ޚަބަރު / ރައީސް މައުމޫން އަބްދުލްގައްޔޫމް

މައުމޫނާއި ދެ ފަނޑިޔާރުން ދޮޅު އަހަރަށް ޖަލަށް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މައުމޫނާއި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ މައްޗަށް އެ ހުކުމް އައީ މިދިޔަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ އެ ތިން ބޭފުޅުންގެ ހައްޔަރުކޮށް، އެ ބޭފުޅުންގެ ފޯނު ދިނުމަށް ފުލުހުން އެންގުމުން އެކަމަށް އިންކާރު ކުރި މައްސަލާގައި ދައުލަތުން އުފުލި އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާ ސާބިތުވުމުންނެވެ.

މައުމޫނާއި އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ޖަލަށް ލާން ހުކުމް ކުރުމުގެ އިތުރުން، އެ ބޭފުޅުންގެ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ އާއި ގާނޫނީ ވަކީލު ކަމުގެ ހުއްދަ ވެސް ބާތިލް ކުރަން ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

ހުކުމް ކުރުމުގެ ކުރިން ފާހަގަ ކުރެވުނު ނުކުތާތައް އިއްވަވަމުން ގާޒީ ހަސަން ނަޖީބު ވިދާޅުވީ، އެ ތިން ބޭފުޅުން ވެސް ފޯނު ގެންގުޅުނު ކަން ހެކިންގެ ބަހުން އެނގޭއިރު، އެ ބޭފުޅުން ހައްޔަރުކޮށް، ފޯނު ދޭން ފުލުހުން އެންގުމުން ވެސް ފޯނު ދީފައިނުވާ ކަން ހެކިންގެ ބަހުން ސާބިތުވާ ކަމަށެވެ. އަދި ދައުލަތުން ހުށަހެޅި ހެކިންގެ ބަހަށް ބަލާއިރު މައުމޫނާއި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ ފޯނުގައި އެ ބޭފުޅުންގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅުން ހުރި ހެކި ހުރި ކަމަށް ބެލެވޭ ކަމަށް ވެސް ގާޒީ ނަޖީބް ވިދާޅުވި އެވެ. އެހެންވެ، ގާނޫނުއަސާސީގައި ބުނާ އެކަށީގެންވާ ޝައްކެއް ނެތް މިންގަނޑުން އެ ދައުވާ ސާބިތުވާ ކަމަށް ގާޒީ ވިދާޅުވި އެވެ.

ގާޒީ ނަޖީބް ވިދާޅުވި ގޮތުގައި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ ފަރާތުން ދިފާއީ ހެކިންތަކެއް ހުށަހަޅާފައި އޮތަސް، އެ ހެކިން ހާޒިރު ނުކުރަން ނިންމެވީ ދައުލަތުން ހުށަހެޅި ހެކިންގެ ބަހަށް ބެލުމަށް ފަހު އެވެ. ދައުވާ އިން ދިފާއު ވުމަށް އެކަށީގެންވާ ވަގުތު ދިނުން ކަމަށް ބެލެވޭނީ ދައުވާ ލިބޭ މީހުން އެދޭހާ ވަގުތުތަކެއް ދިނުމުން ނޫން ކަމަށް ވިދާޅުވެ، ގާޒީ ވިދާޅުވި ގޮތުގައި އެ މައްސަލާގައި ތިން ބޭފުޅުންނަށް ވެސް އެކަށީގެންވާ ވަގުތާއި ވަސީލަތްތައް ދީފައިވެ އެވެ.

އެ މައްސަލައިގެ ޝަރީއަތް ކުރިއަށްދާ ގޮތާ މެދު ހިތްހަމަނުޖެހިގެން އެ މައްސަލާގެ ހުރިހާ ދިފާއީ ވަކީލުން އެ މައްސަލަ ދޫކޮށްލާފައިވާތީ އެކަމާ ގުޅިގެން ގާޒީ ވިދާޅުވީ، އެއީ ޝަރީއަތް މެދުކަނޑާލަން ޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި ސުޕްރީމް ކޯޓުން ކުރިން ނިންމި މައްސަލައެއްގައި ވެސް އެގޮތަށް ކަނޑައަޅާފައިވާ ކަމަށް ގާޒީ ނަޖީބު ވިދާޅުވި އެވެ.

މީގެ އިތުރުން، އެ މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދިޔައީ މައުމޫނާއި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދަށް ވެސް ދޭންޖެހޭ ހައްގުތައް ދީގެން ކަމަށާއި އެ ޝަރީއަތް އާންމުކޮށް ހުޅުވާލައިގެން ގެންދިޔައީ ވެސް އެކަން ކަށަވަރުކޮށް ދިނުމުގެ ބޭނުމުގައި ކަމަށް ގާޒީ ނަޖީބު ވިދާޅުވި އެވެ.

ތިން ބޭފުޅުން ވާހަކަ ނުދެއްކެވި، ދައުލަތުން އެދުނީ އަސާސީ އަދަބު ދޭން

މައުމޫނާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދަށް ކުށް ސާބިތުވާ ކަމަށް އަދަބު ކަނޑައެޅުމަށް ފަހު، އަދަބާ ބެހޭގޮތުން ވާހަކަ ދައްކަން ގާޒީ ދެއްވި ފުރުސަތުގައި އެކަމާ ބެހޭގޮތުން އެ ތިން ބޭފުޅުން ވެސް ދެކޮޅު ހެއްދެވި އެވެ.

މައުމޫން ވިދާޅުވީ އެމަނިކުފާނު އެއްވެސް ކުށެއް ނުކުރައްވާ ކަމަށާއި އަދި އެމަނިކުފާނަށް ކުށެއް ސާބިތުވާ ކަމަށް ވެސް ގަބޫލުފުޅު ނުކުރެއްވޭ ކަމަށެވެ. އެހެންވެ، އަދަބާ ބެހޭގޮތުން ދައްކަވަންޖެހޭ ވާހަކަފުޅެއް ނެތް ކަމަށް މައުމޫން ވިދާޅުވި އެވެ. އެކަމަކު އެ މައްސަލަ އިސްތިއުނާފް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ވިދާޅުވީ އެ ބޭފުޅުންގެ ވަކީލުން ނެތީސް އެއްވެސް އެއްޗެއް ވިދާޅެއް ނުވެވޭނެ ކަމަށެވެ.

ދައުލަތުން ބުނީ އެ ކުށުގެ އަދަބު މަތިކުރަން ޖެހޭ ނުވަތަ ދަށްކުރަން ޖެހޭ ހާލަތެއް ނެތް ކަމަށެވެ. އެހެންވެ ދައުލަތުން އެދުނީ ގާނޫނުލް އުގޫބާތުގައި އެ ކުށަށް އޮންނަ އަސާސީ އަދަބު ކަމަށްވާ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމުގެ އަދަބު އެ ބޭފުޅުންނަށް ކަނޑައެޅުމަށެވެ.

ހުކުމް އިއްވަމުން ގާޒީ ވިދާޅުވީ މައުމޫނާއި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދާ ދެކޮޅަށް ހުށަހެޅި ހެކިތަކުން އެ ދައުވާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށާއި އެހެންވެ އެ ކުށުގެ އަދަބެއްގެ ގޮތުން އެ ކުށުގެ އަސާސީ މިންގަނޑުން އޮންނަ އަދަބު ކަމަށްވާ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް އެ ތިން ބޭފުޅުން ޖަލަށްލާން ހުކުމްކުރާ ކަމަށެވެ.

މީގެ އިތުރުން، އެ ތިން ބޭފުޅުންނަކީ ވެސް ދީނީ އަދި ގާނޫނީ އިލްމު ހާސިލް ކުރައްވައިގެން ތިއްބެވި ބޭފުޅުން ކަމަށް ވާއިރު، އެ ބޭފުޅުން ކުރި އަމަލަކީ ދީނީ ނަސޭހަތް ދިނުމަށާއި ގާނޫނީ މަސައްކަތް ކުރުމަށް އަޚްލާގީ ގޮތުންނާއި ސުލޫކީ ގޮތުން އެކަށީގެން ނުވާ އަމަލުތަކެއް ކަމަށް ގާޒީ ވިދާޅުވި އެވެ. އެހެންވެ، ގާނޫނުލް އުގޫބާތުގެ ދަށުން އަދަބު ކަނޑައެޅުމުގައި ކޯޓަށް ލިބިދޭ ބާރުގެ ދަށުން އެ ބޭފުޅުންގެ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ އާއި ގާނޫނީ ވަކީލު ކަމުގެ ހުއްދަ ބާތިލްކުރާ ކަމަށް ގާޒީ ވިދާޅުވި އެވެ.

ހުކުމުގެ ކުރިން ދެ ފަރާތުގެ ފަހު ބަސް

އެ މައްސަލައިގެ މިއަދުގެ އަޑުއެހުމަކީ، ފަހު އަޑުއެހުން ކަމަށް ވާތީ މިއަދު ފުރަތަމަ އޮތީ ދެ ފަރާތުން ޚުލާސާ ބަޔާން ހުށަހެޅުމެވެ. ޚުލާސާ ބަޔާން ހުށަހަޅައި ނިމުމުން، އެ މައްސަލަ ބެއްލެވި ގާޒީ ނަޖީބް ވަނީ އަޑުއެހުންތައް ނިމުނީ ކަން އިއުލާން ކުރައްވައި، ހުކުމް އިއްވުމަށްޓަކައި މަޖިލިސް މެދުކަނޑާލައިފަ އެވެ. ހުކުމް އިއްވުމުގެ މަޖިލިސް ފެށީ ބައިގަޑިއެއްހާއިރު ފަހުންނެވެ.

ހުކުމް ކުރުމުގެ ކުރިން، ޚުލާސާ ބަޔާން އިއްވަވަމުން ދައުލަތުގެ ވަކީލާ އައިޝަތު މުނާ ޝަމީމް ވިދާޅުވީ ތިން ބޭފުޅުން ވެސް ފޯނު ގެންގުޅުނު ކަން ހެކިންގެ ބަހުން އެނގޭ ކަމަށާއި އެ ބޭފުޅުންގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅުން ހުރި ހެކިތައް އެ ފޯނުގައި ހުންނާނެ ކަން ހެކިންގެ ބަހުން ވެސް ސާބިތުވާ ކަމަށެވެ. އަދި ހެކިންގެ ބަހަށް ބަލާއިރު، އެ ބޭފުޅުން ފޯނު ނުދިނީ ގަސްދުގައި ކަން އެނގޭ ކަމަށާއި އެހެންވެ އެ ބޭފުޅުންގެ މައްޗަށް ކުށް ސާބިތުވާނެ ކަމަށް ދެކޭ ކަމަށް މުނާ ވިދާޅުވި އެވެ.

އެ ފުރުސަތުގައި ވާހަކަ ދައްކަވަމުން، މައުމޫން ވިދާޅުވީ އެ މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދަނީ އިސްލާމީ ޝަރީއަތާއި ގާނޫނުއަސާސީއާ ޚިލާފަށް ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށާއި އެމަނިކުފާނު ދުވަހަކު ވެސް ކުށެއް ނުކުރައްވާ ކަމަށެވެ.

ސިއްރު ހެކިންގެ ބަހާ ގުޅިގެން މައުމޫން ވިދާޅުވީ ސިއްރުން ހެކިބަސް ނެގުމަކީ އިސްލާމީ ޝަރީއަތާ ޚިލާފް ކަމެއް ކަމަށެވެ. އަދި ދިފާއީ ވަކީލުން އެ މައްސަލަ ދޫކޮށްލާފައިވާތީ އިތުރު ވަކީލުން މިހާތަނަށް ހަމަނުޖެހޭ ކަން ފާހަގަ ކުރައްވައި، އެމަނިކުފާނު ވިދާޅުވީ ވަކީލުން ނެތީސް ޝަރީއަތް ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ޚިލާފް ކަމެއް ކަމަށެވެ. މައުމޫން ވިދާޅުވި ގޮތުގައި ވަކީލުން ހަމަޖައްސަން ލިބިވަޑައިގަތީ އެކަށީގެންވާ މުއްދަތެއް ނޫނެވެ.

މީގެ އިތުރުން، މައުމޫންގެ ފޯނުގައި އެއްވެސް ހެއްކެއް ހުރި ކަމުގެ ހެއްކެއް ދައުލަތަށް ހުށަހެޅިފައިނުވާ ކަމަށާއި ހެކިންގެ ބަހަށް ބުރަދަނެއް ނުދެވޭނެ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ. އަދި ފޯނު ދޭން އެންގުމުން ފޯނު ހޯދަން އެމަނިކުފާނުގެ އާއިލާ އިން މަސައްކަތް ކުރިކަން އެނގެން އެބައޮތް ކަމަށާއި އެހެންވެ، އެކަމުގައި ނުބައި ނިޔަތެއް ނެތް ކަން ހެކިންގެ ބަހުން އެނގޭ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.

ޚުލާސާ ބަޔާން ހުށަހެޅުމަށް ދިން ފުރުސަތުގައި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު މައްސަލައާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ނުދައްކަވަ އެވެ. އެ ބޭފުޅުން ވިދާޅުވީ ވަކީލުން ނެތީސް ދައްކަވާނެ އެއްވެސް ވާހަކައެއް ނެތް ކަމަށާއި ވާހަކަ ދައްކަވާނީ ވަކީލުން އައްޔަން ކޮށްގެން ކަމަށެވެ.

ޖަވާބުގައި ގާޒީ ނަޖީބް ވިދާޅުވީ ވަކީލަކު އައްޔަން ކުރުމުގެ ފުރުސަތު ކޯޓުން ހަނިކޮށްފައި ނުވާނެ ކަމަށާއި މިއަދުގެ އަޑުއެހުމާ ހަމައަށް ވެސް އެ ފުރުސަތު އެ ބޭފުޅުންނަށް އޮތް ކަމަށެވެ.

ފޯނު ނުދިން މައްސަލާގައި މައުމޫނާއި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ މައްޗަށް ޖަލު ހުކުމެއް އައިއިރު، އެ ބޭފުޅުންގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާއެއް ކްރިމިނަލް ކޯޓުގައި މިހާރު ވެސް އެބައޮތެވެ. އެ މައްސަލަ ކުރިއަށް ގެންދަނީ ވަކިންނެވެ.

މީގެ އިތުރުން ސުޕްރީމް ކޯޓުގައި ޖެމްސް ސިސްޓަމް ހުއްޓުވާލަން އެންގި މައްސަލާގައި އުއްތަމަ ފަނޑިޔާރުގެ މައްޗަށް ކުރިން ވަނީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ވެސް އައިސްފަ އެވެ. އަދި ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވި މައްސަލާގައި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ މައްޗަށް ކުރިން އޮތީ އެއް އަހަރާއި ދެ މަހުގެ ޖަލު ހުކުމެއް ވެސް އައިސްފަ އެވެ.

179 ކޮމެންޓް, 401 ރިއެކްޝަންސް

icon happy icon happy 15%
icon sad icon sad 7%
icon angry icon angry 77%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

1234

14 June 2018

ކޮންކަމަކާ ހާސްވަނީ. އަދި އެބައޮތް އިސްތިއުނާފްގެ މަރުހަލާ. އޭގެން ސަލާމަތްވުމިގެ ފުރުސަތު އެބައޮތް 3 ބޭފުޅުންނަށްވެސް.

The name is already taken The name is available. Register?

ރަޒީނާ

14 June 2018

ދައުލަތުގެ ވަކީލާ އައިޝަތު މުނާ ޝަމީމް އަށް ބުނެލަން.. ޤިޔާމަތް ދުވަސް އެބައޮތް

The name is already taken The name is available. Register?

ބަންތި

14 June 2018

ދެން އަންނަ ސަރުކާރަކުން އަވަސްވެގަންނަންވާނެ ވަރަށް ސާފްކޮށް ބާއްވަން ސަރުކާރުގެ މީހަކަށް، ނުވަތަ އަދުލު އިންސާފް ގާއިމްކުރުމުގެ މީހަކަށް، ނުވަތަ ތަންފީޒީ މީހަކަށް ހުރަސްއެޅުން، މިހާރު މަގުމަތީގައި ޖަހާފައިވާ ކޯނި އޭގައި އެއްޗަކުން ޖެހިއްޖެޔަސް އެއީ ތަންފީޒީ ބަޔަކަށް ހުރަސް އެޅުން، ޤާނޫނާއި ގަވައިދު ނުވިސްނާ ލިއުނީމަ ވާނެގޮތްވަނީ، މިޤައުމު އިސްލާހް ނުވާނެ ދުވަހަކުވެސް

The name is already taken The name is available. Register?

މާހިދުބެ

14 June 2018

މިރާއްޖޭ ފޯނުން މަސްތުވާއެތިކޮޅެއްގެ ވާހަކަވެސް ނުދައްކާނެކަން ޔަގީން. ދެން ވެރިކަމެއް ވައްޓާލާވާހަކަ ރެކޯޑު ކުރެވޭ ސިސްޓަމެއްގަ ދައްކާނީ ކާކު. މައުމޫނަކީ ވެރިކަމުގަ 30 އަހަރުދުވަހު އުޅުނު މީހެއް. ދެއްކިވާހަކަޔަކާ ފޮނުވި އެސްއެމްއެސް އެއް ސަރުކާރުގެ ސިސްޓަމްތަކު ރެކޯޑުވެފަހުންނާނެ އޭގެންހޯދަން ނޫޅި މައުމޫންގެ ކޮންފޯނެއްތަ ތިހޯދަނީ. މައުމޫން ގެންގުޅޭ ކިތައްމެ ފޯނެއް. އޭނަކާކަށް ކޮންދުވަހަކު ގުޅިފޯނެއްތަ ތިހޯދަނީ.

The name is already taken The name is available. Register?

މަހުދީ

14 June 2018

ދިވެހިބަހަށް އިތުރުކުރަންވެއްޖެ. ފޯން ނުދިނުމަކީ އަދުލު އިންސާފު ގާއިމްކުރުމަށް ހުރަސްއެޅުން ކަމަށް. މަގުމަތިންވެސް ފޯނުދޭށޭ މީހަކު ބުނެއްޖިއްޔާ ފޯނު ނުދީ ނުހުންނާތި.

The name is already taken The name is available. Register?

ހޮޓްކިންގ

14 June 2018

މައުމޫނުގެ ވެރިކަމުގައި ކުށެއްކުރުމަކާއި ނުލައި ގަދަބާރުން ޖަލަށްލީ މީހުންގެ ތެރެއިން ބަޔަކު މިއަދުވެސް ދުނިޔޭގައި އެބަތިބި. މިއަދު އެމީހުންގެ ހިތަށް ކޮންމެވެސް ހިތްހަމަޖެހުމެއް ލިބޭނެ.

The name is already taken The name is available. Register?

ހަޤީޤީ

14 June 2018

އަސް މިއަދު އެބަފެނޭ އިންސާފު ގާއިމް ކުރެވޭތަން ސަޅި

The name is already taken The name is available. Register?

ދޫ

14 June 2018

އިންސާފަކީ ވަޅިޖަހާމީހާ ދޫކޮށްލާފަ ތިމާއާ އިދިކޮޅުމީހުން ޖަލަށްލުންތަ?

The name is already taken The name is available. Register?

ގުރައިދޫ

14 June 2018

ގައުމީ ދިފާއީ ބާރުގެ އިންޓެލިޖެންސް ނިދާފަތޯ. ތިބޭފުޅުންނަށް މި ހުރިހާކަމެއް ދާ ގޮތް ނޭނގެނީތޯ. ނޫނީ ބިރުންތޯ! ޢެހެންނޫނީ ވަރިހަމައީތޯ! ތިބޭފުޅުންގެ ހުވާގެ އެއްވެސް ހިސާބަކުން ޔާމިން ނޫނީ ޝިޔާމްގެ ވާހަކަ އާދޭތޯ! ބަލަ އޭގަ އޮންނާނީ އިސްލާމް ދީނާ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ ހިމާތް ކުރަން! އަމިއްލަ ނަފްސާ ސުވާލު ކޮށްލަން ވަގުތު ކޮޅެއް ހުސްކޮށްލައްވާ! ﷲ އައްޓަކާ މި ޤައުމުގެ މުސްތަގްބަލައްޓަކާ. މިއީ ވަކި ބަޔަކަށް ތާއީދު ކޮށްގެން ބުނާ އެއްޗެއް ނޫން. ހަމަޔާ އިންސާފަށް ލޯބި ކުރާ މީހެއްގެ ހައިސިއްޔަތުން ވިސްނޭގޮތް.

The name is already taken The name is available. Register?

ޕޮކަންޑިމޭން

14 June 2018

ކުރިން އިދިކޮޅޭމެން ޤާނޫނު އަސާސީ ހިމާޔަތްކުރާ ވާހަކަ ބުނުމުން މައުމޫނުގެ ގާތަށް އައީ ހިނި.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454