކަމެއް ނޫން ކަމަށް ވެސް ފަނޑިޔާރު އާދަމް ވިދާޅުވި އެވެ.

އިސްލާމީ ޝަރީއަތާއި ބައިނަލްއަގްވާމީ އުސޫލުތަކުން މިސާލު ނަންގަވައި، ފަނޑިޔާރު އާދަމް ވިދާޅުވި ގޮތުގައި، ފަނޑިޔާރުންނަކީ އަޚުލާގު ރަނގަޅު ބަޔަކަށް ވާންޖެހެ އެވެ. އަދި ފަނޑިޔާރު ކަމަށް އައްޔަން ކުރާ ބޭފުޅަކީ އަދާލަތުގެ ސިފަ ހުރި ބޭފުޅެއް ކަމަށް ވާން ޖެހޭނެ ކަމަށް އިސްލާމީ ދީނުގެ ޖުމްހޫރު އިލްމުވެރިންގެ ބަސްފުޅުތަކުން އެނގޭ ކަމަށް ވިދާޅުވި އެވެ.

އަދާލަތުގެ ސިފަ ހުރި ކަމަށް ބެލެވޭނީ ބޮޑު ފާފަ އަކަށް އަރައި ނުގަންނަ އަދި ކުދި ފާފަތައް ކުރުމުގައި ދެމި ނުތިބޭ މީހުން ކަމަށާއި އެއާ ޚިލާފަށް، ފާފަތަކަށް އަރައިގަންނަ ފާސިގެއް ނަމަ ފަނޑިޔާރު ކަމަށް އައްޔަން ކޮށްގެން ނުވާނެ ކަމަށް އިލްމުވެރިންގެ ބަސްފުޅުތަކުން އެނގޭ ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ.

ފަނޑިޔާރު އާދަމް ވިދާޅުވި ގޮތުގައި ރާއްޖޭގެ ގާނޫނުތައް ހުރި ގޮތުން ފަނޑިޔާރުންނަކީ ޖިނާއީ ދައުވާތައް އުފުލުމުން ހިމާޔަތް ލިބިގެންވާ ބައެއް ނޫނެވެ. ރާއްޖޭގެ އިތުރުން ބައިނަލްއަގްވާމީ އުސޫލުތަކަށް ބަލާއިރު ވެސް، ފަނޑިޔާރަކު ކުށެއް ކޮށްފި ނަމަ އާންމު ރައްޔިތެކޭ އެއް އުސޫލަކުން ޖިނާއީ އަދުލުގެ ނިޒާމު އެ މީހެއްގެ މައްޗަށް ހިންގޭ ކަމަށް ވިދާޅުވި އެވެ.

އިސްލާހަށް ވޯޓަށް އެހިއިރު 43 މެމްބަރުން ނެތަސް، އިސްލާހު ރަނގަޅު

އެ އިސްލާހު ބާތިލް ކުރަން މެމްބަރުންގެ ފަރާތުން ފާހަގަކުރި މައިގަނޑު އެއް ސަބަބަކީ އެ އިސްލާހަށް ވޯޓަށް އެހި ޖަލްސާގައި 43 މެމްބަރުން ހާޒިރުވެ ނެތުމެވެ. ރައްޔިތުން އެ މައްޗަށް އަމަލު ކުރުން ލާޒިމްވާ ކަންކަން ފާސްކުރަން މަޖިލީހުގެ ދެ ބައިކުޅަ އެއްބައި ކަމަށްވާ 43 މެމްބަރުން ޖަލްސާގައި ތިބެން ޖެހޭއިރު، އެ އަދަދަށް މެމްބަރުން ނެތީސް އެ އިސްލާހަށް ވޯޓަށް އެހުމަކީ އެ އިސްލާހު ބާތިލްކުރަން ޖެހޭ ސަބަބެއް ކަމަށް އެ މައްސަލާގައި އިދިކޮޅު ތިން މެމްބަރުންގެ ފަރާތުން ވިދާޅުވެފައި ވެ އެވެ.

އެކަމަކު ދައުލަތުން ދޭ ރައްދަކީ އެއީ ފަނޑިޔާރުންނާ ގުޅޭ އިސްލާހެއް ކަމަށާއި އެއީ ރައްޔިތުން އަމަލު ކުރުން ލާޒިމްވާ އިސްލާހެއް ނޫން ކަމަށެވެ. އެހެންވެ، އެ އިސްލާހަށް ވޯޓަށް އަހަން 43 މެމްބަރުން ހާޒިރު ތިބެން ނުޖެހޭ ކަމަށް ދައުލަތުން ބުނެފައި ވެ އެވެ.

އެ ނުކުތާއާ ގުޅިގެން، ފަނޑިޔާރު އާދަމް ހުކުމް އިއްވަވަމުން ވިދާޅުވި ގޮތުގައި އެއީ އޭގެ ޒާތުގައި 43 މެމްބަރުން ހާޒިރުވެ ތިބެގެން ވޯޓަށް އަހަން ޖެހޭ އިސްލާހެކެވެ. ސަބަބެއްގެ ގޮތުގައި ފަނޑިޔާރު ވިދާޅުވީ އެ ގާނޫނަކީ އަދުލު އިންސާފު ގާއިމް ކުރުމުގައި މަސައްކަތް ކުރާ ފަނޑިޔާރުން އެ މައްޗަށް އަމަލު ކުރުން ލާޒިމްވާ ކަންތައްތަކެއް ބަޔާން ކޮށްފައި ހުރި އިސްލާހެއް ކަމަށް ވުމެވެ.

ފަނޑިޔާރު ވިދާޅުވީ، ގާނޫނެއް ފާސް ކޮށްފައި އޮތީ ވަކި ޚާއްސަ ޕްރޮފެޝަނަކަށް ނުވަތަ ވަކި ބަޔަކަށް ކަމަށް ވިޔަސް، އެ ގާނޫނެއްގައި އެ ބަޔަކު އަމަލު ކުރުން ލާޒިމްވާ ގާއިދާތަކެއް ހުރެއްޖެ ނަމަ އެއީ އަމަލު ކުރުން ލާޒިމްވާ ގާނޫނެއް ކަމުގައި ބެލެވޭނެ ކަމަށެވެ.

އެކަމަކު ފަނޑިޔާރު އާދަމް ވިދާޅުވި ގޮތުގައި އެ އިސްލާހަށް ވޯޓަށް އެހިއިރު 43 މެމްބަރުން ހާޒިރުވެ ނެތަސް، ޟަރޫރީ ހާލަތުގެ ދަށުން އިސްލާހު ފާސްކުރި ކުރުން ރަނގަޅެވެ. ސަބަބަކީ ގިނަ އަދަދެއްގެ މެމްބަރުން މަޖިލީހުުގެ ޖަލްސާތަކަށް ހާޒިރު ނުވުމުގެ ސަބަބުން މަޖިލިސް މިހާރު ހުއްޓުމަކަށް އައިސްފައި އޮތުމުން އެއީ ޟަރޫރީ ހާލަތެއް ކަމަށް ވާތީ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. އަދި ދައުލަތުން ހުށަހެޅި ލިޔުންތަކަށް ބަލާއިރު، އެ އިސްލާހަށް ވޯޓަށް އެހި ޖަލްސާއަށް ވެސް ބައެއް މެމްބަރުން ގަސްދުގައި ޖަލްސާއަށް ނުގޮސް ތިބިކަން އެނގޭ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

ޝަރުއީ ގާއިދާއެއް ފާހަގަ ކުރައްވައި، ފަނޑިޔާރު ވިދާޅުވި ގޮތުގައި ދައުލަތުގެ އާންމު މަސްލަހަތާ ގުޅުން ހުރި ޟަރޫރީ ހާލަތްތަކުގައި މަނާ ކަންކަން ހުއްދަ ކުރެވިދާނެ އެވެ. އެއީ އިސްލާމީ ޝަރީއަތުގައި ވެސް އޮންނަ އުސޫލެއް ކަމަށާއި އެ އުސޫލުގެ ދަށުން މަނާ ކަމެއް ހުއްދަ ކުރެވެން ޖެހޭނީ އެކަމެއް ކުރަން ކޮންމެހެން ޟަރޫރީ ވާ މިންވަރަކަށް އެކަނި ކަމަށް ވެސް ފަނޑިޔާރު އާދަމް ވިދާޅުވި އެވެ.

ފަނޑިޔާރު އާދަމް ވިދާޅުވީ، ޟަރޫރީ ހާލަތުގެ ދަށުން އެ އިސްލާހު ފާސްކުރި ކުރުން ސައްހަ ކަމަށް ނިންމިޔަސް، އެއީ އެ ހާލަތުގެ ދަށުން ހުރިހާ ގާނޫނުތަކެއް އެގޮތަށް ފާސްކުރަން ދޭ ހުއްދައެއް ނޫން ކަމަށެވެ. އަދި ޟަރޫރީ ހާލަތެއް އޮތް ކަމަށް ބުނެ، ގާނޫނުތަކެއް ފާސްކޮށްފި ނަމަ އޭގެ ސައްހަކަމާ މެދު ގޮތެއް ކަނޑައަޅަން ކޯޓަށް ދިއުމުގެ ފުރުސަތު އޮންނާނެ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

މަޖިލީހުގެ ޖަލްސާ އަށް ގަސްދުގައި ވަޑައިނުގަންނަވާ މެމްބަރުންނާ މެދު ފިޔަވަޅު އެޅުމުގެ ބާރު ބައެއް ގައުމުތަކުގައި މަޖިލީހަށް ލިބިފައި އޮތަސް، ރާއްޖޭގައި އެފަދަ އުސޫލުތަކެއް މަޖިލީހުން ކަނޑައަޅާފައި ނުވާކަން ފަނޑިޔާރު ފާހަގަ ކުރެއްވި އެވެ. އެކަމަކު ގަސްދުގައި މެމްބަރުން ޖަލްސާ އަށް ވަޑައިނުގެން، މަޖިލިސް ހުއްޓުމަކަށް އަންނަ ހާލަތުގައި އެކަމަށް ސިޔާސީ ގޮތުން ހައްލެއް ގެންނަން މަސައްކަތް ކުރުމަކީ ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން ރައީސުލް ޖުމްހޫރިއްޔާގެ ޒިންމާއެއް ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

40 ކޮމެންޓް, 117 ރިއެކްޝަންސް

icon happy icon happy 20%
icon sad icon sad 1%
icon angry icon angry 79%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނަފްސް

27 April 2018

ކަލޯ ތިވިސްނަނީ ހަމައެކަނި އަމިއްލަ ނަފްސައް ގާނޫނަކީ މުޅި މުޖުތަމައު އައް ބިނާކޮށް ހަދާ އެއްޗެއް...ކުށައް އަރައި ގަންނަން ބޭނުންވާ މީހުނަށް ކަމަކު ނުދާނެ އެއްމެ މަތީ ގާނޫނުވެސް(އިލާހީ ގާނޫނު) ވެސް....ދެން ކޮން ވާހަކަ އެއް ދައްކާކަށް ނޭނގުނަސް ވާނެ އަނގަފުޅާ ކޮށް ވާހަކަ ދައްކަން...

The name is already taken The name is available. Register?

ބަސް

27 April 2018

ބްރޯ ޖިނާޢީ ޢިޖްރާތްގެ ގާނޫން ބުނާގޮތުން އެކަން އޮއްނަގޮތް އެއީ..ތިއުޅެނީ މާ ފަހަތުގަ..ބަދަލުތަކަށް ހޭނެން ދަސްކޮށްބަލަ. އިންސާފް ވެސްް ތިއޮތީ އޮޅިފަ ފަނޑިޔާރެކޭ ޢާއްމު ރައްޔިތެކޭ ދެންހުރި މީހެކޭ ގާނޫނުން ވާނީ ހަމަހަމަ..ފަނޑިޔާރުންވެސް ގާނޫނަށްވުރެ މިތީގައެއް ނުތިބެވޭނެ..ވ.ސަލާމް

The name is already taken The name is available. Register?

ފްލޯކް

26 April 2018

އެބުނާ ޤާނޫނަކީ އަދުލު އިންސާފު ނުލިބޭ ގޮތަށް އޮތް ޤާނޫނެކެވެ.ފުރަތަމަ ކަމަކީ ކިތައްމެ ދައުވާއެއް އެއްފަހަރާ ކުރިއަސް ފަނޑިޔާރެއްގެ މައްޗަށް ކުރާ ދައުވާއެެެއް ނަމަ 30 ދުވަހުގެ ތެރޭ ހުކުމް ކުރަން ލާޒިމް ވާތީއާއި 2:ދައުވާ ކުރުމާއެކު ފަނޑިޔާރަކަށް ވީތީ މުސާރަ އުނި ކުރުމާއި، 3 ޖިނާއީ ކިތައްމެ ކުޑަ ހުކުމެއް (ޖޫރުމަނާ ) ކުރަން ޖެހޭ މައްސަލަ އެއް ނަމަވެސް ވަޒީފާއިން ވަކިކުރުމާއި 4 : ވަކު ބަޔަކަށް ޓާގެޓް ކޮށް ޤާނޫނު ހެދުމެވެ. ފްލޯކް ވާހަކަ ނުދައްކާ ށެވެ.

The name is already taken The name is available. Register?

ތިން ނުލަފާ

26 April 2018

ހުރިހާ މަޚިއެއްގައި ޖެހި ނިމިއްހެ އެވެ.

The name is already taken The name is available. Register?

ޕަހެލޭ ކިތާބު

26 April 2018

ފަނޑިޔާރެއްގެ ޖިނާއީ ޝަރީއަތެއް ނަމަ 30 ދުވަހުގެ ތެރޭގައި ޝަރީއަތް ކޮށް، އެ ފަނޑިޔާރަކު ޖަލަށް ލުމަށް ޤާނޫނަށް ގެނައި އިސްލާހު އަދި މާ ސައްހަ ކަން ބޮޑެއް ނޫން ތޯއެވެ؟ އެއް ކަމެއްގައި ތުހުމަތު ކޮށް ތުހުމަތު ކުރި ކަންތަކުގެ އިތުރަށް އެތަށް ކަމެއްގައި ދައުވާ ކޮށް އަލަށް މިކަން ބަލަން އިސްކުރާ "ތުއްތު ތުއްތު"ކުދިން ނަށް ޕްރެޝަރު ކުރުވާގެން "ތެޅިފޮޅި ގަނެގެން"ހުށަހެޅުނު ހުރިހާ ޝަރީއަތް 30 ދުވަހުގެ ތެރޭގައި ނިންމުން ލާޒިމުވަަ ގޮތަށް ޤާނޫނު ހެދުމަކީ ހަމަ އަދުލު އިންސާފުގެ ސައްހަ ގޮތް ތޯއެވެ؟ އަނގައޭ ކަލޯމެން ކިޔާށެވެ.

The name is already taken The name is available. Register?

ވަކީލު

25 April 2018

ހުކުމުގައިވާ, ޤާޒީއެެއް ކުއްވެރިވެ އިސްތިއުނާފުގެ މަރުހަލާތައް ނިމިފައިވާނަމަ މަޖިލީހުން ފާސްނުކުރިއަސް ފަނޑިޔާރުކަމުން ވަކިވާގޮތަށް ނިންމުން ރަނގަޅުކަމަށް ފެނެއެވެ. އެހެނީ ފަނޑިޔާރަކު ކުއްވެރިވުމުން ވަޒީފާގެ ޝަރުތުގެއްލޭނެތީއެވެ. އެއަކީ ސިޔާސީގޮތުން ނިންމަންޖެހޭ ކަމެއްނޫނެވެ. ނަމަވެސް 43 ހަމަނުވަނީސް ނިންމުންތައް ނިންމޭނެކަމަށް ބުނުމަކީ ހަމަނުޖެހޭ ކަމެކެވެ. ސަބަބަކީ އިދިކޮޅު މެންބަރުން މަޖިލީހަށް ނުވަނީ ސިޔާސީ ވިސްނުމުގައި ސިޔާސީގޮތުން ނިންމި ގޮތެއްގެ ތަރެއިންނެވެ. މަޖިލީހަކީ މަދަނީ ޕްލެޓްފޯމެއްނޫނެވެ. ސިޔާސީ ޕްލެޓްފޯމެކެވެ.

The name is already taken The name is available. Register?

ހަނދޭ ގިރި

25 April 2018

އަސްލު "ކުޑަ ގޮޅީގައި" ތިބީ ކޮން ފަންޑިޔާރުން ތަކެއް ކަން މިއަދު އެގިއްޖެ އެވެ. ދެން "ތިގޮޅި" އަކުން ސަލާމަތެއް ނުވާނެއެވެ.

The name is already taken The name is available. Register?

ދެއުޅި

25 April 2018

25/ ރުފިޔާ އިން ޖޫރިމަނާ ކުރިއަސް ކުށެއް ސާބިތު ވެއްޖެ ނަމަ ފަނޑިޔާރު ކަން އޮޓޯ އިން ގެއްލުމަކީ ބޮޑު މައްސަލަ އެކެވެ.

The name is already taken The name is available. Register?

ދެފުއްކެއްޓި

25 April 2018

މަޖްލީހަކީ ރައީސް ޖުމްހޫރިއްޔާ އަޒުލު ކުރުމުގެ ބާރު ދީފައިވާ އެއްމެ މަތީ ސިޔާދަތީ ބާރު ކަމަށް ވާއިރު މަޖްލީސް އިވާލުމުގެ ބާރު ނުވަތަ މެމްބަރުންގެ މައްޗަށް ފިޔަވަޅު އެޅުމުގެ ބާރު ރައީސުލް ޖުމްހޫރިއްޔާ އަށް ލިބިގެންވާ ކަމަށް ބުނުމަކީ ހާދަ ދެކޮޅު ނުޖެހޭ އެކަތި އަނެކެއްޗާ ފުށުއަރާ ކޮސް ވާހަކައެކެވެ ބަލަ މިއީ ބަރުލަމާނީ ނިޒާމެއް ނޫނެވެ.މިއީ އެޖިޕްޓެއް ނޫނެވެ. ބަލަ މިއީ އެމެރިކަން ސްޓައިލްގެ ރިޔާސީ ނިޒާމެކެވެ

The name is already taken The name is available. Register?

ޑާޑާޑާޑާ

25 April 2018

ފަނޑިޔާރުން ކުށްވެރި ވެއްޖެނަމަ މަޖްލީހަށް ނުގޮސް އޮޓެމެޓިކް އިން ފަނޑިޔާރު ކަމުން ވަކި ވާގޮތަށް ގާނޫނަށް ގެނައި އިސްލާހު ސްޕްރީމް ކޯޓުން އެއީ ރަނގަޅު އިސްލާހެއް ކަމަށް ނިންމުމާއި އެކު އަދި ކުރި ހުކުމް ގައި ބުނަނީ މަމެންގެ ރައީސް އަށް މަޖްލީސް މެމްބަރުންނާއި މެދު ފިޔަވަޅު އެޅުމުގެ ބާރު ލިބިގެން ވާ ކަމަށް. އެހެން ކަަމަށް ވާނަމަ މިހުކުމް އަށް ރިފަރ ކުރުމަށް ފަހު ދެން ސަރުކާރުން އަވަހަށް މިކަމާއި ގުޅޭ ގައިޑް ލައިނެއް ހަދާ މަޖްލީހަށް ހުށައަޅާ އެފަދަ ބިލެއް މަޖްލީހުން ފާސް ކުރަންވީއޭ. އެގޮތުން ފާސް ކުރާއިރު ޖެހޭނެ މަޖްލީހުގެ ޖަލްސާ ކުރާ މާލަމުގައި އެމެން އިށީނދެ އިން ގޮނޑިން ވެސް ގަވާއިދާއި ޚިލާފަށް ތެދުވެއްޖެނަމަ އެއް މަސްދުވަހަށް މަޖްލީހަށް ނުވަދެވޭ ގޮތަށް އެމެން ސަސްޕެންޑް ވާން އަދި މުސާރަ އާއި އިނާޔަތް ތަކާއި އިމްތިޔާޒު ތައް ވެސް ކަނޑާލަން. އެއިރުން ދެން މިރާއްޖޭގެ މަޖްލީސް ހަމަ އަކަށް އެޅިގެން ދާނީ. އައި ކާންޓް ޓޭކް ދިސް ސްޓަފް ނޯމޯރ. ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ...

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454