ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ރަންވޭގެ އެންމެ ފަހު ތާރު ފަށަލަ އަޅަން ފަށައިފި އެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ އޮފިޝަލަކު މިއަދު ވިދާޅުވީ ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާމިނުގައި 60 މީޓަރު ހުންނަ އާ ރަންވޭގެ ފަހު ތާރު ފަށަލަން އަޅަން ފެށީ އިއްޔެ ކަމަށެވެ. އެ މަސައްކަތް އެއް މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ އާ ރަންވޭގެ ފަހު ތާރު ފަށަލަ އެޅި ދުވަސް ތާރީހީ ދުވަހަކަށް ވެގެންދާނެ ކަމަށާއި އަމާޒަކީ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ރަންވޭގެ މަސައްކަތް ނިންމާލުން ކަމަށެވެ.
އާ ރަންވޭގެ މަސައްކަތް މި އަހަރުގެ ފަހު ކުއާޓަރުގެ ކުރިން ނިންމަން ހަމަޖެހިފައިވާ ކަމަށް، އެމްއޭސީއެލް އިން ވަނީ މީގެ ކުރިން ބުނެފަ އެވެ. އަދި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެންމެ ފަހުން ވިދާޅުވި ގޮތުގައި، ރަންވޭގެ މަސައްކަތް އަންނަ އޮގަސްޓު މަހުގެ ތެރޭގައި ނިންމާލެވޭނެ އެވެ.
ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާ ހަވާލުކޮށްގެން ކުރިޔަށްގެންދާ މަޝްރޫއުގެ ދަށުން، އާ ރަންވޭ ހަދަނީ ޗައިނާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެންނެވެ.
މި ލޯނުގައި ރަންވޭގެ އިތުރުން 45 މިލިއަން ލީޓަރުގެ ތެޔޮ ރައްކާކުރެވޭނެ ފިއުލް ފާމަކާއި 80،000 ޓަނުގެ ކާގޯ ފެސިލީޓީއެއް ހެދުން ހިމެނޭ ކަމަށް އެމްއޭސީއެލުން ބުންޏެވެ.
ސަރުކާރުން ބުނި ގޮތުގައި އޮގަސްޓް މަހު ރަންވޭގެ މަސައްކަތްތައް އެއްކޮށް ނިމި، މި އަހަރުގެ ފިނި މޫސުމަށް އިތުރު އެއާލައިންތަކަށް ރާއްޖެ އަށް ދަތުރުތައް ފެށޭނެ އެވެ. އާ ރަންވޭ ނިމުމާ އެކު ރާއްޖެ އަށް ދަތުރުތައް ފަށާ އެއާލައިންތަކުގެ ތެރޭގައި ޔޫރަޕްގެ ގިނަ އެއާލައިންތައް ހިމެނެ އެވެ.
އޮގަސްޓް މަހު އާ ރަންވޭގެ މަސައްކަތް ނިންމާއިރު، މިހާރު ވަނީ ފަސް ދިމާލަކުން، ދެ ރަންވޭ ގުޅާލުމުގެ މަސައްކަތް ފަށައިފަ އެވެ. ދެ ރަންވޭ ގުޅާލުމުގެ މަސައްކަތް ކުރަމުން ދަނީ ރޭގަނޑު 12 އިން ހެނދުނު ހައެއް ޖަހަންދެން އެއާޕޯޓުގެ ރަންވޭ ބަންދުކޮށްގެންނެވެ.