ނިހާންގެ މައްސަލާގައި އިންޑިއާ ސަފީރު މިޝްރާ، ފޮރިން މިނިސްޓްރީ އަށް ހާޒިރުކޮށްފި

ރާއްޖޭގެ ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން އިންޑިއާ އަށް އެތެރެވިޔަ ނުދީ އަނބުރާ ރާއްޖެ ފޮނުވައިލި މައްސަލާގައި، ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު އަކިލެޝް މިޝްރާ އިއްޔެ ފޮރިން މިނިސްޓްރީ އަށް ހާޒިރުކޮށްފި އެވެ.


"މިހާރު" އަށް އެނގިފައިވާ ގޮތުގައި، އިއްޔެ މެންދުރެއްހާއިރު، މިޝްރާ ރާއްޖޭގެ ފޮރިން މިނިސްޓްރީ އަށް ހާޒިރުކޮށް އޭނާ އަށް ވަނީ "ޑިޕްލޮމެޓިކް ނޯޓު" ވެސް ހަވާލުކޮށްފަ އެވެ. ފޮރިން މިނިސްޓްރީގެ ފަރާތުން މިޝްރާއާ ބައްދަލުކުރެއްވީ ސެކްރެޓަރީ، ބައިލެޓްރަލް އަހުމަދު ޚަލީލް އެވެ.

މި ބައްދަލުވުމުގައި، ދިވެހި ސަރުކާރުގެ ފަރާތުން މިޝްރާ އަރިހުން އެދުނީ އިންޑިއާ އަށް ނިހާން އެތެރެވިޔަ ނުދީ ހުއްޓުވި ސަބަބު އޮޅުން ފިލުވައި ދިނުން ކަމަށް އެނގިފައި ވެ އެވެ.

އިންޑިއާގައި ހުންނަވާ ދިވެހި ސަފީރު އަހުމަދު މުހައްމަދު ވެސް މިއަދު ވިދާޅުވެފައި ވަނީ، ވިލިމާލެ ދާއިރާގެ މެމްބަރު އެހެން ބަޔަކާ އެކު، ބޭސްފަރުވާ އަށް ޗެންނާއީ އަށް ވަޑައިގަތުމުން، އިންޑިއާ އަށް އެތެރެވިޔަ ނުދީ އެ ގައުމުގެ އިމިގްރޭޝަނުން ހުއްޓުވި ސަބަބެއް މިހާތަނަށް ވެސް އިންޑިޔާ އިން ނުބުނާ ކަމަށެވެ. އަދި އެކަމާ ކަންބޮޑުވާ ކަމަށް އޭނާ ވިދާޅުވެފައި ވެ އެވެ.

މިއީ، ރާއްޖެ އާއި އިންޑިއާގެ ގޯސްވެފައިވާ މި ދަނޑިވަޅުގައި އަދި ދެ ގައުމުގެ ޒަމާންވީ ތާރީޚުގައި ދިވެހި ދައުލަތުގެ އިސް ބޭފުޅަކު އިންޑިއާ އަށް އެތެރެވިޔަ ނުދީ އަނބުރައި ފޮނުވާލި ފުރަތަމަ ފަހަރެވެ.

ސައިނަސްއަށް ފަރުވާ ހޯދަން ޗެންނާއީ އަށް އާންމުކޮށް ވަޑައިގަންނަވާ ނިހާން މިދިޔަ ހޯމަ ދުވަހު ހަވީރު އިންޑިއާ އަށް ވަޑައިގަތުމުން ހަތަރު ގަޑިއިރެއްހާއިރު އެއާޕޯޓުގައި ބެހެއްޓުމަށް ފަހު ދަންވަރު ފްލައިޓުން ވަނީ ރާއްޖެ އަށް ފޮނުވާލައިފަ އެވެ. ޑިޕްލޮމެޓިކް ޕާސްޕޯޓުގައި އިންޑިއާ އަށް ވަޑައިގެންނެވި ނިހާން އަނބުރާ ފޮނުވާލި ނަމަވެސް އޭނާއާ އެކު ދެން ދިޔަ މީހުންނަށް ވަނީ އެ ގައުމަށް ވަނުމުގެ ހުއްދަ ދީފަ އެވެ.

ނިހާން، މި މައްސަލާގައި ރޭ މީޑިއާގައި ވިދާޅުވީ، އިންޑިއާ އަށް އޭނާ އެތެރެވިޔަ ނުދީ، އަނބުރާ ފޮނުވާލުމަކީ ބޮޑު ގައުމަކުން، ކުޑަ ގައުމެއް "ބުލީ" ކުރުން ކަމަށެވެ.