ގޮނޑި ނުލިބުނަސް، މައްސަލަތަކުގައި ވަކާލާތު ކުރާނަން: ރާއްޖެ

އދ. ގެ އާންމު މަޖިލީހުގައި މިރޭ ނެގި ވޯޓުން ނާކާމިޔާބުވެ ސަލާމަތީ މަޖިލީހުގެ ގޮނޑި ރާއްޖެ އަށް ނުލިބުނު ކަމުގައި ވިޔަސް، މުހިއްމު މައްސަލަތަކުގައި އަޑުއުފުލައި، ވަކާލާތު ކުރާ ގައުމެއްގެ ގޮތުގައި ދެމި އޮންނާނެ ކަމަށް ރާއްޖޭން މި ރޭ ބުނެފި އެވެ.


އިންޑޮނީޝިއާ އަށް މަރުހަބާ ކިޔައި ރާއްޖޭގެ ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އދ. ގެ 72 އަހަރުވީ ދިގު ތާރީޙުގައި، އެ ޖަމިއްޔާގެ ސަލާމަތީ މަޖިލީހަށް އިންތިޙާބުވީ، ކުދި އަދި ތަރައްގީވަމުން އަންނަ ގައުމުތަކުގެ ތެރެއިން އެންމެ އަށް ގައުމު ކަމަށެވެ.

އދ. ގެ އާންމު މަޖިލީހުގެ މިރޭގެ ބައްދަލުވުމުގައި ބައިވެރިވި ދިވެހި ސަރުކާރުގެ ވަފުދު. (ކ-ވ) ޓޫރިޒަމް މިނިސްޓަރު ޒަމީރު، އދ.ގައި ހުންނަވާ ރާއްޖޭގެ ސަފީރު އަލީ ނަސީރު، ފިޝަރީޒް މިނިސްޓަރު ޑރ. ޝައިނީ އަދި ފޮރިން ސެކްރެޓަރީ ސަރީރު.

ދުނިޔޭގެ ސުލްހަ އާއި ސަލާމަތަށް އެކަށީގެންވާ ގޮތަކަށް މަސައްކަތްކޮށް ވަކާލާތު ކުރަން، ކުދި ގައުމުތަކަށް ފުރުސަތު ނުލިބުމަކީ ރާއްޖޭން ހިތާމަކުރާ ކަމެއް ކަމަށާއި ރާއްޖެ ފަދަ ކުދި ގައުމުތަކަށް ދިމާވާ ގޮންޖެހުންތަކާ ދެކޮޅަށް ވަކާލާތު ކުރުމުގައި، ރާއްޖެ އިސް ދައުރެއް އަދާކުރާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން އާ ހިޔާލުތަކާއި އީޖާދުތަކާ އެކު ބައިނަލްއަގުވާމީ މުޖުތަމައާއި އިތުރަށް ގުޅުން ބަދަހި ކުރުމުގައި ރާއްޖެ ދެމި އޮންނާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީންގެ ބަޔާނުގައިވެ އެވެ.

"މިއަދު ނެގުނު ވޯޓުގެ ނަތީޖާއަކީ، އދ. ގެ ސަލާމަތީ މަޖިލީހުގެ މެމްބަރު ކަމަށް ވާދަކުރުމަށް އެހެން ކުދި ޤައުމުތަކުން ފަސްޖެހޭނެ ސަބަބަކަށް ނުވާނެ ކަމަށް ރާއްޖޭން އުއްމީދު ކުރަމެވެ،" ބަޔާނުގައިވެ އެވެ.

ގައުމުގެ ކުޑަބޮޑު މިނަށް ނުބަލައި، އެ ގައުމަކުން ދުނިޔޭގެ ސުލްހަ އާއި ސަލާމަތަށް ކޮށްފައިވާ އަގުހުރި މަސައްކަތްތައް ވަޒަންކޮށް، އދ. ގެ ހުރިހާ މެމްބަރު ގައުމަކަށް ވެސް ސަލާމަތީ މަޖިލީހުގެ މެމްބަރުކަން ކުރުމުގެ ހަމަހަމަ ފުރުސަތުތަކެއް ފަހިވެގެންދާނެ މާހައުލެއް މުސްތަގުބަލުގައި ގާއިމުވެފައި އޮންނާނެ ކަމަށް ރާއްޖެ އުންމީދު ކުރާ ކަމަށް ވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

އދ.ގައި މިރޭ ނެގި ސިއްރު ވޯޓުގައި ރާއްޖޭގެ މައްޗަށް ބޮޑު ތަފާތަކުން ކުރި ހޯދައި، ސަލާމަތީ މަޖިލީހުގެ މެމްބަރުކަމަށް އިންޑޮނީޝިއާ ހަތަރު ވަނަ ފަހަރަށް ވަނީ އިންތިޚާބުވެފަ އެވެ. އޭޝިއާ ޕެސިފިކް ސަރަހައްދުން އިންޑޮނީޝިއާ ސަލާމަތީ މަޖިލީހުގެ ގޮނޑި އަށް އިންތިޚާބުވީ، ވޯޓުގައި ބައިވެރިވި 190 ގައުމުގެ ތެރެއިން 144 ގައުމުގެ ވޯޓު ލިބިގެންނެވެ. މި ވޯޓުގައި ރާއްޖެ އަށް ލިބުނީ އެންމެ 46 ވޯޓެވެ.

މިރޭގެ ވޯޓުގައި އެފްރިކާގެ ޖާގަ އަށް، އެ ގޮނޑި އަށް ވާދަކުރި ހަމައެކަނި ގައުމު ކަމަށްވާ ދެކުނު އެފްރިކާ އިންތިޚާބުވީ ޖުމްލަ 183 ގައުމުގެ ވޯޓުންނެވެ. އަދި ޑޮމިނިކަން ރިޕަބްލިކަށް ލިބުނީ 184 ވޯޓެވެ. ޖަރުމަން ވިލާތަށް 184 ވޯޓު ލިބުނު އިރު، ބެލްޖިއަމަށް ލިބުނީ 181 ވޯޓެވެ.

ރާއްޖެ އދ. ގެ މެމްބަރު ގައުމެއްގެ ގޮތުގައި އޮންނަތާ 52 އަހަރުވީ އިރު، ރާއްޖެ އިން 2009 ވަނަ އަހަރު ހިއުމަން ރައިޓްސް ކައުންސިލަށް އިންތިޚާބުވީ 185 މެމްބަރު ގައުމުގެ ވޯޓުންނެވެ.