ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

ހުޅުމާލޭގައި މިއަދު ހަވީރު ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ އެވެ.


ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ ހަވީރު 4:30 ހާއިރު ހިނގި އެ އެކްސިޑެންޓްގައި ހޭނެތުނު 33 އަހަރުގެ މީހަކަށް ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އަދި އެ އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބުނު މީހަކަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މާލެ ފޮނުވާލާފައިވާ ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވި އެވެ.

ހުޅުމާލޭގައި ސިފައިންނާއި ފުލުހުންނަށް ހަދާ ފްލެޓް އިމާރާތުގެ ކައިރީގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބުނު ދެ މީހުންނަށް ފަރުވާ ދޭން ފުރަތަމަ ގެންދިޔައީ ހުޅުމާލޭ ހޮސްޕިޓަލަށެވެ. މި ހާދިސާގައި އެ ދެ މީހުންނަށް ލިބުނު ގެއްލުމެއް ސާފުވާ ގޮތެއް ނުވި އެވެ.

ހުޅުމާލެ ހޮސްޕިޓަލުން ވާހަކަދެއްކެވި އޮފިޝަލަކު ވިދާޅުވީ ދެ މީހުންގެ ހާލު ސިރިއަސް ކަމުން، އާއިލާއިން އެދިގެން އޭގެ ތެރެއިން އެކަކަށް އިތުރު ފަރުވާ ދިނުމަށް ޓްރީ ޓޮޕް ހޮސްޕިޓަލަށް ފޮނުވާލީ ކަމަށެވެ. އަދި ދެވަނަ މީހާއަށް އިތުރު ފަރުވާ ދޭން އޭޑީކޭ ހޮސްޕިޓަލަށް ފޮނުވާލި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެ ދެ މީހުންނަށް ވެސް ސީރިއަސް އަނިޔާތަކެއް ލިބުނު. ނަމަވެސް އެ އަނިޔާތަކުގެ ތަފުސީލެެއް އަޅުގަނޑުމެންނަށް ނުލިބޭ. މިތަނަށް ގެނައިއިރު ވެސް އެކަކު ހޭނެތިފައި އޮތީ،" އެ އޮފިޝަލް ވިދާޅުވި އެވެ.