4 ކުދިންނާ ބެހުނު މީހާގެ ދައުވާ ނެގީ އެހެން ކޯޓަކަށް ފޮނުވަން: ޕީޖީ

ގދ. އަތޮޅުގެ ރަށެއްގައި އެއްބަނޑު އެއްބަފާ ހަތަރު އަންހެން ކުދިންނާ، 75 އަހަރުގެ ފިރިހެނަކު ގަދަކަމުން ބަދު އަޚުލާގީ އަމަލު ހިންގި ކަމަށް ބުނާ މައްސަލައިގައި އެ މީހާގެ މައްޗަށް ކުރި ދައުވާ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަނބުރާ ނެގީ އެހެން ކޯޓަކަށް ފޮނުވަން ކަމަށް އެތަނުން މިއަދު ބުނެފި އެވެ.


މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ހައްޔަރު ކުރި އެ މީހާގެ މައްޗަށް، ދައުލަތުން ވަނީ މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި ދައުވާކޮށްފަ އެވެ. އެކަމަކު އެ ރަށުގެ ކޯޓަށް ހުށަހެޅި އެ މައްސަލައިގެ އެއްވެސް އަޑުއެހުމެއް ނުބާއްވަނީސް، މިދިޔަ މާޗު މަހުގެ ފަހުކޮޅު ޕީޖީން ވަނީ ދައުވާ އަނބުރާ ނަގައިފަ އެވެ.

ޕީޖީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ރަށު ކޯޓަށް މައްސަލަ ހުށަހެޅީ، އެކަން ހިނގައިދިޔައީ ރަށުގައި ކަމަށް ވާތީ ކަމަށާއި އެކަމަކު އެ ރަށުގައި މައްސަލަ ކުރިއަށް ގެންދެވެން ނެތް ކަމަށެވެ. އެހެންވެ، އެ އަތޮޅުގެ އެހެން ރަށެއްގެ ކޯޓުގައި ކުރިއަށް ގެންދިޔުމަށް، ޕީޖީން ދައުވާ ނެގީ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިދިޔަ މާޗު މަހުގައި ދައުވާ އަނބުރާ ފޮނުވަން ކޯޓަށް އެންގުމުން، އެ ކޯޓުން އެކަން ކޮށްފައިވަނީ މިދިޔަ ހަފުތާގެ ތެރޭގައި. އަޅުގަނޑުމެން މިހާރު މިދަނީ ޝަރީއަތް ކުރުމަށް، އެ ދައުވާ އެހެން ކޯޓަކަށް ފޮނުވުމަށް އެ މަސައްކަތް ކުރަމުން. ލަފާކުރެވޭ ގޮތުން އެކަމަށް ހަފުތާއެއްހާ ދުވަސް ނަގާނެ،" އޮފިޝަލް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މައްސަލަ ބޭރެއް ނުކުރަން."

އެއްބަނޑު އެއްބަފާ ހަތަރު ކުދިންނާ ބެހުމުގެ އިތުރުން، މީހަކާ އިނދެގެން އުޅޭ އަންހެނަކާ އެކި ފަހަރު މަތިން ޒިނޭ ކުރި މައްސަލައެއްގައި ވެސް އެ މީހާގެ މައްޗަށް ދައުވާ ކުރެ އެވެ. މި ހަތަރު ކުދިންނާ ބެހުމުގެ ތުހުމަތުގައި، އޭނާގެ އިތުރުން އޭނާ ގެންގުޅޭ ބިދޭސީއަކު ވެސް ހައްޔަރުކުުރި އެވެ. އެކަމަކު އެނގިފައިވާ ގޮތުގައި އުމުރުން ދުވަސްވީ މީހާ ހައްޔަރު ކުރުމަށް ފަހު ދޫކޮށްލުމުން މިހާރު އަނެއްކާ ވެސް އޭނާ އުޅެނީ އެ ރަށުގައި ހުންނަ އޭނާގެ ފިހާރަ ހިންގުމުގަ އެވެ. ރަށުގައި ނުފޫޒު ގަދަ ކަމަށް ބުނާ އެ މީހާ، މީގެ 12 އަހަރު ކުރިއްސުރެ އަންނަނީ އެކި ކުދިންނަށް ޖިންސީ ގޯނާ ކުރަމުން ކަމަށް އޭގެ ތެރެއިން ބައެއް ކުދިން ބުނެ އެވެ. އޭނާ ވަނީ އެ ހަތަރު ބެއިންނާއި އެކުދިންގެ މަންމަ ދިރިއުޅޭ ގެ މަރާމާތުކޮށް، ދިރިއުޅެވޭނެ ގޮތް ހަދައިދީފަ އެވެ. އަދި އެ މީހުން ކައިބޮއި ހެދުމަށް، ދަރަންޏަށް އެއްޗެހި ނަގަނީ އެ މީހާގެ ފިހާރައިންނެވެ. ކުދިންނާ ގުޅުން ހިންގީ އެއީ ސަބަބެއް ކަމަށް ބަލައިގެން ކަމަށް އެ ކުދިން ބުނެ އެވެ.