ޚަބަރު / އިބްރާހިމް ސިޔާދު ގާސިމް

ސިޔާދުގެ މައްސަލާގައި ދައުވާ ކުރިއިރު، އެންމެ މުހިންމު ހެކި އަދިވެސް ދައުލަތަށް ނުލިބޭ

ސިޔާދު: އޭނާގެ މައްޗަށް ދައުވާކުރަނީ ދެ ފަނޑިޔާރުންނަށް ރިޝްވަތު ދިނުމުގެ ގޮތުން އެ ބޭފުޅުން މެލޭޝިއާއިން ގަތް އެޕާޓްމެންޓްތަކަކަށް ފައިސާ ދެއްކި ކަމަށް ބުނެ

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށް ރިޝްވަތު ދިން ކަމަށް ބުނެ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ދަރިކަލުން ސިޔާދް ގާސިމަށް ދައުވާ ކުރިއިރު، އެ މައްސަލާގައި ސިޔާދާ ދެކޮޅަށް ބޭނުންކުރާ އެންމެ މުހިންމު ހެކި ދައުލަތަށް މިހާތަނަށް ވެސް ނުލިބޭ ކަން ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގައި ހާމަވެއްޖެ އެވެ.

ސިޔާދުގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާ ކުރަނީ އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ އާއިލީ ބޭފުޅުންތަކެއްގެ ނަމުގައި މެލޭޝިއާ އިން ބައްލަވައިގަތް އަގު ބޮޑު ޕްރައިވެޓް އެޕާޓްމެންޓްތަކަށް ފައިސާ ދެއްކުމުގެ ގޮތުން ގާސިމްގެ ވިލާ ކުންފުނީގެ ފަރާތުން 2.4 މިލިއަން ޑޮލަރު ދެއްކި ކަމަށް ބުނެ އެވެ. އޭރު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ ސިޔާދެވެ.

އެ މައްސަލާގައި، މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ސިޔާދާ ދެކޮޅަށް ޖުމްލަ 33 ހެއްކެއް ހުށަހަޅާކަން ދައުލަތުން ހާމަކުރި އެވެ. އޭގެ ތެރޭގައި ދެ ފަނޑިޔާރުން މެލޭޝިއާ އިން އެޕާޓްމެންޓްތަކެއް ބައްލަވައިގަންނަން މަސައްކަތް ކުރެއްވިކަން ސާބިތު ކުރަން ހުށަހަޅާ ދެ ސިއްރު ހެކިވެރިއެއް ވެސް ހިމެނެ އެވެ. އަދި އެ ތަންތަން ގަތުމަށްޓަކައި ރިޒާވް ކުރި ކަމާއި އޭގެ ތެރެއިން ބައެއް ފައިސާ ވިލާ ކުންފުނިން ދެއްކި ކަން އެނގޭނެ ލިޔުމެއް ވެސް ސިޔާދާ ދެކޮޅަށް ސިއްރު ލިޔުމެއްގެ ގޮތުގައި ހުށަހަޅާ ކަން ދައުލަތުން ހާމަކުރި އެވެ.

އެޕާޓްމެންޓްތަކަށް ފައިސާ ދެއްކިކަން ސާބިތު ކުރަން ހުށަހަޅާ ލިޔުމަކީ ކިތައް ސޮފުހާގެ ލިޔުމެއްތޯ ސިޔާދްގެ ވަކީލުން ސުވާލު ކުރުމުން ދައުލަތުން ފުރަތަމަ ބުނީ ދިފާއު ބިނާ ކުރުމަށްޓަކައި ސޮފުހާގެ އަދަދު މުހިންމު ނުވާނެ ކަމަށެވެ. އެގޮތަށް ބުނެ، އަދަދު ހާމަކުރަން ދައުލަތުން ދެކޮޅު ހެދުމުން ގާޒީ އަހުމަދު ހައިލަމް އެންގެވީ އެ ލިޔުމުގައި ހިމެނޭ ސޮފްހާގެ އަދަދު ހާމަ ކުރުމަށެވެ.

ގާޒީ އެގޮތަށް އެންގެވުމުން ދައުލަތުން ބުނީ އެ ލިޔުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ ލިޔުން އަދި ދައުލަތަށް ނުލިބޭ ކަމަށެވެ. އެކަމަކު އެ ދައުވާ ކޯޓަށް ހުށަހެޅިއިރު، އެ ލިޔުން ހޯދަން މަސައްކަތް ކުރަމުންދާ ކަން ކޯޓަށް އަންގާފައިވާނެ ކަމަށް ދައުލަތުން ބުންޏެވެ.

އެގޮތަށް ދައުލަތުން ބުނުމުން މައްސަލަ ބައްލަވާ ގާޒީ އަހުމަދު ހައިލަމް ވަނީ އެ ލިޔުން ލިބޭނީ ކޮން ދުވަހަކު ތޯ ދައުލަތާ ސުވާލު ކުރައްވައިފަ އެވެ. ޖަވާބުގައި ދައުލަތުން ބުނީ އެ ލިޔުން ލިބޭނެ ދުވަހެއް ބުނަން އަދި ނޭނގޭ ކަމަށެވެ.

އެ ލިޔުން އަދި ނުލިބޭ ކަމަށް ދައުލަތުން ބުނުމުން، ސިޔާދުގެ ވަކީލުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. ސިޔާދުގެ ވަކީލުންގެ ޓީމުގައި ހިމެނޭ ވަކީލް ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ ފައިސާ ދެއްކި ކަމަށް ބުނާ ލިޔުމަކީ ސިޔާދުގެ މައްޗަށް ކުރާ ދައުވާ ބިނާވެފައި އޮތް އަސާސް ކަމަށާއި އެ ލިޔުން ނެތީސް ސިޔާދުގެ މައްޗަށް ދައުވާ ކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ. އަދި ސިޔާދު އެތައް ދުވަހެއް ވަންދެން ބަންދުގައި ބަހައްޓާފައި ހުރިކަން ފާހަގަ ކުރައްވައި، ނޫރު ވަނީ އޭނާއާ ދެކޮޅަށް ހެކި ހޯދަނީ އެތައް ދުވަހެއް ބަންދެން ބަންދުގައި ބެހެއްޓުމަށް ފަހު ތޯ ސުވާލު ކުރައްވައިފަ އެވެ.

ވަކީލް ހިސާން ހުސައިން ވިދާޅުވީ، ޖިނާއީ އިޖުރާއާތުގެ ގާނޫނު އޮތްގޮތުން ދައުވާ އުފުލަން ޖެހޭނީ ހެއްކާ އެކު ކަމަށާއި އެޕާޓްމެންޓްތަކަށް ފައިސާ ދެއްކި ކަމަށް ބުނާ ލިޔުމަކީ އެ ދައުވާ ބިނާކުރާ އަސާސް ކަމަށެވެ. އެ ދައުވާ ސިޔާދުގެ މައްޗަށް ކުރަނީ ދެ ފަނޑިޔާރުން ގަތް އެޕާޓްމެންޓްތަކަކަށް ވިލާ ކުންފުނިން ފައިސާ ދެއްކި ކަމަށް ބުނެ ކަމަށް ވާއިރު، އެ ތަންތަނަށް ފައިސާ ދެއްކިކަން އަންގައިދޭ ލިޔުމަކީ އެންމެ މުހިންމު ހެކި ކަން ހިސާން ފާހަގަ ކުރެއްވި އެވެ. އަދި އެ ލިޔުން ނެތި ދައުވާ ނުކުރެވޭނެ ކަމަށް ވިދާޅުވެ، އޭނާ އެދިވަޑައިގަތީ ދައުވާ ބޭރުކޮށްލުމަށެވެ.

އެޕާޓްމެންޓްތަކަށް ފައިސާ ދެއްކި ކަން ލިބޭނެ ގޮތާ ބެހޭގޮތުން ގާޒީ ހައިލަމް ސުވާލު ކުރެއްވުމުން، ދައުލަތުގެ ވަކީލާ އައިޝަތު ރީޝާ ވިދާޅުވީ އެ މައުލޫމާތު ޝަރީއަތުގެ މަޖިލީހުގައި ހާމަކުރަން އުޒުރުވެރިވާ ކަމަށެވެ. އެކަމަކު އެ މައުލޫމާތު ކޯޓާ ހިއްސާ ކުރެވިދާނެ ކަމަށް ވަކީލާ ވިދާޅުވި އެވެ. އަދި ފައިސާ ދެއްކި ކަމުގެ ލިޔުމަކީ ރާއްޖެ އިން ބޭރުން ހޯދަން ޖެހޭ އެއްޗެއް ކަމަށާއި އެ ލިޔުން ލިބުން ލަސްވަނީ އެހެން ވެގެން ކަމަށް ރީޝާ ވިދާޅުވި އެވެ.

އެ ލިޔުން ރާއްޖެ އިން ލިބޭނެ ގޮތެއް ނެތީތޯ ގާޒީ ހައިލަމް ސުވާލު ކުރެއްވުމުން ވަކީލާ ރީޝާ ވިދާޅުވީ އެ މުއާމަލާތް ހިންގާފައިވަނީ ބޭރުގައި ކަމަށެވެ.

ގާޒީ ހައިލަމް އެންގެވީ އެޕާޓްމެންޓްތަކަށް ފައިސާ ދެއްކި ކަމުގެ ލިޔުން ލިބޭނީ ކިހިނެތް ކަން އަންގައިދޭ ލިޔުންތައް މާދަމާ މެންދުރު 12 ޖެހުމުގެ ކުރިން ކޯޓާ ހިއްސާ ކުރުމަށެވެ. އެ މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމާނީ އޭގެ ފަހުން ކަމަށް ގާޒީ ވިދާޅުވި އެވެ.

ދައުވާ އަށް ސިޔާދު އިންކާރު

މިއަދުގެ އަޑުއެހުމުގައި ދައުވާ އިއްވުމުން ސިޔާދު ވަނީ އެ ދައުވާ އަށް އިންކާރު ކޮށްފަ އެވެ. ސިޔާދުގެ ވަކީލް ހިސާން ވިދާޅުވީ އެއީ އެއްވެސް އަސާސެއް ނެތް މައްސަލައެއް ކަމަށާއި ރިޝްވަތުގެ އަމަލެއް ސިޔާދު ހިންގާފައިނުވާ ކަމަށެވެ.

އެ މައްސަލާގައި ސިޔާދު ހައްޔަރުކުރީ ވެސް ފުލުހުން ވަކި ގޮތަކަށް ބަޔާނެއް ދިނުމަށް އެންގުމުން އެކަމަށް އޭނާ އިންކާރު ކުރުމުން ކަމަށެވެ. މިދިޔަ ފެބްރުއަރީ މަހު ވިލާގެ އޮފީސް ބަލައި ފާސް ކުރުމަށް ފަހު އެ ތަނުން ފުލުހުން އެއްވެސް އެއްޗެއް ގެންގޮސްފައި ނުވާ ކަމަށް ހިސާން ވިދާޅުވި އެވެ. އެ ތަނުން ސިޔާދް ހައްޔަރު ކޮށްގެން ގެންދިއުމަށް ފަހު، ސިޔާދަށް ފުލުހުން ލިޔުމެއް ދެއްކި ކަމަށާއި އަދި ވަކި ގޮތަކަށް ބަޔާނެއް ދޭން އެންގުމުން ސިޔާދު އެދުނީ އެ ލިޔުން ވަކީލުންނަށް ދެއްކޭނެ ގޮތް ހެދުމަށް ކަމަށް ހިސާން ވިދާޅުވި އެވެ. އެކަމަކު އެ ލިޔުން ވަކީލުންނަށް ދައްކާފައި ނުވާ ކަމަށް ހިސާން ވިދާޅުވި އެވެ.

ސިޔާދުގެ ބަންދަށް މިވަގުތު ލުޔެއް ނުދެވޭނެ ކަމަށް ނިންމި

ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ސިޔާދުގެ ބަންދަށް ލުޔެއް ދޭން ވަކީލުން މިއަދު އެދިވަޑައިގަތެވެ. ވަކީލް ނޫރު ވިދާޅުވީ ސިޔާދު ބަންދުގައި ހުންނަތާ 100 އަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށާއި ސިޔާދަށް ތުހުމަތު ކުރާ ކުށަކީ ޖިނާއީ ބޮޑު ކުށެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ މައްސަލާގައި ސިޔާދު ދޫކޮށްލިޔަސް ހެކި ނައްތާލުމުގެ ފުރުސަތެއް ނޯންނާނެ ކަމަށާއި މުހިންމު ހެކިތައް ހުރީ ދައުލަތުން ސިއްރު ކޮށްފައި ކަން ނޫރު ފާހަގަ ކުރެއްވި އެވެ.

އެކަމަށް ދައުލަތުން ދެކޮޅު ހެދި އެވެ. ދައުލަތުގެ ވަކީލާ ރީޝާ ވިދާޅުވީ ރިޝްވަތުގެ ކުށަކީ ޖިނާއީ ބޮޑު ކުށަކަށް ނުވިޔަސް، ސިޔާދު ރިޝްވަތު ދިނުމުގެ ސަބަބުން ކުރަން އުޅުނު އަމަލަކީ ޖިނާއި ބޮޑެތި ކުށްތަކެއް ކަމަށެވެ. އަދި އެ މައްސަލާގައި ހެކިބަސް އަދި ނަގަން ފަށާފައި ނުވާއިރު، އަދި ސިއްރު ހެކިންގެ ބަޔާންތަކެއް ލީކުވެ، މި މަރުހަލާގައި ސިޔާދު ދޫކޮށްލައިފި ނަމަ ހެކިންނަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އެބައޮތް ކަމަށް ރީޝާ ވިދާޅުވި އެވެ.

ރައްދުގައި ވަކީލް ނޫރު ވިދާޅުވީ ސިއްރު ހެކިންނަށް ނުފޫޒު ފޯރުވާ ނަމަ، ކަން އެކަން މިހާރު އޮންނާނީ ހިނގާފައި ކަމަށެވެ. އަދި ގިނަ ހެކިވެރިންގެ ބަޔާންތަކަށް ބަލާއިރު، ސިޔާދުގެ ވާހަކަ އެ މީހުންގެ ބަޔާންތަކުން ނެތް ކަމަށާއި އެހެންވީއިރު، އެ މީހުންނަށް ސިޔާދް ނުފޫޒު ފޯރުވުމުގެ ބޭނުމެއް ނޯންނާނެ ކަމަށް ނޫރު ވިދާޅުވި އެވެ.

ދެ ފަރާތުގެ ވާހަކަތައް އަޑުއެއްސެވުމަށް ފަހު ގާޒީ ހައިލަމް ނިންމެވީ މިވަގުތު ސިޔާދްގެ ބަންދަށް ލުޔެއް ދެވެން ނެތް ކަމަށެވެ.

ބަންދަށް ލުޔެއް ދެވެން ނެތް ކަމަށް ގާޒީ ނިންމެވުމުން ސިޔާދުގެ ވަކީލުން ވަނީ އޭނާ ބަންދުގައި ހުންނަ ހުރުމުގެ އިންތިޒާމްތަކާ މެދު ވެސް ޝަކުވާ ކުރައްވައިފަ އެވެ. އެގޮތުން ސިޔާދު ބަންދުގައި ބަހައްޓާފައި ހުންނަނީ އެކަހެރިކޮށް ކަމަށާއި ކޯޓަށް ހާޒިރުވާއިރު، ލާނެ ގަމީހެއް ވެސް ގެއިން ގެނެވޭނެ އިންތިޒާމެއް ނެތް ކަމަށެވެ. ސިިޔާދު ކިޔާލާނެ ފޮތް ޖަލަށް ފޮނުވަން އާއިލާ އިން މަސައްކަތް ކުރުމުން، ފޮތްތައް ސިޔާދަށް ލިބޭނީ ޖަލުގެ ލައިބްރަރީ އަށް އެ ތަކެތި ހަދިޔާ ކުރުމަށް ފަހު ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އެންގި ކަމަށް ވެސް ވަކީލުން ވިދާޅުވި އެވެ.

ދައުލަތުން ބުނީ ސިޔާދަށް މި މަހު ވެސް ލައިބްރަރީން ފޮތެއް ދިން ކަމަށާއި އަދި ލައިބްރަރީ އަށް ފޮތްތައް ހަދިޔާ ކުރަން ޖެހޭނެ އެންގިތޯ ބެލުމަށް އެ މައުލޫމާތު އިތުރަށް ސާފުކޮށްލަން ޖެހޭ ކަމަށެވެ..

ގާޒީ ހައިލަމް ވިދާޅުވީ އެކަހެރިކޮށް ބަންދުގައި ނުބެހެއްޓޭނެ ކަމަށެވެ. އަދި ސިޔާދްގެ ބަންދާ ގުޅޭގޮތުން ފާހަގަކުރި ކަންކަމުގެ މައުލޫމާތު ސާފު ކުރުމަށް ދައުލަތަށް ގާޒީ އެންގެވި އެވެ.

ސިޔާދްގެ މައްޗަށް އެ ދައުވާ ސާބިތުވެއްޖެ ނަމަ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

16 ކޮމެންޓް, 87 ރިއެކްޝަންސް

icon happy icon happy 2%
icon sad icon sad 2%
icon angry icon angry 95%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބާލައާދަނު

21 May 2018

މާ ބޮޑު ކަމެެއްނޫން. ހީއެއްގެ މައްޗަށް ބިނާކޮށް ހައްޔަރުކުރާނީ. ދެން ހެކި އުފައްދާނީ. ދެން ޓެރަރިޒަމްގެ ދައުވާކުރާނީ. ކޮފީ ތައްޓެއް ބޯލުންހާ ފަސޭހަ ކަމެއް.

The name is already taken The name is available. Register?

ކުޑައަލީ

21 May 2018

ހެޔޮނުވާނެ މިކަހަލަ ދެކޮޅު ނުޖެހޭ ޝަރީއަތް މާތްﷲ މާތްކުރެއްވި އިންސާނާގެ މައްޗަށް ހިންގަން. ކޮންމެ މީހަކީ ﷲ ގެ ހަޟުރަތުގައި ޖަވާބުދާރީވާންޖެހޭ މީހެއް. މައްސަލަތައް ބަލާ މީހުންވެސް އެދުވަހުން ޖަވާބުދާރީ ވާންޖެހޭނޭ. ކޮންމެ މީހަކުކުރާ ކޮންމެކަމެއްވެސް ﷲ ދެނެވޮޑިގެންވޭ.

The name is already taken The name is available. Register?

ޝީމަން މޫސާ

21 May 2018

ހެއްކެއްނެއް އެކަމަކު ޖަލުގައި 100 ދުވަސް، ކޮންކަހަލަ ޤާނޫނުލް އުބޫބާތެއް، ހާދަ ބާރެކޭ ފަނޑިޔާރުންނަށް ޤާނޫނު އަސާސީން ދީފައިވަނީ، ތިޔައީ ހަަމަ 2008 ގައި އުފަންކުރި ޤާނޫނު އަސާސީން ފަނޑިޔާރުންނަށް ލިބިދީފައިވާ ބާރެއްތޯ؟ ކިހިނެއް ގާނޫނުތަކެއް ހަދައިގެންތޯ މިއުޅެނީ؟ ހެކި ޗައިނާގެ ފެކްޓަރީއެއްގައި ތައްޔާރުކޮށްގެން ގެންނަ ދުވަސް މިހާރު ވެއްޖެނޫންތޯ؟ ފަނޑިޔާރުން ތިޔަގޮތަށް މީހުން ޖަލައްލައިގެން ގެންގުޅެން ހެޔުނުވާނެ، ޒުވާން ފަނޑިޔާރުންގެ ހާލަތު ކިހާވަރަކަށް ދާނެބާ

The name is already taken The name is available. Register?

ކަޑަ

21 May 2018

ދައުލަތުން ތިހާސާފުކޮށް ހައްޔަރުކޮށްފައި ތިޔަހުރީ މިވެނިސަބަބަކާހެދިއޭ ބުންޏަސް ހުރިހާ ހެއްކެއް ސިއްރުކުރަނީ ކޮންމެވެސް ކަމެއް ސިއްރުކުރަން އުތަ! ދައުވާކުރާ ގާނޫނުތަކުގައިވެސް އެބަ އޮންނަންޖެހޭ ހުރިހާ ހެއްކެއް ސިއްރުނުކުރެވޭނެކަން! މިސާލަކަށް ލިޔެކިއުމަކުން ގެއްލުމެއްވާނީ ކޮންބަޔަކަށް ތޯ!

The name is already taken The name is available. Register?

ބަޑޭރި ކޮއި

20 May 2018

ހެކި ހަދާކައް ދައުލަތައް މާބޮޑު ކަމަަކަށް ނުވާނެ

The name is already taken The name is available. Register?

ނޫސަންގު

20 May 2018

ތި ޕީޖީ އޮފީހަކީ ވަކި މީހަކު ހިންގާ ކަޑައެއްތަ؟ ހިންގަން އިސްކޮށް ތިބީ އަންހެނުން. ދޮގާ މަކަރާ ޙީލަތް ނޫން އެހެން ކަމެއް ތިތަނުން ނުފެނޭ. އުންމީދަކީ މިނިވަންކަމާ އެކު އުޅެވޭނެ ދުވަހެއް ފެނުން. ވައްކަމާ ބޭއިންސާފާ ޚިޔާނަތަށް މަރުހަބާ ކިޔާކަށް ނުޖެހޭ.

The name is already taken The name is available. Register?

ރުމާލު10

20 May 2018

އެއްވެސް އެއްޗެއް އެބައިމީހުންގެ ހިތަކަށް ނާރާ،. އެބައިމީހުންނަށް މުހިންމީ އެބައިމީހުންގެ މަޤާމު..

The name is already taken The name is available. Register?

މަރޭމިތުރާ

20 May 2018

މުސްލިމް ގައުމެއް ރާއްޖޭގެ ޖަލެއްގައި މުންޑެއްފަދަވެސް ނުދެޔޭ!!!! މުސްލިމު އަޅަކަށް ނަމާދުކުރަން ލާނެ ހެދުމެއް ނެތަކަސް!!!!!.

The name is already taken The name is available. Register?

މަރެމިތުރާ

20 May 2018

މައުސޫމުން ބަންދުކޮށް ޖަލައްލުމީ މިހާރު ހިނގާކަމެއް.... މައުލޫމާތާއި ހެކިނެތި ޒާތީވެގެންކުރާ ކަމެއް!

The name is already taken The name is available. Register?

މަރޭމިތުރާ

20 May 2018

ޖަލެއްގައިނަމަ އެތަނުގަ ލައިބްރަރީ މިޒަމާނުގައި ހުންނަންޖެހޭ!... ޖަލެއްގައި ހުންނަންޖެހޭ ހިދުމަތްނެތުން ވިސްނަންޖެހޭ!

The name is already taken The name is available. Register?

ޒެޑޭ.

20 May 2018

ޢަސްތަޣްފިރުއް ﷲ ... މާތް ﷲ އަޅަމެން ނަރަކައިން މުއްތި ކުރައްވާށިއެވެ...ޤީޔާމަތް ދުވަހުން ތިމާގެ ގުނަވަންތައް ވެސް ހެކި ދޭނެއެވެ.. އެ ދުވަހަށް ބިރުވެތި ވާށެވެ.. ރައީސް ޔާމީނު ދެކެ ނޫނީ އެހެން މީހެއް ދެކެ ބިރުން އުޅޭކަށް ނުޖެހޭ..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454