4 ބެއިންނާ ބެހުނު 75 އަހަރުގެ މީހާ އަށް ކުރި ދައުވާ ޕީޖީން ނަގައިފި

ގދ. އަތޮޅުގެ ރަށެއްގައި، އެއްބަނޑު އެއްބަފާ ހަތަރު އަންހެން ކުދިންނާ، 75 އަހަރުގެ ފިރިހެނަކު ގަދަކަމުން ބަދު އަޚުލާގީ އަމަލު ހިންގި ކަމަށް ބުނާ މައްސަލައިގައި އެ މީހާގެ މައްޗަށް ކުރި ދައުވާ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަނބުރާ ނަގައިފި އެވެ.


އެ މައްސަލައިގައި އެ މީހާ ހައްޔަރު ކުރީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. އެ މީހާގެ މައްޗަށް ދައުލަތުން ދައުވާ ކުރީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ އެ ރަށުގެ ކޯޓަށް ހުށަހެޅި އެ މައްސަލައިގެ އެއްވެސް އަޑުއެހުމެއް ނުބާއްވަނީސް، މިދިޔަ މާޗު މަހުގެ ފަހުކޮޅު ޕީޖީން ވަނީ ދައުވާ އަނބުރާ ނަގައިފަ އެވެ.

އެ ދައުވާ އަނބުރާ ގެންދިއުމަށް އެ ކޯޓަށް ޕީޖީން ފޮނުވި ސިޓީގައި ބުނެފައިވަނީ ދައުވާ އަނބުރާ ނެގީ، އިތުރަށް މުރާޖައާ ކުރުމަށް ކަމަށެވެ. އެކަމަކު އިތުރު ތަފްސީލު ސާފުވާ ގޮތެއް ނުވި އެވެ.

އެއްބަނޑު އެއްބަފާ ހަތަރު ކުދިންނާ ބެހުމުގެ އިތުރުން، މީހަކާ އިނދެގެން އުޅޭ އަންހެނަކާ އެކި ފަހަރު މަތިން ޒިނޭ ކުރި މައްސަލައެއްގައި ވެސް އެ މީހާގެ މައްޗަށް ދައުވާ ކުރެ އެވެ.

މި ހަތަރު ކުދިންނާ ބެހުމުގެ ތުހުމަތުގައި، އޭނާގެ އިތުރުން އޭނާ ގެންގުޅޭ ބިދޭސީއަކު ވެސް ހައްޔަރުކުުރި އެވެ. އެކަމަކު އެނގިފައިވާ ގޮތުގައި އުމުރުން ދުވަސްވީ މީހާ ހައްޔަރު ކުރުމަށް ފަހު ދޫކޮށްލުމުން މިހާރު އަނެއްކާ ވެސް އޭނާ އުޅެނީ އެ ރަށުގައި ހުންނަ އޭނާގެ ފިހާރަ ހިންގުމުގަ އެވެ.

ރަށުގައި ނުފޫޒު ގަދަ ކަމަށް ބުނާ އެ މީހާ، މީގެ 12 އަހަރު ކުރިއްސުރެ އަންނަނީ އެކި ކުދިންނަށް ޖިންސީ ގޯނާ ކުރަމުން ކަމަށް އޭގެ ތެރެއިން ބައެއް ކުދިން ބުނެ އެވެ. އޭނާ ވަނީ އެ ހަތަރު ބެއިންނާއި އެކުދިންގެ މަންމަ ދިރިއުޅޭ ގެ މަރާމާތުކޮށް، ދިރިއުޅެވޭނެ ގޮތް ހަދައިދީފަ އެވެ. އަދި އެ މީހުން ކައިބޮއި ހެދުމަށް، ދަރަންޏަށް އެއްޗެހި ނަގަނީ އެ މީހާގެ ފިހާރައިންނެވެ. ކުދިންނާ ގުޅުން ހިންގީ އެއީ ސަބަބެއް ކަމަށް ބަލައިގެން ކަމަށް އެ ކުދިން ބުނެ އެވެ.