ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް ހައިލަމް

ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މަގާމަށް އެ ކޯޓުގެ ގާޒީ އަހުމަދު ހައިލަމް އައްޔަން ކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.


ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މަގާމުގައި އެންމެ ފަހުން ހުންނެވި އަބްދުލްބާރީ ޔޫސުފް މިދިޔަ އަހަރު ޖުވެނައިލް ކޯޓަށް ބަދަލުކުރި ފަހުން މިއަދާ ހަމަ އަށް ވެސް އެ ކޯޓު ހިންގަމުން ގެންދެވީ ގާޒީ އާދަމް އާރިފެވެ. މިދިޔަ ޖެނުއަރީ މަހު ކްރިމިނަލް ކޯޓަށް އައްޔަންކުރި ގާޒީ ހައިލަމް އެ ކޯޓުގެ އިސް ގާޒީ ކަމަށް އައްޔަން ކުރަން ނިންމީ ޖޭއެސްސީގައި މިއަދު ބޭއްވި ޖަލްސާގައި ނެގި ސިއްރު ވޯޓުންނެވެ.

ކްރިމިނަލް ކޯޓުގެ އިތުރުން ޑްރަގް ކޯޓާއި ޖުވެނައިލް ކޯޓުގެ އިސް ގާޒީގެ މަގާމަށް އައްޔަން ކުރާނެ ބޭފުޅުން ވެސް ޖޭއެސްސީން މިއަދު ވަނީ ކަނޑައަޅައިފަ އެވެ. ޖުވެނައިލް ކޯޓުގެ އިސް ގާޒި ކަމަށް އެ ކޯޓުގެ ގާޒީ ސައީދު އިބްރާހިމް އައްޔަން ކުރަން ނިންމި އިރު، ޑްރަގް ކޯޓުގެ އިސް ގާޒީ ކަމަށް އައްޔަންކުރަން ނިންމީ އެ ކޯޓުގެ ގާޒީ އަބްދުއްސައްތާރު އަބްދުލްހަމީދެވެ.