ޓެކްސްގެ ގޮތުގައި 20 މިލިއަން ޑޮލަރު ދައްކަން ޖީއެމްއާރަށް މީރާ އިން އަންގައިފި

ޓެކްސް އާއި ޖޫރިމަނާގެ ގޮތުގައި ދިވެހި ސަރުކާރަށް 20.5 މިލިއަން ޑޮލަރު (360 މިލިއަނަށް ވުރެ ގިނަ ރުފިޔާ) ދައްކަން ޖީއެމްއާރު ކުންފުންޏަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އަންގައިފި އެވެ.


މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ހިންގަން، އެމްޑީޕީގެ ވެރިކަމުގައި ހަވާލުކުރި ޖީއެމްއާރު ކުންފުނީގެ އޮފިޝަލަކާ ހަވާލާދީ، އިންޑިއާގެ ނޫހެއްގައިވާ ގޮތުން ރާއްޖޭގެ ޓެކްސް އިދާރާ އިން މިދިޔަ އަހަރުގެ ފަހުކޮޅު އަންގާފައި ވަނީ ވިޔަފާރީގެ ފައިދާ އިން ނަގާ ޓެކްސް ނުވަތަ ބީޕީޓީ އާއި ވިތްހޯލްޑިންގްސް ޓެކްސް އާއި ޖޫރިމަނާގެ ގޮތުގައި 20.5 މިލިއަން ޑޮލަރު ދިވެހި ސަރުކާރަށް ދެއްކުމަށެވެ.

ޖީއެމްއާރުގެ އޮފިޝަލާ ހަވާލާދީ، އެ ނޫހުގައިވާ ގޮތުން މީރާ އިން އެގޮތަށް އެންގިޔަސް އެ ފައިސާ ދައްކަން ޖެހޭ ކަމަކަށް ޖީއެމްއާރު ކުންފުނިން ގަބޫލެއް ނުކުރެ އެވެ. އަދި މިހާރު އެ ކުންފުނިން މަޑުކުރަނީ އެއާޕޯޓް ހިންގަމުންދާ ކުންފުނި އެމްއޭސީއެލްގެ ޖަވާބަކަށް ކަމަށް ނޫހުގައިވެ އެވެ.

ޖީއެމްއާރު އަތުން މާލޭ އިންޓަނޭޝަނަލް އެއާޕޯޓް އަތުލި މައްސަލާގައި ޖީއެމްއާރަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 270 މިލިއަން ޑޮލަރު ޖީއެމްއާރަށް ދައްކަން ސިންގަޕޫރުގެ އާބިޓްރޭޝަނުން ވަނީ ދިވެހި ސަރުކާރުގެ މައްޗަށް އަމުރުކޮށްފަ އެވެ. އެ ފައިސާ ރާއްޖެއިން މިހާރު ވަނީ ޖީއެމްއާރަށް ދައްކައި، ނިންމައިފަ އެވެ.