އުނަގަނޑުން ތިރި އައްސިި ވެފައިވާ ކަމަށާއި ހިންގަވައި އުޅުއްން ވެސް އުނދަގޫ ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ކްރިމިނަލް ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ.

ފަނޑިޔާރު އަލީ ހަމީދަށް ކުރާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން ވަކީލަކު އައްޔަން ކުރަން ދެ ދުވަސް ކޯޓުން މިއަދު ވަނީ އޭނާ އަށް ދީފަ އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރުގެ މައްސަލާގައި ހައްޔަރު ކޮށްފައިވާ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު އަލީ ހަމީދަށް ކުރާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން މިއަދު ބޭއްވި ޝަރީއަތުގެ ފުރަތަމަ އަޑުއެހުމުގައި އަލީ ހަމީދު ވަނީ އޭނާގެ ސިއްހީ ހާލަތާ ބެހޭގޮތުން ވާހަކަ ދައްކަވައިފަ އެވެ. އޭނާގެ ސިއްހީ ހާލަތަށް ރިއާޔަތް ކުރައްވައި، ކޯޓުގައި އިށީނދެ އިންނަވައިގެން ވާހަކަ ދެއްކެވުމުގެ ހުއްދަ ގާޒީ ދެއްވި އެވެ. އަލީ ހަމީދު ވާހަކަ ދެއްކެވިއިރު، ވާހަކަ ދެއްކެވުމުގައި ވެސް އުނދަގޫ ގޮތެއް ހުއްޓެވެ.

އަލީ ހަމީދު ވިދާޅުވީ، އޭނާގެ އުނަގަނޑުން ތިރި ވަރަށް ބޮޑަށް އައްސިވެފައިވާ ކަމަށާއި ރަނގަޅަށް ނުވެސް ހިންގެވޭ ކަމަށެވެ. އެ މައްސަލަ ދިމާވީ މިދިޔަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ މެންދަމު ސުޕްރީމް ކޯޓު ތެރެއިން އޭނާ ހައްޔަރުކޮށް، ގެންދިޔަ ވަގުތު އެ ކޯޓުގެ ސިޑިން ފައިބައިވަޑައިގަންނަވަނިކޮށް ފަޔަށް ލިބުނު އަނިޔާ އަކާ ގުޅިގެން ކަމަށް އަލީ ހަމީދު ވިދާޅުވި އެވެ، އަދި ކުރިން ވެސް އެއް ފައިގެ ކަކުލުގައި މައްސަލަ ހުންނަ ކަމަށް އަލީ ހަމީދު ވިދާޅުވި އެވެ.

އޭނާގެ އެ ވާހަކަތަކާ ގުޅިގެން އެސިސްޓެންޓް ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ފަޒްނާ ވިދާޅުވީ، އަލީ ހަމީދު ހައްޔަރުކުރި މަންޒަރު ވީޑިއޯ ކޮށްފައި ހުންނާނެ ކަމަށާއި އެ ވީޑިއޯތަކަށް ބަލާއިރު، އަލީ ހަމީދު ގެންދިއުމުގެ ތެރޭގައި އަނިޔާވެފައިވާ ކަމަށް ފާހަގަ ނުވާ ކަމަށެވެ. އަލީ ހަމީދު މިހާރު ވެސް މާފުށީ ޖަލުގައި ހުންނަވަނީ ޚާއްސަ މީހުން ބައިތިއްބާ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓުގައި ކަމަށް ވިދާޅުވެ، ފަޒްނާ ވަނީ އެ ޔުނިޓުގައި ތިބޭ މީހުންގެ ސިއްހީ ފަރުވާ އާއި އާއިލާއާ ބައްދަލު ކުރުމުގައި އޮންނަ އުސޫލު ތަފްސީލުކޮށް ހާމަ ކުރައްވައިފަ އެވެ.

ފަޒްނާ އެ ގޮތަށް ވިދާޅުވުމުން އަލީ ހަމީދު ވިދާޅުވީ، އޭނާ އެދިވަޑައިގަންނަވަނީ ޚާއްސަ އުސޫލަކުން ކަންކަން ކުރަން ނޫން ކަމަށާއި ބޭނުންވަނީ ދިރިހުރުމުގެ ހައްގުގެ ދަށުން އެކަށީގެންވާ ބޭސްފަރުވާ ލިބުމަށް ކަމަށެވެ. އޭނާ އަކީ ކުރިން ހިތުގެ މައްސަލައެއް ވެސް ހުންނަ މީހެއް ކަމަށް ވިދާޅުވެ، އަލީ ހަމީދު ވިދާޅުވީ މީގެ ދުވަސްކޮޅެއް ކުރިން ސިއްހީ ހާލަތު ގޯސްވުމުން ދެ ޑޮކްޓަރަކު އައިސް ދެ ޓެސްޓެއް ހަދަން ލަފާ ދިން ކަމަށެވެ.

އެހެންވެ، މިދިޔަ ހަފުތާގައި ކޯޓުގައި އޮތް އަޑުއެހުމަކަށް ފަހު އައިޖީއެމްއެޗަށް ގެންގޮސް ޓެސްޓްތަކެއް ހެދި ކަމަށާއި އެކަމަކު އެ ދުވަހު ޑޮކްޓަރަށް ދެއްކޭ ގޮތް ނުވީ ކަމަށް އޭނާ ވިދާޅުވި އެވެ. އަލީ ހަމީދުގެ ލޭގެ ޕްރެޝަރު އެންމެ ފަހުން ބެލި ދުވަހު ވެސް ޕްރެޝަރު ހުރީ ވަރަށް މަތީގައި ކަމަށް ބުނެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖަވާބުގައި ދައުލަތުގެ ވަކީލާ ފަޒްނާ ވިދާޅުވީ ޑޮކްޓަރުގެ އެޕޮއިންޓްމަންޓެއް ލިބުނުހާ އަވަހަކަށް އަލީ ހަމީދު ޑޮކްޓަރަށް ދެއްކޭނެ ކަމަށެވެ.

ގާޒީ ހައިލަމް ވިދާޅުވީ އަލީ ހަމީދު ބަންދުގައި ބަހައްޓަން ކޯޓުން އަމުރު ކުރިއިރު، އޭނާގެ ސިއްހީ ހާލަތަށް ރިއާޔަތްކޮށް، ޚާއްސަ އުސޫލަކުން އަމަލު ކުރަން ކޯޓުން އަންގާފައިވާނެ ކަމަށެވެ. އެ އުސޫލާ އެއްގޮތަށް އަމަލު ނުކުރާ ނަމަ އެކަން ކޯޓުގެ ސަމާލު ކަމަށް ގެނައުމުން އެކަން ކޯޓުން ބަލާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

ވަކީލަކު ހަމަޖައްސަން އަލީ ހަމީދަށް ދެ ދުވަސް ދެއްވި

މިއަދުގެ އަޑުއެހުމަށް، ވަކީލަކާ ނުލައި ހާޒިރުވި އަލީ ހަމީދު އެދިވަޑައިގަތީ ވަކީލަކު ހަމަޖައްސަން 15 ދުވަސް ދެއްވުމަށެވެ. ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވީ އަމިއްލަ އަށް ޖަވާބުދާރީވެވޭ މިންވަރަށް ވުރެ ސިއްހީ ހާލަތު ގޯސްވުމެވެ.

އެގޮތަށް ވިދާޅުވުމުން މައްސަލަ ބައްލަވާ ގާޒީ ހައިލަމް ވިދާޅުވީ، އެ މައްސަލައިގެ ބަންދުގެ މުއްދަތު މަޖިލީހާއި ތަހުގީގު މަރުހަލާގައި ވެސް ވަކީލުން ބައިވެރިވެފައިވާ ކަމަށާއި އަދި މިހާރު ވެސް އަލީ ހަމީދާ ބައްދަލު ކުރަން ވަކީލުން ޖަލަށް ވެސް ވަޑައިގަންނަވާ ކަމަށެވެ. އެކަން އެގޮތަށް އޮތް އިރު، ވަކީލުން ހަމަޖައްސަން 15 ދުވަސް ބޭނުންވަނީ ކީއްވެގެންތޯ ގާޒީ ސުވާލު ކުރެއްވި އެވެ.

ޖަވާބުގައި އަލީ ހަމީދު ވިދާޅުވީ މިހާރު އުފުލާފައިވާ ދައުވާތަކަކީ ސުޕްރީމް ކޯޓުގެ އަމުރަށް ފަހު ކުއްލިއަކަށް އައި މައްސަލަތަކެއް ކަމަށާއި ގިނަ މައްސަލަތަކެއް ހުރުމުން ވަކީލުންނާ މަޝްވަރާ ކުރައްވަން ވަގުތު ބޭނުންވާ ކަމަށެވެ.

ގާޒީ ހައިލަމް ވިދާޅުވީ ވަކީލަކު ހަމަޖައްސަން އަލީ ހަމީދު އެދިވަޑައިގަތް މުއްދަތަކީ ޖިނާއީ އިޖުރާއާތުގެ ގާނޫނުގައި ވަކީލަކު އައްޔަން ކުރަން ދެވޭ އެންމެ ދިގު މުއްދަތަށް ވުރެ ވެސް ދިގު މުއްދަތެއް ކަމަށެވެ. ގާނޫނު އޮތްގޮތުން އެންމެ ގިނަވެގެން ދެވެނީ 10 ދުވަސް ކަން ފާހަގަ ކުރައްވައި، ގާޒީ ވިދާޅުވީ ގާނޫނު އޮތްގޮތުން ކޮންމެހެން 10 ދުވަސް ދިނުން ކޯޓަށް ލާޒިމްނުވާ ކަމަށެވެ. އެކަންކަން ފާހަގަ ކުރައްވައި، ގާޒީ އެންގެވީ ދެ ދުވަސް ތެރޭގައި ވަކީލަކު އައްޔަން ކުރުމަށެވެ.

ޓެރަރިޒަމްގެ އެ ދައުވާ ސާބިތުވެއްޖެ ނަމަ 17 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަލީ ހަމީދަށް އަންނާނެ އެވެ.

ޓެރަރިޒަމްގެ ދައުވާގެ އިތުރުން ރިޝްވަތު ހިފުމުގެ ދައުވާ އާއި އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާ އަދި ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ދައުވާ ވެސް ދައުލަތުން ކުރެ އެވެ.