މަސްތުވާތަކެތި ބޭނުންކުރާ ކުޑަކުދިންނަށް ފަރުވާދޭ ޕްރޮގްރާމެއް ފަށަނީ

މަސްތުވާތަކެތި ބޭނުންކުރާ، އުމުރުން 18 އަހަރުން ދަށުގެ ކުދިންނަށް ފަރުވާ ދިނުމަށް ޕްރޮގްރާމެއް ފެށުމަށް ނިންމާފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.


މަސްތުވާތަކެތި ބޭނުންކުރާ ކުޑަކުދިންނަށް ފަރުވާ ދިނުމަށް ވަކި މަރުކަޒެއް ގާއިމު ކުރުމަށް މަސްތުވާތަކެއްޗާ ބެހޭ ގަވައިދުގައި ލާޒިމްކުރި ނަމަވެސް މިހާތަނަށް އެ ފަދަ ތަނެއް ނެތެވެ. އެހެންވެ، އެ ފަދަ މައްސަލަތަކުގައި ހައްޔަރުކުރާ ކުދިންނަށް ފަރުވާ ދިނުމަށް ނެރޭ އަމުރުތައް ވެސް ތަންފީޒެއް ނުކުރެވެ އެވެ.

މަސްތުވާތަކެތި ބޭނުންކުރާ ކުޑަކުދިންނަށް ފަރުވާ ދޭ ޕްރޮޮގްރާމް ހޯމް މިނިސްޓްރީން ހިންގާނީ ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)އާ ގުޅިގެންނެވެ.

ހޯމް މިނިސްޓްރީގެ ދަށުން ހިންގާ ޖުވެނައިލް ޖަސްޓިސް ޔުނިޓް (ޖޭޖޭޔޫ) ގެ އެގްޒެކެޓިވް ޑިރެކްޓަރު ހާމިދު ޔޫސުފް މިއަދު ވިދާޅުވީ އެ ޕްރޮގްރާމް ހިންގާނެ ގޮތުގެ ގަވައިދު މިހާރު އެކުލަވާލާފައިވާ ކަމަށާއި ޖޫން މަހުގެ ތެރޭގައި ރަސްމީކޮށް އެކަން ފަށާނެ އެވެ. އޭނާ ވިދާޅުވީ ޕްރޮގްރާމް ހިންގާނީ ކުދިންގެ އާއިލާގެ ކައިރީގައި ތިބެވޭ ގޮތަށް، ކޮންމެ ދުވަހަކު ހިންގާ ކްލާސްތަކެއްގެ ގޮތުގައި ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ މުޖުތަމައުގައި ކުދިން ބައިތިއްބައިގެން އެ ކުދިންނަށް ފަރުވާ ދިނުން. ވަކި ރަށަކަށް ގެންދިޔުމުގެ ބަދަލުގައި އާއިލާ ކައިރީގައި ތިބެގެން، ކޮންމެ ދުވަހަކު ވެސް ކްލާހަށް އައިސް، ޔޫރިން ޓެސްޓުކޮށްގެން ކުރިއަށް ގެންދާ ގޮތަށް މިހާރު ނިންމާފައިވަނީ،" ހާމިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފަރުވާ ދިނުމަށް ޑްރަގް ކޯޓުން އަމުރު ކުރާ ކުދިންގެ އިތުރުން އަމިއްލައަށް ބޭނުން ވެގެން ވެސް ކުދިންނަށް މި ޕްރޮގްރާމްގައި ބައިވެރިވެވޭނެ ކަމަށެވެ.

މަސްތުވާތަކެތި ބޭނުންކުރާ ބޮޑެތި މީހުންނަށް ފަރުވާ ދިނުމަށް ރާއްޖޭގެ ބައެއް ރަށްރަށުގައި ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގި ނަމަވެސް، ކުޑަކުދިންނަށް ފަރުވާ ދެވޭނެ ގޮތެއް މިހާތަނަކަށް ނެތެވެ.