ކުޑަހުވަދޫގައި ބިދޭސީއަކަށް ހަމަލާދީ ޒަހަމްކޮށްލައިފި

ދ. ކުޑަހުވަދޫގައި ބިދޭސީއަކަށް ރޭ ހަމަލާ ދިނުމުގެ ސަބަބުން ސީރިއަސް ޒަހަމްތަކެއް ލިބިއްޖެ އެވެ.


ދ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު ހުސައިން ޝާކިރު "މިހާރު" އަށް މިއަދު ވިދާޅުވީ ދެ ބިދޭސީންގެ ދެމެދު ހިނގި މާރާމާރީގައި ޒަހަމްވި ފިރިހެން މީހާގެ ބޮލަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ. އަދި އެ މީހާގެ ހާލު ސީރިއަސްވުމުން ރޭ ފަތިހު ލޯންޗެއްގައި މާލެ ފޮނުވާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދަންވަރު ދޭއް ޖަހަން އުޅެނިކޮށް އަޅުގަނޑަށް ރިޕޯޓު ލިބިފައި ވަނީ. ޒަހަމްވި މީހާގެ ބޮލަށާއި ހަށިގަނޑުގެ އެކި ތަންތަނަށް އަނިޔާ ލިބިފައި ވަނީ،" ޝާކިރު ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި ދެ ބިދޭސީންގެ ދެމެދު މާރާމަރީ ހިނގީ، އެ މީހުން ދިރިއުޅޭ ކޮޓަރި ތެރޭގަ އެވެ. އޭނާ އަށް މިހާރު މާލެ ގެނެސް، އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުންނެވެ.

"ބެލެވޭ ގޮތުގައި ދަގަނޑު ބުރިއަކުން ޖެހުމުން ބިދޭސީ މީހާ ޒަހަމްވީ،" ޝާކިރު ވިދާޅުވި އެވެ.

މި މާރާމާރީއާ ގުޅިގެން ފުލުހުންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.