ޕާޓީތަކުގެ އަސާސީ ގަވާއިދު އިސްލާހުކުރަން އަންގައިފި

ސިޔާސީ ޕާޓީތަކުގެ އަސާސީ ގަވާއިދު، ބައެއް ގާނޫނުތަކާ ފުށުއަރާ ކަމަށް ބުނެ، އެ ގަވާއިދު އިސްލާހު ކުރަން އިލެކްޝަންސް ކޮމިޝަނުން ޕާޓީތަކަށް އަންގައިފި އެވެ.


އެ ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ސޮއިކުރައްވައި ޕާޓީތަކަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ބައެއް ޕާޓީތަކުގެ އަސާސީ ގަވާއިދުގެ މާއްދާތައް، ސިޔާސީ ޕާޓީތަކުގެ ގާނޫނާއި އެހެން ވެސް ބައެއް ގާނޫނުތަކާ ތައާރަޒުވާ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކުގެ އަސާސީ ގަވާއިދު އޮންނަން ޖެހޭނީ، ގާނޫނުތަކާ އެއްގޮތްވާ ގޮތަށް ކަން އެ ކޮމިޝަނުން ވަނީ ހަނދާން ކޮށްދީފަ އެވެ.

އެ ކޮމިޝަނުން އެންގީ، އެއްވެސް ޕާޓީއެއްގެ އަސާސީ ގަވާއިދުގެ މާއްދާއެއް ސިޔާސީ ޕާޓީގެ ގާނޫނާ، ދިވެހިރާއްޖޭގައި ތަސްދީގު ކޮށްފައިވާ އެއްވެސް ގާނޫނެއްގެ މާއްދާއަކާ ފުށުއަރާ ނަމަ، އެ މާއްދާއެއް ބާތިލުވާނެ ކަމަށް ބަޔާންކޮށް އަސާސީ ގަވާއިދަށް މާއްދާއެއް އިތުރުކުރުމަށެވެ.

އަދި އަސާސީ ގަވާއިދަށް އެ އިސްލާހު ގެނައުމަށް ފަހު، އެ ކޮމިޝަނަށް ފޮނުވައިދޭން ވެސް އަންގާފައިވެ އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވި ގޮތުގައި، މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ވާނީ، ޕާޓީތަކުގެ އަސާސީ ގަވާއިދު އިސްލާހު ކުރަން އަންގައިފަ އެވެ. އެ އެންގުމާ އެއްގޮތަށް ބައެއް ޕާޓީތަކުން އިސްލާހުކޮށްފައިވާ ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

"މިއީ، އަލަށް އިލެކްޝަންސް ކޮމިޝަނުން އަންގާ އެންގުމެއް ނޫން، ކުރީގެ ކޮމިޝަންތަކުން ވެސް ޕާޓީތަކަށް އަންގާފައި އެބައޮތް، އަސާސީ ގަވާއިދު އިސްލާހުކުރަން،" އަކްރަމް ވިދާޅުވި އެވެ.

ޕާޓީތަކުގެ އަސާސީ ގަވާއިދުގައި ބުނެފައިވާ ގޮތުގައި، އެ އަށް އިސްލާހެއް ގެނެވޭނީ ގައުމީ ޖަލްސާގަ އެވެ. އެހެންވެ، އެއްވެސް ޕާޓީއަކުން އަސާސީ ގަވާއިދު އިސްލާހު ކުރާ ނަމަ ގައުމީ ޖަލްސާ ބާއްވަން ޖެހެ އެވެ.

ސިޔާސީ ޕާޓީތަކުގެ އަސާސީ ގަވާއިދު އިސްލާހު ކުރަން އީސީން އަންގާފައި މިވަނީ، ރިޔާސީ އިންތިހާބަށް ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓުން ކަނޑައަޅަމުން އަންނަނިކޮށެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ މި މަހު 30 ގައި ބާއްވަން ނިންމާފައިވާ އިރު، ޕާޓީތަކުގެ ޕްރައިމަރީ ކުރިއަށް ގެންދާނެ ގޮތާ ގުޅޭ ގޮތުން ވަނީ އުސޫލެއް އާއްމުކޮށްފަ އެވެ. އެ އުސޫލުގައިވާ ގޮތުން ނަމަ، 13 އަހަރުގެ ޖަލު ހުކުމާ ހެދި ޕްރައިމަރީގައި ވާދަ ކުރެއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޝަރުތު ހަމައެއް ނުވެ އެވެ. އެކަމަކު ޕްރައިމަރީގައި ވާދަކުރެއްވީ އެ މަނިކުފާނު އެކަންޏެވެ.

އިލެކްޝަންސުން އާއްމުކޮށްފައިވާ އުސޫލާ ޚިލާފަށް ޕްރައިމަރީ ބާއްވާނަމަ، ބާތިލްކުރަން ޖެހިދާނެ ކަމުގެ އިންޒާރު ވެސް އެ ކޮމިޝަނުން ވަނީ ދީފަ އެވެ.