ފުލުހުންގެ ސިއްރު ބަޔާންތަކެއް ލީކުކޮށްލައިފި

ފެބުރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ފުލުހުން ކުރި ތަހުގީގުގެ ބަޔާންތަކެއް ކަމަށް ބުނާ ސިއްރު ބަޔާންތަކެއް ސޯޝަލް މީޑިއާގައި އިއްޔެ ލީކުކޮށްލައިފި އެވެ.


އޭގެ ތެރޭގައި، ބައެއް ފަނޑިޔާރުންނާއި ފުލުހުންގެ އިސް ވެރިންތަކެއްގެ "ބަޔާން" ހިމެނެ އެވެ. ބައެއް ބަޔާންތަކުގައިވާ ގޮތުން، ވަކި ގޮތަކަށް ހުކުމްތައް ނެރެން ގާޒީންނަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ހެކި ބަސް ދީފައިވެ އެވެ.

މިއީ، ސައްހަ ބަޔާންތަކެއްތޯ ސުވާލު ކުރުމުން، ފުލުހުންގެ ތަރުޖަމާން، އަހްމަދު ޝިފާން ވިދާޅުވީ ބަޔާންތަކާ ގުޅޭގޮތުން، "މިވަގުތު އެއްޗެއް ބުނަން ފުލުހުން ބޭނުން ނުވާ" ކަމަށެވެ.

ލީކުކޮށްލި ބަޔާންތަކުގެ ތެރޭގައި، ފެބުރުއަރީ 1 ގައި ސުޕްރީމް ކޯޓުން އަމުރު ނެރުމުގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު އަމަލު ކުރެއްވި ގޮތާއި ބައެއް ގާޒީންނަށް އެ ދެ ބޭފުޅުން ނުފޫޒު ފޯރުވި ކަމަށް ހެކިބަސް ދީފައިވާ ބަޔާންތައް ހިމެނެ އެވެ. އަދި، އަމުރާ ގުޅިގެން ކުރީގެ ޕޮލިސް ކޮމިޝަނަރު، އަހްމަދު އަރީފް އަމަލު ކުރެއްވި ގޮތާ ގުޅޭ ގޮތުން ފުލުހުންގެ އިސް ވެރިން ދެއްވި ކަަމަށް ބުނާ ބަޔާންތަކެއް ވެސް ހިމެނެ އެވެ.

މި ބަޔާންތައް އާއްމުވެފައި މިވަނީ، މައްސަަލަ ބޮޑުވި ސުޕްރީމް ކޯޓުގެ އަމުރަށް ފަހު، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ހައްޔަރުކޮށްފައި ވަނިކޮށެވެ. ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ، އެ ބޭފުޅުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައި، ޝަރީއަތް ވެސް މިހާރު ވަނީ ފަށައިފަ އެވެ.

ލީކުވި ބަޔާންތަކުގެ ތެރޭގައި، މައުމޫނާއި އެމަނިކުފާނުގެ ދަރިކަލުން ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫންއާ ގުޅޭ ގޮތުން ނަގާފައިވާ ހެކި ބަސް ވެސް ހިމެނެ އެވެ. މި ބަޔާންތައް އާއްމުވުމާ އެކު، ސޯޝަލްމީޑީއާގައި، ފުލުހުންނާއި ޕްރޮސިކިއުޓަ ޖެނެރަލްގެ އިތުރަށް ކޯޓުތަކަށް ވަނީ ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވެފަ އެވެ.

ލީކުކޮށްލި ބަޔާންތަކުން، ފުލުހުންގެ ތަހުގީގާއި ދައުވާ އުފުލުމާއި ޝަރީއަތް ހިންގުމަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ކުރާ ތުހުމަތަށް ބާރު ލިބޭ ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ދަނީ ބުނެ އެވެ.